ގައުމީ ޓީމުން ރިޓަޔާކުރުމުން އެ ކުޅުންތެރިންނަށް ހާއްސަ ލޯނު ސްކީމަކާއި އަނިޔާތަކަށް ފަރިވާދެވޭނެ ހާއްސަ އިންޝުއަރެންސް ސްކީމެއް ތައާރަފްކުރުމަށް ނިންމިކަން އިއުލާނުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދިވެހި ކުޅިވަރު އެތުލީޓުންނަށް އުފާވެރިކަން ގެނެސްދެއްވައިފި އެވެ.

ދިވެހި ކުޅިވަރު އާއިލާއަށް އަމާޒުކޮށް މި ކަންކަން ކޮށްދެއްވާނެކަން ހާމަކޮށްދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރު ޖަލްސާތައް ފައްޓަވާ ދެެއްވައި ދެެއްވި ރިޔާސީ ބަޔާނުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމީ ޓީމަކަށް މަދުވެގެން 5 އަހަރު ކުޅެފައިވާ ކުޅުންތެރިން ރިޓަޔަރކުރުމުން، ދިރިއުޅުމަށްޓަކައި އެހެން މަސައްކަތެއް ފެށުމަށް އެހީތެރިވެދިނުމުގެ ގޮތުން، މިއަހަރުގެ ތެރޭގައި ލޯން ސްކީމެއް ތަޢާރަފުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މި ލޯން ސްކީމުގެ އިތުރުން ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދިމާވާ ކުޅިވަރުގެ އަނިޔާތަކަށް ފަރުވާދެވޭނެ އިންޝުއަރެންސް ސްކީމެއް ތަޢާރަފްކޮށް މިއަހަރުގެ ތެރޭގައި ޚިދުމަތް ލިބެން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި މިދިޔަ އަހަރަކީ އެންމެ ގިނަ މެޑަލް ލިބުނު އަހަރެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެ ވާދަކުރި ބައިނަލްއަޤްވާމީ މުބާރާތްތަކުން ޖުމްލަ 46 މެޑަލް ހޯދާފައިވާއިރު ގިނަ ރަން މެޑަލްތަކެއްވެސް ވަނީ ހޯދާފައެވެ. އަދި މީގެއިތުރުން ރާއްޖެ ވާދަކުރި ބޮޑު ދެ ކުޅިވަރު މުބާރާތް ކަމަށްވާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއާއި ސައުތު އޭޝިއަން ގޭމްސްގައި ދިވެހި އެތްލީޓުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާ ރާއްޖޭގެ ކުޅިވަރު ތާރީހު ބަދަލުކޮށްލާފައެވެ.

ބައިނަލްއަގުވާމީ ފެންވަރަށް ކުޅުންތެރީން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ކުޅިވަރުގެ ހުނަރު ހޯދޭނެ ގޮތަށް ރާއްޖޭން ބޭރުން ކިޔެވުމުގެ ފުރުސަތު ހޯދައިދޭން ސަރުކާރުން ނިންމާފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާތީ އެކަމަށް ބޭނުންވާ ޢުމްރާނީ އަދި އެހެނިހެން ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް، މިހާރު ފެށިފަވާކަމަށް މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ރައީސްވަނީ ވިދާޅުވެފައެވެ.

މިއީ ރިޔާސީ ބަޔާނެއްގައި ރާއްޖޭގެ ރައީސަކު ކުޅިވަރަށް މިހާތަނަށް ކޮށްދެއްވުމަށް އިއުލާނުކުރެއްވި އެންމެ ފާހަގަކޮށްލެވޭ ކަންކަމެވެ. މި ނިންމުންތަކާއި ގުޅިގެން ދިވެހި ކުޅިވަރު އެތްލީޓުން ދަނީ ސޯޝަލް މީޑިއާގައި އުފާފާޅުކުރަމުންނެވެ.