ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިސްތިއުފާދެއްވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއިން ގޮވާލައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިހެން ބުނެފައި މިވަނީ ކ. މާފުށީ މަގުމަތީގައި ނިވާކަންކުޑަކޮށް އެރަށު މަގުމަތީގައި ހުރި އަންހެން ފަތުރުވެރިއަކު ހައްޔަރު ކުރުމާއި ގުޅިގެންނެވެ. އެ ފަތުރުވެރިޔާ ހިފެހެއްޓުމަށް މަސައްކަތް ކުރާ ވީޑިއޯއެއް މީސްމީޑިއާގައި އާއްމުވެފައިވާއިރު، އެ ވީޑިއޯ އިން ފެންނަނީ ޔުނީފޯމުގައި ތިބި ފިރިހެން ދެ ފުލުހަކާއި އާއްމުންގެ ބަޔަކު ވެގެން އެ މީހާ ހުއްޓުވަން އުޅޭ މަންޒަރެވެ. ފުލުހުން ފަހުން އޭނާ ގެންދިޔައީ އަތުގައި ބިޑި އަޅުވައި ތުވާއްޔެއް ގައިގައި އޮޅާލައިގެންނެވެ.

މިކަމާ ގުޅިގެން ޕްރޮގްރެސިވް ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ފުލުހުންގެ އަގު ވައްޓާލައި ދިވެހި ފުލުހުންގެ ޕްރޮފެޝަނަލް މިންގަނޑުން ބޭރުން، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުމަށް ހޯމް މިނިސްޓަރު އިމްރާމް އަބްދުﷲ ކުރަމުން ގެންދާ ޣައިރު ގާނޫނީ އަމުރުތައް އެ ކޯލިޝަންގެ ފަރާތުން ކުށްވެރިކުރާ ކަމަށެވެ.

އެކޯލިޝަންގެ ބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ހިލާފަށް ހޯމް މިނިސްޓަރު ކުރަމުންގެންދާ އަމުރުތަކަށް ތަބާވެ އެކަންކަން ތަންފީޒުކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވަމުން ގެންދާ މަސައްކަތްތައްވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ކޮންމެ ހާލަތެއްގައިވެސް މީހަކު ހައްޔަރުކޮށް އެއްވެސް މީހަކާމެދު ފިޔަވަޅެއް އެޅިނަމަވެސް، އެމީހުންނަށް ގޯނާކޮށް ގެއްލުންދީ އިންސާނީ ކަރާމާތްތައް ގެއްލޭފަދަ އަމަލުތައް ހިންގުމަކީ ފުލުހުންގެ އަހުލާގީ މިންގަނޑުގެ ބޭރުން ކުރެވޭ ކަމެއް ކަމުގައި އެ ކޯލިޝަނުން ދެކޭ ކަމަށްވެސް ނަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ފުލުހުންގެ އަގު ވައްޓާލުމަށްޓަކައި ހޯމް މިނިސްޓަރު އަދި ސީޕީ ހަމީދު ކުރައްވަމުން ގެންދަވާ މުޑުދާރު އަމަލުތަކާއި ފުލުހުންގެ އަހުލާގީ މިންގަނޑު ހިފެހެއްޓުމަށް ފުލުހުން ނުކުޅެދިފައިވާތީ އެ ދެބޭފުޅުންވެސް މަގާމުން ވަގުތުން އިސްތިއުފާ ދެއްވުމަށް ވަނީ ގޮވާލާފައެވެ.

ފުލުހުންނަށް ކުރަމުންގެންދާ ޣައިރު ގާނޫނީ އަމަލުތަކަށް ތަބާ ނުވުމަށްވެސް ފުލުހުންނަށް ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައި ގޮވާލާފައިވެއެވެ.

ޓޫރިސްޓު އަންހެންމީހާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރި ގޮތުން އަމާޒުވާ ބޮޑެތި ފާޑުކިޔުންތަކާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ މާފަށް އެދިވަޑައިގެންފައެވެ.