މުއައްޒަފުންގެ މެދުގައި ރޫޙު އާލާކޮށް މަސައްކަތްކުރުމުގެ އަޚުލާޤާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ކޮންމެ ކުންފުންޏަކުންވެސް ކުރަން ބޭނުންވެފައި އޮންނަ ކަމެކެވެ. އަދި ގިނަ ފަހަރަށް އަހަރީ ޖަލްސާއެއް ބާއްވައި ހަމައެކަނި ދެތިން އިނާމަކުން ފުއްދައިލުމަކީ ވަރަށް ޢާންމު ކަމަކަށްވަނީ ވެފައެވެ. ނަމަވެސް މިއަދު އެފަދަ ވިސްނުން ބަދަލުވެ އޯގާތެރިކަމާއި އަޅައިލުމަކީ މުއައްޒަފުންނަށްވެސް އޮންނަންޖެހޭނެ ކަމެއްކަމަށް ގިނަ ކުންފުނިތަކުން ދަނީ ދެކެމުންނެވެ.
އެގޮތުން މުއައްޒަފުންގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަ ކުރުމާއި އެއްބައިވަންތަ ކަމާއި މަސައްކަތުގެ ރޫޙު އާލާކުރުމުގެ ގޮތުން ވިލާ ހަކަތައިގެ މުއައްޒަފުންގެ މެދުގައި ކުޅިވަރު ރިލޭއެއް މިވަނީ ބާއްވައިފައެވެ.
ދިވެހީންގެ ފާގަތި ދިރިއުޅުމަށް ބޭނުންވާނެ އަސާސީ ޚިދުމަތްތައް އެންމެ ފުޅާދާއިރާއެއްގައި ދެމުންގެންދާ ވިލާހަކަތައިން މި ރިލޭ ބާއްވައިފައިވަނީ ކ. ތިލަފުށީގައެވެ.
މާލެއާއި ހުޅުމާލެ އަދި ތިލަފުށީގައި ވަޒީފާ އަދާކުރަމުންދާ ހުރިހާ މުއައްޒަފުންގެ މެދުގައި މި ކުޅިވަރުތައް ބާއްވައިފައިވަނީ ވިލާ ހަކަތަ ރެޖިސްޓްރީ ކުރިތާ 20 އަހަރު ފުރުން ފާހަގަކުރުމުގެ ޙަރަކާތްތަކުގެ ތެރެއިންނެވެ.
މި ކުޅިވަރުތަކުގެ ތެރޭގައި ގޯނިރޭހާއި، ތިންފައި ރޭސް، ބިސްރޭހާއި ފެން ގުޑުގުޑު އަދި ކޮނޑުގައި އޮތް ފުރޯ ވަލުން ހޯދުމުގެ ރޭހުގެ އިތުރުން ގޭސް ސިލިންޑަރު އުފުލުމާއި ބަނަސް ކެއުމުގެ ރޭހާއި ވާދެމުން ހިމެނެއެވެ.
ވަރަށް އުފާވެރި މާޙައުލެއްގައި ކުރިއަށްދިޔަ މި ޙަރަކާތްތައް އިންތިޒާމުކޮށް ރާވައި ހިންގައިފައިވަނީ ހުރިހާ މުއައްޒަފުންގެ އެއްބާރުލުމާއި ބައިވެރިވުން ހިމެނިގެން ކަމަށް ވިލާހަކަތަ ތިލަފުށިން މަޢުލޫމާތު ދީފައިވެއެވެ.
މި ރޭސްތަކުގައި ވިލާހަކަތައިގާ ވަޒީފާ އަދާކުރާ ދިވެހީނާއި އިންޑިއާ، އަދި ނޭޕާލާއި ބަނގްލަދޭޝް މުއައްޒަފުން ބައިވެރިވިއެވެ. އެންމެންގެ މެދުގައި ތަފާތު ކުރުމެއްނެތި ހަމަހަމަ ކަމާއިއެކު ކުރިއަށްދިޔަ މި ކުޅިވަރުތަކުގައި ވަނަވަނައަށްދިޔަ ފަރާތްތަކަށް ތަށްޓާއި މެޑަލް އަދި އިނާމު ދީފައިވެއެވެ.
1970 އިގެ އަހަރުތަކުގެ ތެރޭގައި އެންމެ ތެޔޮ ފީފާއަކުން ފެށުނު ވިޔަފާރި މާފަންނުވިލާއިން އޭއެފް 3 ނަމްބަރު ފިހާރައަށް ބަދަލުވެ އަދި އެއަށްފަހު ވިލާ ޝިޕިންގުގެ ތެރެއިން މިއަދު ވިލާހަކަތަ ވަނީ ދުނިޔޭގެ ފެންވަރުގައި ޚިދުމަތްދޭ ތަނަކަށް ވެފައެވެ. މުއައްޒަފުންގެ ދުޅަހެޔޮކަމާއި މުއައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރާ ތަނެއްގެ ގޮތުގައި ޚިދުމަތް ދެމުންދާ ވިލާހަކަތައަކީ ދިވެހިރާއްޖެއަށް ކައްކާގޭސް ތަޢާރަފްކުރި ކުންފުންޏެވެ. އަދި އެންމެ ފުޅާދާއިރާގައި މިބާވަތުގެ މުދާ އަގުބޮޑުވިޔަނުދީ ބާޒާރުގައި ހިފަހަށްޓަމުން އަންނަ ކުންފުންޏަކީވެސް ވިލާ ހަކަތައެވެ.
ވިލާ ގުރޫޕް އޮފް ކޮމްޕެނީސްގެ ޗެއަރމަން އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ މި ޚިދުމަތްތަކަކީ އަމިއްލަފުޅު ފައިދާއަށްވުރެ ބޮޑަށް ރާއްޖޭގައި އިންވެސްޓު ކުރައްވައިގެން ރައްޔިތުންގެ ދިރުއުޅުން ފާގަތި ކުރެއްވޭތޯ ބެއްލެވުމަށްޓަކައި ކުރައްވާ ކަމެއް ކަމަށެވެ.
ވިލާ ހަކަތައިން ބުނިގޮތުގައި މުއައްޒަފުންގެ ހިތްހަމަޖެހުމަކީ މަސައްކަތުގެ މާޙައުލު އުފާވެރިވެ ދެވޭ ޚިދުމަތުގެ ފެންވަރު ފާގަތިވެގެންދާ ކަމެއް ކަމުގައެވެ.
ވިލާ ހަކަތައިން ތިލަފުށީގައި ބޭއްވި މުއްޒަފުންގެ އެއްބައިވަންތަކަން ރަމްޒުކޮށްދޭ މިޙަރަކާތްތައް ނިންމައިލަފައިވަނީ މުއައްޒަފުންނަށް ޚާއްޞަ ރެއެއްގެ ގޮތުގައި ކުރިއަށްދިޔަ މިއުޒިކް ޝޯވއަކާއި ބާރބެކިއު އަކުންނެވެ.