ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސްގައި ބުދަދުވަހު އެކަނިވެސް 73 މީހުން މަރުވެފައިވާ ކަމަށް، ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ހާމަކޮށްފިއެވެ.

މިއީ، ވައިރަސް ފެތުރޭން ފެށިގެން އެއްދުވަހެއްގައި އެންމެ ގިނަމީހުން މަރުވިކަން ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ.

އިއްޔެ މަރުވި 73 މީހުންނާއެކު، ވައިރަސްގެ ސަބަބުން ޗައިނާއިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 563 އަށް އަރާފައެވެ. އަދި ހޮންގްކޮންގާއި، ފިލިޕީންސުން މަރުވި ދެމީހުންނާއެކު މި ވައިރަސްގައި މަރުވި މީހުންގެ އަދަދު ވަނީ 565 އަށް އަރާފައެވެ.

ހަމަ އެއާއެކު، ފައިތުވި 24 ގަޑިއިރުގެ ތެރޭގައި ވައިރަސްއަށް ޕޮޒިޓިވްވި ޗައިނާ މީހުންގެ އަދަދު ތިންހާހަށްވުރެ މައްޗަށް ވަނީ އަރާފައެވެ. ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނީ ފެބްރިއަރީ 5 ވަނަ ދުވަހު ވައިރަސްއަށް ޕޮޒިޓިވް މީހުންގެ އަދަދު 3،694 އަށް އަރާ ކަމަށެވެ. މިއާ ގުޅިގެން ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ޗައިނާ މީހުންގެ އަދަދު މިހާރުވަނީ 28،018 އަށް އަރާފައެވެ.

ވައިރަސް ފެތުރެމުންދާ ބާރުމިނުގެ ސަބަބުން ޗައިނާގެ އެތައް ސިޓީއެއް މިހާރުވަނީ މީހުންނަށް ބޭރަށް ނުދެވޭގޮތަށް ބަންދުކޮށްފައެވެ.

ޗައިނާގައި ވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ވުހާން ސިޓީއާއި ހޫބޭ ޕްރޮވިންސްގައި ތިބި ބޭރު ގައުމުތަކުގެ ރައްޔިތުން އަނބުރާ ގެންދިއުމުގެ މަސައްކަތް ގައުމުތަކުން ފަށާފައިވާއިރު، ޗައިނާއިން ބޭރަށް ގެންދެވުނު އެތައްސަތޭކަ ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓީނު ކުރެވިފައި ވެއެވެ.

އަނެއްކޮޅުން، ވައިރަސްއާ ދެކޮޅަށް ބޭނުންކުރާނެ ވެކްސިނެއް ހޯދުމުގެ މަސައްކަތްވެސް މިހާރުވަނީ މެކުހަށް ޖަހާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ ސަތޭކައަށްވުރެ ގިނަ ތަޖުރިބާކާރުން މިމަހުގެ 11-12 ގައި ޖެނީވާގައި ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ ހެލްތު އެކްސްޕާޓުންގެ ޓީމެއް ވަރަށް އަވަހަށް ޗައިނާއަށް ދާނޭ ކަމަށް ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް އިއްޔެގައި ވަނީ ވިދާޅުވެފައެވެ.

ޑަބްލިޔޫއެޗްއޯއިން ބުނެފައިވަނީ، ނޮވެލް ކޮރޯނާވައިރަސްއާ ދެކޮޅު ބޭހެއް ނުވަތަ ވެކްސިނެއް ހޯދުމަށް ރިސާޗްތައް އަވަސްކޮށް، މަސައްކަތް އަވަސްކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ތަޖުރިބާކާރުން ބައްދަލުވުމުގައި މަޝްވަރާކޮށް ގޮތްތަކެއް ނިންމާނޭ ކަމަށެވެ.

އަލަށް ފެނިގެންއުޅޭ ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުންނަށް ދޭނޭ ފަރުވާއެއް ހޯދިއްޖެކަމަށް ބުނެ ދުނިޔޭގެ ބައެއް މީޑިއާތަކުން ފެތުރި ރިޕޯޓްތައް ޑަބްލިޔޫއެޗްއޯއިން އިއްޔެ ވަނީ ދޮގުކޮށްފައެވެ. ޑަބްލިޔޫއެޗްއޯގެ ތަރުޖަމާނު ތާރިކް ޔަސަރެވިޗް ވިދާޅުވީ، ވައިރަސްއާ ދެކޮޅަށް ބޭނުންކުރާނެ އެއްވެސް ބޭހެއް އަދި ފަރުވާއެއް އަދި ހޯދިފައި ނުވާކަމަށެވެ.