އިސްތިއުފާދެއްވީ ރައްޔިތުން ސަރުކާރާއި މިނިސްޓްރީގެ މައްޗަށް ކުރާ އިތުބާރު ކުޑަވެދާނެތީ މި ވަގުތު އެންމެ މަސްލަހަތު ހުރިގޮތަކީ މަގާމުން އިސްތިއުފާ ދިނުންކަމުގައި ގަބޫލުކުރެވޭތީ ކަމަށް ކުރީގެ ޖެންޑަރ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށްފަހު މިއަދު ނެރުއްވި ބަޔާނެއްގައި ޝިދާތާ ވިދާޅުވީ، ހުވާ ކުރިދުވަހުން ފެށިގެން މިއަދާހަމަޔަށް މަސައްކަތް ކޮށްފައިވާނީ ލިބިފައިވާ އިލްމާއި ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ މަތީ ދަރަޖާގައި، ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓުން އަރުވަމުންދިޔަ މަޝްވަރާއާއެކު ހަރުދަނާ ގޮތެއްގައި ވުޒާރާ ހިންގުމަށް ކަމަށެވެ.
ނަމަވެސް އިޖުތިމާއީ ދާއިރާގައި ހުރި މައްސަލަތަކުގެ ވާހަކަ ދައްކާނެ ފުރުސަތު ނުލިބި އޮތްއޮތުން ނިމުމަކަށްއައިސް، ކުރިން ހިނގަމުންއައި، އެހެންނަމަވެސް އެއިރު ސަރުކާރާއި އަދި ރައްޔިތުންގެވެސް ސަމާލުކަން ނުލިބިހުރި މައްސަލަތައް އިންތިހާއަށް އިތުރުވެ ރައްޔިތުން ސަރުކާރާއި މިނިސްޓްރީގެ މައްޗަށް ކުރާ އިތުބާރު ކުޑަވެދާނެތީ މިވަގުތު އެންމެ މަސްލަހަތު ހުރިގޮތަކީ މަގާމުން އިސްތިއުފާ ދިނުންކަމުގައި ގަބޫލުކުރެވޭތީ އިސްތިއުފާ ދެއްވީ ކަމަށް ޝިދާތާ ވިދާޅުވެފައި ވެއެވެ.
އެ ނިންމުން މިނިންމެވީ މިދުވަސްވަރު ފެންމަތިވެފައިވާ އަދި ފެންމަތިވަމުން އަންނަ މައްސަލަތަކުގައި އެކަމަނާއާއި އާއި އެކަމަނާއާއެކު މަސައްކަތް ކުރެއްވި ޓީމުގެ އިހުމާލެއް ނުވާނެ ކަމާއި އެފަދަ އިހުމާލެއް ނެތްކަން އެކިއެކި ތަހުގީގްތަކާއި ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ހޯދުންތަކުން ކުރިއަށް އޮތްތަނުގައިވެސް ހާމަވެގެން ދާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތުމާވެސް އެކުގައިކަމަށް ބަޔާނުގައިވެއެވެ.
މިއަދު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދިވެހި އަންހެނުންނާއި ކުޑަކުދިންނާއި އަދި ހާއްސަ އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް ދިމާވަމުންދާ ބޮޑެތި މައްސަލަތައް ހުރުމާއެކުވެސް އެފަދަ ކަންކަމާ މީގެކުރިން އަޅާލެވިފައިނުވާ މިންވަރަށް އަޅާލެވި ދެމެހެއްޓެނިވި ހައްލުތައް ހޯދުމުގެ މަސައްކަތް ފެށިފައިވުން ކަމަށް ޝިދާތާ ވިދާޅުވެފައި ވެއެވެ.
އަދި ވޭތުވެދިޔަ ދުވަސްތަކެކޭ އެއްގޮތަށް ސިޔާސީ ދާއިރާގައި ދެމިހުންނަވާނެ ކަމަށާއި އަދާލަތު ޕާޓީގެ ސްޓޭންޑާ އެއްގޮތަށް ސަރުކާރު ހިންގާ ކޯލިޝަނާއި ރައީސުލްޖުމްހޫރިއްޔާއަށް ފުރިހަމަ ތާއީދު އޮތްކަމަށްވެސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ޝިދާތާ ޝަރީފު މިއަދު އިސްތިއުފާ ދެއްވާފައިވާއިރު އިއްޔެގެ މަޖްލީހުގައި އެކަމަނާގެ އިސްތިއުފާއަށް އެމްޑީޕީގެ މެންބަރުން ވަނީ ގޮވާލާފައެވެ. އަދި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ އިއްތިފާގުން ޝިދާތާ މަޤާމުގައި ހުންނަން ނުފެންނަކަމަށް ވެސް ވަނީ ފާސްކޮށްފައެވެ.
ޖެންޑަރ މިނިސްޓަރކަމުން ޝިދާތާ އިސްތިއުފާ ދެއްވުމާގުޅިގެން މިހާރު އެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ މިނިސްޓަރުކަމަށް ކުރީގެ ޖެންޑަރ މިނިސްޓަރު އަދި އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އާއިޝަތު މުހައްމަދު ދީދީ އައްޔަން ކުރައްވަން ނިންމަވާފައިވާ ފައެވެ.