ނޮވެލް ކޮރޯނާވައިރަސްގައި ހޮންގްކޮންގުން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.

މިއީ، މެއިންލެންޑް ޗައިނާއިން ބޭރުން ކޮރޯނާވައިރަސްގައި މަރުވި ދެވަނަ މީހާއެވެ. ވައިރަސްގައި މީގެކުރިން ޗައިނާއިން ބޭރުން މީހަކު މަރުވެފައިވަނީ ފިލިޕީންސުންނެވެ.

ފިލިޕީންސްގައި އާދީއްތަދުވަހު މަރުވެފައިވަނީ ޗައިނާގެ ރައްޔިތެކެވެ. އޭނާ އައީ ވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ވުހާން ސިޓީން ކަމަށް ފިލިޕީންސްގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައި ވެއެވެ.

ވައިރަސްއަށް ޕޮޒިޓިވްވި އުމުރުން 39 އަހަރުގެ ހޮންގްކޮންގ މީހަކު މަރުވެއްޖެކަން، ހޮންގްކޮންގ ސަރުކާރުން މިއަދު ކަށަވަރުކޮށްދިންއިރު، ވައިރަސް ފެތުރުން މަޑުޖެއްސުމުގެގޮތުން ހޮންގްކޮންގުން ޗައިނާއަށް އެތެރެވެވޭން އޮންނަ ދޮރާށިތަކުގެ ތެރެއިން ދެ ދޮރާށްޓެއް ފިޔަވައި އެހެން ހުރިހާ މަގުތަކެއް މިހާރުވަނީ ބަންދުކޮށްފައެވެ. އެކަމަކު، ހޮންގްކޮންގެ ޑޮކްޓަރުންނާއި ނަރުހުންގެ ޔޫނިއަނުން ގެންދަނީ ހޮންގްކޮންގ ޗައިނާ ވަކިކުރާ އިން އެކަށް ބަންދުކުރުމަށް ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ.

އަނެއްކޮޅުން، ވައިރަސްގެ ސަބަބުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޗައިނާއިން އިތުރު 64 މީހުން މަރުވެފައިވާ ކަމަށް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިއަދު ހާމަކޮށްފައި ވެއެވެ. މި އަދަދާއެކު، ކޮރޯނާވައިރަސްގެ ސަބަބުން ހަމައެކަނި ޗައިނާއިން މަރުވި މީހުންގެ އަދަދު މިވަނީ 425 އަށް އަރާފައެވެ. ފިލިޕީންސާއި ހޮންގްކޮންގުން މަރުވި ދެމީހުންނާއެކު ވައިރަސްގެ ސަބަބުން މިހާތަނަށް މަރުވި މީހުންގެ އަދަދު މިވަނީ 227 އަށް އަރާފައެވެ.

އަދި ޗައިނާގެ އެކި ހިސާބުތަކުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވިހިހާހަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށް ނޭޝަނަލް ހެލްތު ކޮމިޝަނުން ހާމަކޮށްފައި ވެއެވެ.

ވައިރަސްގެ ނުރައްކާ ބޮޑުވެގެން ޗައިނާ ސަރުކާރުން މިހާރުވަނީ އިތުރު ދެ ސިޓީއެއް ބަންދުކޮށް ފިޔަވަޅު އަޅާފައެވެ. އެއީ، ވުހާން ސިޓީއާ މާ ދުރުގައި އޮންނަ ދެ ސިޓީއެވެ. ޓައިޝޫ ސިޓީގެ އިތުރުން، ހާންޝޫ ސިޓީގެ ބައެއް އަވަށްތައް ބަންދުކުރިއިރު، ޗައިނާގެ އޮންލައިން ވިޔަފާރީގެ ޖަޔަންޓް އަލީބާބާގެ މައި އޮފީސް ހުންނަ އަވަށްވެސް މީގެތެރޭގައި ހިމެނެއެވެ.

ޗައިނާގެ ޝެޖިއާންގ ޕްރޮވިންސްގައި ހިމެނޭ ވެންޒޫ ސިޓީ ހަފްތާ ބަންދުގައި ވަނީ ރައްކާތެރި ފިޔަވަޅެއްގެގޮތުން ބަންދުކޮށްފައެވެ. އެއީ ނުވަމިލިއަން މީހުންގެ އާބާދީއެއް ހިމެނޭ ސިޓީއެކެވެ. ބަންދުކުރި ސިޓީތަކުން އާންމުންނަށް ގެއިން ބޭރަށް ނުކުމެވެނީ ދެދުވަހަކުން އެއްދުވަހުއެވެ. އެއީ، ކާބޯތަކެތި ގަތުމަށެވެ.