މޯލްޑިވިއަން އިން ށ. ފުނަދޫ އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށައިފިއެވެ.

ވިނިއުސް އަށް މައުލޫމާތު ދެމުން މޯލްޑިވިއަން އިން މިއަދު ބުނީ އެ އެއާލައިން އިން ފުނަދޫ އަށް މިމަހުގެ ތިން ވަނަ ދުވަހު ޝެޑިއުލް ދަތުރުތައް ފަށާފައިވާއިރު މި ދަތުރުތަކަށް އޮތް ޑިމާންޑް ވަރަށް ބޮޑު ކަމަށެވެ. އަދި ފުނަދޫ އަށް ކުރާ ދަތުރުތަކަށް އާންމުންގެ ތަރުހީބް ވަރަށް ބޮޑަށް ލިބެމުންދާ ކަމަށެވެ. ފުނަދޫ އަށް މޯލްޑިވިއަން އިން ކުރާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 805 ރުފިޔާއެވެ.

ސަރުކާރުން ށ. ފުނަދޫގައި ތަރައްގީކޮށްފައިވާ ޑޮމެސްޓިކް އެއަރޕޯޓަށް މޯލްޑިވިއަންގެ ފުރަތަމަ ޓެސްޓް ފްލައިޓް ޖެއްސީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ހެނދުނެވެ.

ރަސްމީކޮށް ދަތުރުތައް ފެށުމާއެކު ހަފްތާއަކު ތިން ފްލައިޓް ފުނަދޫ އެއަރޕޯޓަށް ޖެއްސުމަށް މޯލްޑިވިއަނުން ވަނީ ނިންމާފައެވެ. އަދި މާރޗް މަސް ނިމެންވާއިރަށް ދުވާލަކު ތިން ފްލައިޓް އެ އަރޕޯޓަށް ޖެއްސޭ ގޮތަށް ދަތުރުތައް ޝެޑިއުލް ކުރެވިގެންދާނެ ކަމަށް ސިވިލް އޭވިއޭޝަނުން ވަނީ ބުނެފައެވެ.

1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާ އެކު ހަދާފައިވާ ފުނަދޫ ޑޮމެސްޓިކް އެއަރޕޯޓަކީ 90 މީޓަރުގެ ޓެކްސީވޭ އަކާއެކު ތަރައްގީ ކޮށްފައިވާ އެއާޕޯޓެކެވެ. މިއެއާޕޯޓުގައި ހަދާފައިވާ އޭޕްރަންގެ ފުޅާމިނުގައި 50 މީޓަރު އަދި ދިގު މިނުގައި 150 މީޓަރު ހުރެ އެވެ. ކުރިން 21 ހެކްޓަރުގެ ސަރަޙައްދެއް ހިއްކައިގެން ހެދުމަށް ހަމަޖެއްސި ފުނަދޫ އެއަރޕޯޓުގެ މަޝްރޫއަށް މިހާރު ވަނީ އެރަށުގެ އުތުރުކޮޅުގެ ހުޅަނގު ފަރާތު ފަޅުތެރެއިން 40 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކާފައެވެ.

ފުނަދޫ އެއާޕޯޓް ހެދުމަށް ދައުލަތުގެ ބަޖެޓުންވަނީ 89 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.