• ސިޓީ ކައުންސިލުން ވަނީ މުއިއްޒުގެ މައްސަލަ ބެލުމަށް ހުށަހެޅުމަށް ނިންމާފައި
  • މުއިއްޒު ވިދާޅުވީ އެއީ މޭޔަރުކަމަށް ކުރިމަތިލައްވަފާނެތީ ކުރާ ކަމެއް ކަމަށް

ހިޔާ މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަން ފަށާފައިވާ ޕްރޮޖެކްޓެކެވެ. މާލޭގައި ދިރިއުޅެމުންދާ ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ މީހުންނަށް އަމާޒުކޮށްގެން ޖުމްލަ 7000 ފުލެޓު ދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ނިންމާފައެވެ. މިކަމުގައި އޭރު އިސްކޮށް ހުންނެވީ އޭރުގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒެވެ.

މި ފުލެޓުތައް ލިބޭ މީހުންގެ ނަންތައް ފުލެޓުތައް ހަދާ ނުނިމެނީސް ވަނީ އިއުލާންކޮށްފައެވެ. ނަންތައް އިއުލާންކުރީ ރައީސް ޔާމީނުގެ ދައުރު ނިމެން ވަރަށް ގާތްވެފައި ވަނިކޮށެވެ. އެހެންކަމުން އޭރުގެ އިދިކޮޅު އަދި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަވަސް އަރުވާލައިގެން ހިންގި ޖަރީމާއެއްގެ ގޮތުގައި އޭރުގެ އިދިކޮޅު އަދި މިހާރު ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން ވަނީ ސިފަކުރައްވާފައެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިފުލެޓުތަކުގެ މައްސަލަ ބެލުމަށް ޚާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލައްވާފައެވެ.

ކޮމިޓީން ބުނެފައިވަނީ އެ މަޝްރޫއަށް ފޯމު ހުށަހެޅި މީހުންނަށް ފުލެޓު ލިބޭނެކަމުގެ ލިޔުން ނިމިދިޔަ ސަރުކާރުން ހަވާލުކޮށްފައިވަނީ ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކުރުމެއް ނެތި ކަމަށެވެ.

ކޮމިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން މިއަހަރު ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ހިޔާ މަޝްރޫއުގެ 7000 ފްލެޓް މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އޭގެ ހައްގުވެރިންނާ ހަވާލުކުރެވޭނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް މިވާހަކަތައް ދެއްކެވި ދުވަހާ ޖެހިގެންއައި ދުވަހު މާލެ ސިޓީ ކައުންސިލުން ފުރަތަމަ ފަހަރަށް އާންމުކޮށް ހުޅުވާލައިގެން ބައްދަލުވުމެއް ބާއްވައި ހިޔާ މަޝްރޫއުގެ ފްލެޓްތައް ކުރީގެ ސަރުކާރުން ދޭން ނިންމި ގޮތް ބެލުމަށާއި އެކަމުގައި ޖިނާއީ ތަހުގީގު ހިންގަން ފުލުހުންނަށް ހުށަހަޅަން ނިންމިއެވެ.

ޓީވީ ޗެނަލްތަކުން ލައިވްކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ފުލެޓްތައް ދޭން ނިންމީ ހައްގުވެރިންނަށްތޯ ކަށަވަރުކުރުމަށާއި އެކަމުގައި ސަރުކާރުން މިހާތަނަށް ކުރި މަސައްކަތަކީ ކޮބައިތޯ ބަލަން ވަނީ ނިންމާފައެވެ. އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުން އަމަލުކުރި ގޮތް ބެލުމަށާއި ޖިނާއީ ތަހުގީގެއް ހިންގަން އެދުމަށްވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރަށް ރައްޔިތުންގެ މަޖިލީހުން ވަނީ ނޫމަޑި މައްސަލައާ ގުޅިގެންވެސް މުއިއްޒުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފާސްކޮށްފައެވެ.

ހިޔާ މަޝްރޫއުގެ މައްސަލަ ބަލަން ނިންމި ނިންމުމާ ގުޅޭ ގޮތުން މުއިއްޒު ވަނީ ހޫނު ރައްދުތަކެއް ދެއްވާފައެވެ. ޕީޕީއެމް-ޕީއެންސީގެ ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވަނީ މިއީ ކޯލިޝަންގެ ތެރެއިން އެމަނިކުފާނު މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަފާނެހެން ހީވާތީ އެކަމާ ބިރުން ކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެމަނިކުފާނު މޭޔަރުކަމަށް ވާދަކުރައްވަން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވައިފިނަމަ ކިހާވަރެއްވާނެތޯ ވެސް މުއިއްޒު ވަނީ ސުވާލު އުފައްދަވާފައެވެ.

މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާނެކަން މުއިއްޒު އަދި މިހާތަނަށް ހާމަކުރައްވާފައި ނުވިޔަަސް އިދިކޮޅު ކޯލިޝަންގެ ތެރެއިން އެވާހަކަތައް ވަަރަށް އަޑުގަދަކޮށް އަންނަނީ ދެކެވެމުންނެވެ. މިވާހަކަތައް ދެކެވެމުންދާއިރު ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް އެޕާޓީން މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީގައި މާލޭގެ މޭޔަރުކަމުގެ ޓިކެޓު ކަށަވަރުކުރައްވާފައިވަނީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.

ހިޔާ މަޝްރޫއުގެ ފްލެޓުތަކާ ގުޅޭގޮތުން ރައީސް ނަޝީދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން، ފްލެޓު ލިބޭނެ ކަމަށް އިއުލާންކޮށްފައިވާ މީހުންގެ ތެރެއިން 5000 އެއްހާ މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް ވަނީ ވިދާޅުވެފައެވެ. މިކަމާ ގުޅިގެން ޕީޕިއެމް-ޕީއެންސީގެ ޖޮއިންޓް ކައުންސިލުން ވަނީ ފުލެޓްތައް މިސަރުކާރުން އަތުލައިފިނަމަ، ޕީޕީއެމްގެ ސަރުކާރެއްގައި އަނބުރާ ފުލެޓްތައް ދޭނެ ކަމަށް ބުނެ ގަރާރެއް ފާސްކޮށްފައެވެ.