ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅިގެން އެކަމުގައި އެދެވޭ އެއްވެސް މަދަދެއް ދިނުމުގެ ބަދަލުގައި ބިރުވެރިކަން ފަތުރަމުންދާ ކަމަށް ބުނެ ޗައިނާއިން އެމެރިކާ ކުށްވެރި ކޮށްފިއެވެ.

އެމެރިކާއަކީ ވައިރަސްއާ ގުޅިގެން ޗައިނާ މީހުން އެތެރެވުން އެންމެ ފުރަތަމަ މަނާކުރި ގައުމެވެ. އަދި އެމެރިކާއަކީ، ޗައިނާގައި ހުންނަ އެމްބަސީން ދެބައިކުޅަ އެއްބައި ސްޓާފުން ހުސްކުރަން ގަސްދުކޮށް އެކަން ހާމަކުރި ފުރަތަމަ ގައުމު ކަމަށްވެސް، ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ހުއާ ޗުނީންގް ވިދާޅުވިއެވެ.

"އެމީހުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ހަމައެކަނި އުފެދި ފެތުރެމުންދަނީ ބިރުވެރިކަން"
ހުއާ

ހުއާ ޗުނީންގް ވިދާޅުވީ، ވައިރަސްގެ މައްސަލާގައި ދުނިޔޭގެ ގައުމުތަކުން ނިންމާ ނިންމުންތަކާއި، ރައްދުގައި އަޅާ ފިޔަވަޅުތަކަކީ، އެކަށީގެންވާ ސަބަބުތައް ހުރެގެން އަދި ސައިންސްގެ އަލީގައި އަޅާ ފިޔަވަޅުތަކަކަށްވުމަށް ޗައިނާއިން އުންމީދުކުރާ ކަމަށެވެ.

ކޮރޯނާވައިރަސްއަށް އެމެރިކާއިން މިހާތަނަށް އެގާރަމީހަކު ޕޮޒިޓިވް ވެފައިވާއިރު، އެމެރިކާއިން މިހާރުވަނީ ލެވެލް 4 ގެ އިންޒާރު އެމެރިކާ ރައްޔިތުންގެ މައްޗަށް ނެރެފައެވެ. އެއީ، އެމެރިކާ ރައްޔިތުން ޗައިނާއަށް ދަތުރުކުރުން މަނާކުރާ ލެވެލްއެވެ.

ޗައިނާ ޚާރިޖިއްޔާގެ ތަރުޖަމާނު ހުއާ ޗުނީންގް ވިދާޅުވީ، ކޮރޯނަވައިރަސްއާ ދެކޮޅަށް ޗައިނާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ދުނިޔޭގެ ގިނަ ގައުމުތަކުން ބަލައިގަނެ އެކަމަށް ތާއީދުކުރާ ކަމަށެވެ. ހަމަ އެއާއެކު، ޗައިނާއިން އަންނަ މީހުން ކަރަންޓީނު ކުރުމަށް ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކަށް ޗައިނާ ސަރުކާރު އިހްތިރާމްކުރާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

"އެހެން ނަމަވެސް، ބައެއް ގައުމުތައް، ޚާއްސަކޮށް އެމެރިކާއިން ވަނީ މާ ކަންތައްގަނޑު ބޮޑުކޮށްފައި. އެއީ، ޑަބްލިޔޫއެޗްއޯގެ އިރުޝާދާ މުޅިން ޚިލާފްކަމެއް"
ހުއާ