• ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން 84 އިންސައްތަ މީހުން މަރުވޭ
  • މީގެތެރެއިން 17 އިންސައްތަ މީހުންނަކީ ކެންސަރު ބަލީގެ ސަބަބުން މަރުވާ މީހުން
  • އެވަރެޖްކޮށް ކޮންމެ މަހަކު 53 މީހުން އަލަށް ކެންސަރު ބަލި ޖެހިގެން އައިޖީއެމްއެޗް އަށްދޭ
  • މިދިޔަ އަހަރު ކެންސަރުގެ 149 އޮޕަރޭޝަން އައިޖީއެމްއެޗްގައި ކޮށްފައިވޭ

ރާއްޖެ އަކީ ދުނިޔޭގެ ނިސްބަތުން ކިތަންމެ ކުޑަ ގައުމެއް ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކާ އެއްވަރަށް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުތައް ގެންނަމުންދާ ގައުމެކެވެ. ކުރިއަރާފައިވާ ގައުމުތަކުގެ ކެއިން ބުއިމުގައި ބޭނުންކުރާ ތަކެއްޗާ އާންމު ދިރިއުޅުމުގައި ބޭނުންކުރާތަކެތިގެން އެގައުމުތަކާ އެއްވަރަށް ފަސޭހައިން މިގައުމުންވެސް ލިބެން ހުރެޔޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މީގެ ނަތީޖާ އަކީ އެގައުމުތަކުގައިވެސް ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކާއެކު ފެތުރޭ ބަލިތަކާ ނުވަތަ އާންމުވާ ބަލިތައް މިކުޑަކުޑަ ރާއްޖޭގައި ވެސް އާންމުންދިއުމެވެ. މީގެތެރެއިން އެއް ބައްޔަކީ ކެންސަރު ބައްޔެވެ.

ދިވެހިންގެ ކެއިންބުއިމުގެ ވައްޓަފާޅިއަށް އައި ބޮޑު ބަދަލުގެ ސަބަބުން ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން އަންނަ ކަމަށް ސިއްހީ މާހިރުން މިދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އޭގެތެރެއިން އެއް ބައްޔަކީ މިހާރު ރާއްޖޭގައި އާންމުވެފައިވާ ކެންސަރުބައްޔެވެ. ކެންސަރަކީ މިހާރަކަށް އައިސް ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް އިތުރުވަމުން އަންނަ ބައްޔެކެވެ. ކެންސަރު ބައްޔަކީ ހަށިގަނޑުގައި ހުންނަ ސެލްތަކަށް އަންނަ ބަދަލެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލި ހަށިގަނޑުގެ އެކި ގުނަވަންތަކަށް ޖެހެވެ. 2018 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރެފައިވާ ރިޕޯރޓުގައި ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން 84 އިންސައްތަ މީހުން މަރުވާއިރު މީގެތެރެއިން 17 އިންސައްތަ މީހުންނަކީ ކެންސަރު ބަލީގެ ސަބަބުން މަރުވާ މީހުންކަން ވަނީ ފާހަގަކޮށްފައެވެ.

އައިޖީއެމް ހޮސްޕިޓަލްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެވަރެޖްކޮށް ކޮންމެ މަހަކު 53 މީހުން މުޅިން އަލަށް ކެންސަރު ބަލި ޖެހިގެން އެ ހޮސްޕިޓަލްގައި ރެޖިސްޓަރ ކުރާއިރު މިއީ އަހަރަކަށް ބަލާނަމަ ކެންސަރު ބަލީގެ 636 ކޭހެވެ. މިދިޔަ އަހަރު ކެންސަރުގެ 149 އޮޕަރޭޝަން އައިޖީއެމްއެޗްގައި ކޮށްފައިވާއިރު ރެޖިސްޓްރީވެގެން ގަވައިދުން އައިޖީއެމްއެޗްގައި ކީމޯ ނަގަމުންދާ 34 ޕޭޝަންޓުން އެބަތިއްބެވެ. މިއީ އަޅުގަނޑުމެންގެ ރާއްޖެފަދަ ކުޑަ އާބާދީއަކުން ފެންނާނެ ބޮޑު އަދަދެކެވެ.

