ނޮވެލް ކޮރޯނާވައިރަސް ފެތުރެމުންދާތީ، ވައިރަސްއިން ރައްކާތެރިވުމަށް އާންމުން ބޭނުންކުރާ ފޭސްމާސްކް އަގުބޮޑުކޮށް ވިއްކާ ފާމަސީތަކުގެ ލައިސަންސް ބާތިލް ކުރައްވާނޭ ކަމަށް، ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން އިންޒާރު ކުރައްވައިފިއެވެ.

ޕޫޓިންގެ މި އިންޒާރު އައީ، ކޮރޯނާވައިރަސްއަށް ދެމީހަކު ޕޮޒިޓިވް ވުމާ ގުޅިގެން، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އާންމުން ގިނަ އަދަދަކަށް ފޭސްމާސްކް ގަންނާފެށި ދަނޑިވަޅާ ދިމާކޮށް ފާމަސީތަކުން އޭގެ އަގު ބޮޑުކުރުމުންނެވެ.

ޕޫޓިން ވިދާޅުވީ، އެފަދައިން ކަންކުރި ފާމަސީއެއްގެ ލައިސަންސް ވަގުތުން ބާތިލް ކުރައްވާނޭ ކަމަށެވެ.

ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ދެމީހަކު ރަޝިޔާއިން ފެނުމާ ގުޅިގެން، ރަޝިޔާ ސަރުކާރުން މިހާރުވަނީ އެގައުމާއި، ޗައިނާ ގުޅޭ ސަރަހައްދީ އިން ހުރަސްކޮށް މީހުން ދަތުރުކުރުން ކޮންޓްރޯލް ކޮށްފައެވެ.

ޗައިނާއާއި ރަޝިޔާ އެއްގަމު މަގުން ގުޅޭ އިމުގެ ދިގުމިނަކީ ހަތަރުހާސް ތިންސަކޭތަ ކިލޯމީޓަރެވެ.

ނޮވެލް ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ޗައިނާގެ ވުހާން ސިޓީގައި ތިބި ރަޝިޔާ ރއްޔިތުންގެ ފުރަތަމަ ގްރޫޕް ބުދަދުވަހުވަނީ އަނބުރާ ރަޝިޔާއަށް ގެންގޮސްފައެވެ.

ކޮރޯނާވައިރަސް ޗައިނާއިން ބޭރުވެ ދުނިޔޭގެ އެހެން ގައުމުތަކުންވެސް ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުން ފެންނަމުންދާއިރު، މިފަދަ ބަލިމަޑުކަމެއް ދުނިޔޭގައި ފެތުރެންފަށާ ކޮންމެ ފަހަރަކު ނޭފަތާއި އަނގަ ނިވާވާގޮތަށް ސާޖިކަލް މާސްކް ނުވަތަ އެއެއަށްވުރެ ރައްކާތެރި މާސްކްއަޅަން ކަމާބެހޭ ފަރާތްތަކުން އާންމުންނަށް އިރުޝާދު ދެއެވެ.

ހަމަ އެއާއެކު، އާންމުންނަށް އެންމެ ބޭނުންޖެހޭ ދަނޑިވަޅުތަކުގައި ފާމަސީތަކުން ފޭސްމާސްކްގެ އަގު ދެގުނަ ނުވަތަ އެއަށްވުރެ އަގު ބޮޑުކުރާކަމުގެ ޝަކުވާތައް އާންމުން ކުރެއެވެ.