ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގައި ޗައިނާއިން މަރުވި މީހުންގެ އަދަދު 490 އަށް އަރައިފިއެވެ.

މިއާއެކު، ޗައިނާއިން ބޭރުން މަރުވި ދެމީހުންނާއެކު ވައިރަސްގެ ސަބަބުން މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 492 އަށް އަރާފައެވެ.

ޗައިނާއިން މަރުވި މީހުންގެ އަދަދު މައްޗަށް މިދިޔައީ، ވައިރަސްގެ ބަލީގައި ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 65 މީހަކު މަރުވެފައިވާ ކަމަށް ހޫބޭ ޕްރޮވިންސުން ރިޕޯޓްކުރުމާ ގުޅިގެންނެވެ. ނޮވެލް ކޮރޯނާވައިރަސްގައި އެންމެ ފުރަތަމަ ފެތުރޭންފެށި ވުހާން ސިޓީއަކީ ހޫބޭ ޕްރޮވިންސްގެ ވެރިރަށެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނީ، އަންގާރަ ދުވަހުގެ ނިޔަލަށް ޗައިނާގެ 24،324 މީހުން ވައިރަސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ޗައިނާއިން ބޭރުން މިހާތަނަށް 25 ގައުމަކުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުން ފެނިފައިވާއިރު، މެއިންލޭންޑް ޗައިނާއިން ބޭރުން ވައިރަސްގެ ސަބަބުން މީހުން މަރުވެފައިވަނީ ހޮންގްކޮންގާއި، ފިލިޕީންސުންނެވެ.

ނޮވެލް ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ހޫބޭ ޕްރޮވިންސްގައި ތިބި ބޭރު ގައުތަކުގެ ރައްޔިތުން އެ ޕްރޮވިންސުން ބޭރުކުރުމުގެ މަސައްކަތް ގައުމުތަކުން ވަރަށް ބާރަށް ކުރިއަށް ގެންދާއިރު، ދުނިޔޭގެ ގައުމުތަކުން މިހާރު ގެންދަނީ އެ ގައުމުތަކުގެ ރައްޔިތުން ޗައިނާއަށް ދަތުރުކުރުން މަނާކުރަމުންނެވެ. އަދި ޗައިނާ ރައްޔިތުން ގައުމުތަކަށް އެތެރެވުން މަނާކުރަމުންނެވެ.

އަނެއްކޮޅުން، މި ވައިރަސްއާ ކުރިމަތިލުމުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބާރުން އިތުރުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިންވަނީ ގޮވާލާފައެވެ. މިއާއެކު، ވައިރަސްއާ ގުޅޭ ތަފާސްހިސާބުތައް ހިއްސާކުރުމުގައި ބައެއް ގައުމުތައް މާ ފަހަތުގައި އުޅޭ ކަމަށް ވިދާޅުވެ ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްވަނީ އެ ގައުމުތައް ކުށްވެރިވެސް ކުރައްވާފައެވެ.