2016 ވަނަ އަހަރުގެ އާސަންދައާއި އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އެންމެ ޢާންމު ކެންސަރު ތަކުގެ ތެރޭގައި ހިމެނެނީ އަނގައިގެ ކެންސަރެވެ. އަދި ކެންސަރު ބަލީގެ ތެރެއިން ރާއްޖޭގައި ފިރިހެނުންނަށް އެންމެ އާންމުކޮށް ޖެހެނީ އަނގައިގެ ކެންސަރު، ފުއްޕާމޭގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު، ބަނޑުގެ ކެންސަރާއި މޭގެ ކެންސަރެވެ. އަންހެނުންނަށް ޖެހެނީ އަނގައިގަ ކެންސަރު، އުރަމަތީގެ ކެންސަރު، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު (ސަރވިކަލް ކެންސަރު)، ފުއްޕާމޭގެ ކެންސަރާއި ތައިރޮއިޑް ކެންސަރެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކެންސަރު ބައްޔަކީ ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބެވެ. މިގޮތުން 2018 ވަނައަހަރު 9.6 މިލިއަން މީހުން ކެންސަރު ބަލީގެ ސަބަބުން މަރުވެފައި ވެއެވެ. މީގެ ތެރެއިން 30 އިންސައްތަ ނުވަތަ 50 އިންސައްތަ ކެންސަރަކީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލީގެ، ހިރާސްތަކާއި ދުރުވުމުން އެފަދަ ބަލިތަކުން ސަލާމަތްވެ ހުރެވޭނެ ފަދަ ކެންސަރު ބަލިތަކެވެ. ކެންސަރުގެ ހިރާސްތަކުގެ ތެރޭގައި ދުންފަތް، އިރުގެ ދޯދިތަށް، ދުފާ އެއްޗިސް، ހެޕަޓައިޓިސް ބީ/ ހިއުމަން ޕެޕިލޯމާ ފަދަ ވައިރަސް އަދި ރޭޑިއޭޝަން ފަދަ ރޭޑިއޯ އެކްޓިވް މާއްދާތަށް ހިމެނެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ބުނީ ރާއްޖޭގައި ކެންސަރުޖެހޭ މީހުންގެ އަދަދު މަދުކުރުމަށް ކަމާގުޅުންހުރި އިދާރާތަކާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމަށް ކުރެވޭ އެކި މަސައްކަތްތަކާއި ކެންސަރު ބަލި ކޮންޓްރޯލް ކުރުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތް ކުރުމަށް "ނެޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭން" މި އަހަރު އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އަދި މިނޫނަސް އެކި ވައްތަރުގެ ކެންސަރު ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމްތައް އިންތިޒާމްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ޕްރޮގްރާމްތައް ހިންގެމުންދާ ކަމަށާ ކެންސަރު ބަލީގެ ޤައުމީ ދަފްތަރު ވެސް މިހާރު އެކުލަވާލާފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

ކެންސަރު ބައްޔަކީ އޭގެޒާތުގައި އިންސާނާގެ ހަށިގަނޑަށް ވަރަށް ނުރައްތެރި ބައްޔެކެވެ. މި ބަލިޖެހުމުން އިންސާނާގެ ގައިގައި އުފެދެމުން އަންނަ ގުނަވަންތަކާ މަސައްކަތް ކުރަމުންދާ ގުނަވަންތައް ހުއްޓުމަކަށް އާދެއެވެ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ސީނިއަރ މެޑިކަލް އޮފިސަރ ޑރ. ރަޒާނާ ފާއިޒް ވިދާޅުވީ މިބައްޔަކީ މައިންބަފައިންނާ ޢާއިލާގެ ފަރާތުންވެސް ވަރުތަވާ ބައްޔަކަށް ވާއިރު މިފަދަ ބަލިތަކަށް ސަމާލުވުމަކީ އަޅުގަނޑުމެންގެ އަމިއްލަ ޒިންމާއެއް ކަމަށެވެ. ރަޒާނާ ވިދާޅުވީ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުން މިބައްޔަކީ ވާރުތަކުރާ ބައްޔެއް ނަމަވެސް މީހާ ދިރިއުޅޭ މާހައުލުން ދިމާވާ ކަމެއްގެ ސަބަބުން ބަލީގެ ފުރުސަތު ބޮޑުވާ ކަމަށެވެ. މިސާލަކަށް ފުއްޕާމޭގެ ކެންސަރު ވާރުތަވުމުގެ ފުރުސަތު އޮންނަ މީހަކު ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އެފުރުސަތު އެއަށްވުރެ ބޮޑުވާނެ ކަމަށް ވިދާޅުވިއެވެ.

