އަލަށް ފެނިގެންއުޅޭ ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުންނަށް ދޭނޭ ފަރުވާއެއް ހޯދިއްޖެކަމަށް ބުނެ ދުނިޔޭގެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ރިޕޯޓްތައް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯއިން ދޮގުކޮށްފިއެވެ.

ވައިރަސްއަށް ފަރުވާދޭ ބޭހެއް ހޯދިއްޖެކަމަށް ރިޕޯޓްކޮށްފައިވާ އެއް ފަރާތަކީ ޗައިނާގެ ޓީވީއެކެވެ. އެ ޓީވީން ބުނެފައިވަނީ، ކޮރޯނާވައިރަސްއަށް ޗައިނާގެ ޝެޖިއާން ޔުނިވަރސިޓީގެ ރިސާޗަރުން އެކަށީގެންވާ ބޭހެއް ހޯދައިފި ކަމަށެވެ.

ހަމަ އެއާއެކު، އިނގިރޭސިވިލާތުގެ ސްކައި ނިއުސްއިން ބުނެފައިވަނީ، ވައިރަސްއާ ދެކޮޅު ވެކްސިންއެއް ތަރައްގީކުރުމުގައި ރިސާޗަރުން ވަރަށްބޮޑު ކުރިއެރުމެއް ހޯދައިފި ކަމަށެވެ.

އެހެން ނަމަވެސް، ޑަބްލިޔޫއެޗްއޯގެ ތަރުޖަމާނު ތާރިކް ޔަސަރެވިޗް ވިދާޅުވީ، ވައިރަސްއާ ދެކޮޅަށް ބޭނުންކުރާނެ އެއްވެސް ބޭހެއް އަދި ފަރުވާއެއް އަދި ހޯދިފައި ނުވާކަމަށެވެ.

އަނެއްކޮޅުން، ކޮރޯނާވައިރަސްއާ ދެކޮޅަށް ބޭނުންކުރާނެ ބޭސް ނުވަތަ ވެކްސިންއެއް ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޑަބްލިޔޫއެޗްއޯގެ ތަޖުރިބާކާރުން މިމަހުގެ 11-12 އަށް ޖެނީވާގައި ބާއްދަލުކުރާ ގޮތަށް މިހާރުވަނީ ހަމަޖެހިފައެވެ.

ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވިދާޅުވީ، މި މަސައްކަތުގައި، ތަފާތު ގައުމުތަކުގެ ތަޖުރިބާކާރުން ހިމެނޭ ޓީމެއް ވަރަށް އަވަހަށް ޗައިނާއަށް ދާނޭ ކަމަށެވެ.

މީގެއިތުރުން، ވައިރަހާ ދެކޮޅަށް ބޭނުންކުރާނެ ބޭހެއް ނުވަތަ ވެކްސިނެއް ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ވައިރަސް ދެނެގަތުމަށާއި، ޕޮޒިޓިވްވާ މީހުން އެކަހެރިން ބޭތިއްބުމާއި، ބަލިޖެހޭ މީހުންނަށް ފަރުވާދިނުމާއި، މީހުން ރައްކާތެރިކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރެވެމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ދަ ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުން ވަނީ ސަތޭކަ މިލިއަން އެމެރިކާ ޑޮލަރު ދޭން ނިންމައި އެކަން އިޢްލާން ކޮށްފައެވެ.

ބިލް ގޭޓްސް ފައުންޑޭޝަނުން މިކަން އިޢްލާންމިކުރީ، ކޮރޯނާވައިރަސްއާ ދެކޮޅަށް މަސައްކަތްކުރުމަށް އެކަށައަޅާ ޕްލޭނަކަށް 675 މިލިއަން އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށް ޑަބްލިޔޫއެޗްއޯއިން މިއަދު އިޢްލާން ކޮށްފައި ވަނިކޮށެވެ. ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ، މި ޕްލޭނަކީ ކުރިއަށްއޮތް ތިންމަސްދުވަހަށް އަމާޒުކޮށް އެކަށައަޅާ ޕްލޭނެއް ކަމަށެވެ.