ކެންސަރު ބަލީގެ ޢަލާމާތތްތައް އެހެން ބަލިތަކުގެ ޢަލަމާތްތަކާ ތަފާތެވެ. އެއީ ކެންސަރު ބަލީގެ ޢަލާމާތްތައް ފެންނާނީ އެބަލިޖެހޭ ގުނަވަނަކުން ކަމަށްވާތީއެވެ. ޑރ ރަޒާނާ ވިދާޅުވީ އުރަމަތީގެ ކެންސަރާ ރަހިމުގެ ކެންސަރުން ދުރުވުމަށް ގަވައިދުން ޑޮކްޓަރަށް ދައްކާ ޓެސްޓް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

* އުރަމަތީ ކެންސަރުނަމަ އުރަމަތީގައި ގޮށެއްލުން ނުވަތަ ހަރުތަންގަނޑެއް ހުރުން، ކުރިން ނުހުންނަ ގޮތަކަށް އުރަމަތީގެ ހަންގަނޑަށް ކުއްލި ބަދަލެއް އައުން ނުވަތަ ރަތްވުމާ ލޭ އައުންފަދަ އަލާމާތްތައް ފެންނާނެ

* އަގައިގެ ކެންސަރުނަމަ ހުދުކުލައިގެ ފާރު ކޮޅެއް ރަނގަޅުނުވެ ގިނަދުވަސްތަކަކަށް އަނގައިގައި ހުރުމަކީ ކެންސަރު ބަލީގެ ޢަލާމާތެއް

* ފުއްޕަމޭގެ ކެންސަރުނަމަ ރޯގާގެ އަސަރު ހުރުމާއެކު، ނޭވާލާން އުނދަގޫވެ، ކަރުން ލޭ އައުން އަދި ކެންސުމާ މޭގަ ރިއްސުން ފަދަ ޢަލާމާތްތައް ހިމެނޭ

* ރަހިމުގެ ކެންސަރުގެ ޢަލާމާތްތަކުގެ ތެރޭގައި އާދަޔާ ޚިލާފަށް ގިނައިން ލޭ އައުމާ، އުމުރުން މާ މަތިވުމަށްފަހު ކުއްލި ގޮތަކަށް ގިނައިން ލޭއަންނަން ފެށުން އަދި ދަށްބަނޑުގައި ރިއްސުން ހިމެނޭ

* ޖުމްލަ ގޮތެއްގައި ކޮންމެ ބާވަތެއްގެ ކެންސަރެއް ޖެހުނު ނަމަވެސް އެމީހާގެ ބަރުދަން މާބޮޑަށް ލުއިވެ މީހާ ވަރުބަލިވުމަކީ ކެންސަރުގެ ޢަލާމާތެއް

ޑރ ވިދާޅުވަނީ ކެންސަރު ފަދަ ގައިން ގަޔަށް ނާރާ ބަލިތައްޖެހެން ދިމާވާ މައިގަނޑު ސަބަބަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއި ކެއުމުގެ އާދަކާދައަށް އައި ބަދަލުތައް ކަމަށެވެ. ކުއްޖާ އެންމެ ކުޑައިރުއްސުރެ ތަރުކާރީ އާއި މޭވާ ކެއުމަށް އާދަކުރުވަން ވާނެ ކަމަށާ މިފަދަ ބަލިތަކުން ސަލާމަތްވުމަށް ތައްޔާރީ ކާނާއާއި ކުޑަކުދިންނާ ޒުވާނުން ދުރުކުރަންޖެހޭ ކަމަށް ޑޮކްޓަރުން ލަފާދެއެވެ. އަދި ބިޒީ ޝެޑިއުލްގައި މަސައްކަތް ކުރައްވާ ބޭފުޅުންވެސް ކެއުމުގެ އަދަކާދަ ހަރުދަނާ ކުރަންޖެހެއެވެ. މީގެ އިތުރުން އިންސާނާ ހެލިފެލިވެ އުޅޭ މިންވަރު އިތުރު ކުރުމަށްޓަކައި ކަސްރަތު ކުރުންވެސް މުހިންމެވެ. އަދި ކެންސަރުގެ އެއްވެސް ޢަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯއްދެވުމަކީ މުހިންމު ކަމެކެވެ.