އިންތިގާލީ އިންސާފުގެ ބިލު ޤާނޫނަކަށްވެ، އަނިޔާ ތަހައްމަލު ކޮށްފައިވާ ގިނަ ބަޔަކަށް އަވަހަށް އިންސާފު ލިބުމަކީ މިއަދުގެ އުއްމީދު ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް އިންތިޤާލީ އިންސާފުގެ ބިލު ހުށަހެޅުއްވީ، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އެވެ.

އިންތިގާލީ އިންސާފުގެ ބިލަކީ 2012 ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ނޮވެމްބަރު 2018 އާއި ދެމެދު، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމަށް އިންސާފު ހޯދައި ދިނުމަށް ހުށަހެޅި ބިލެއް ކަމަށް ވަނީ ބުނެފައި،،އަދި ގެއްލުން ލިބުނު ފަރާތްތަކަށް މާލީ ބަދަލު ދޭ ގޮތަށް އެ ބިލުގައި ހިމަނާފައިވެ އެވެ.

ކުރީގެ ރައީސް ނަޝީދު އިސްތިއުފާދެއްވި ދުވަހާއި ދިމާކޮށް، ބަންޑާރަ ނައިބު ރިފުއަތު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެތަނުގެ ވެރިއަކު ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމަށް އަރައިގެންފައިވާ މައްސަލަތައް ބެލެންޖެހޭ ކަމަށެވެ. އަދި އެކަންކަން ބަލައި ތަހުގީގުކޮށް ތެދު ހާމަކޮށް އެފަދަ އަނިޔާ ތަކުރާރުވުން ހުއްޓުވައި، ޖަވާބުދާރީކުރުވަނިވި ދައުލަތެއް ބިނާކުރުމަށް އިންތިގާލީ އިންސާބުގެ ބިލް ޤާނޫނަކަށްވެ އެފަދަ ފަރާތްތަކަށް އަވަހަށް އިންސާފު ލިބުމަކީ "މިއަދުގެ އުއްމީދު" ކަމަށްވެސް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފަ އެވެ.

އިންތިގާލީ އިންސާބުގެ ބިލް ޤާނޫނަކަށްވުމުން، 7 ފެބްރުއަރީގައި 2012 ގައި ސަރުކާރު ވެއްޓުނު ގޮތް ތަހުގީގު ކުރެވޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް، އަދި އޭރުވެސް ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގެ ކުރީކޮޅު، އެމަނިކުފާނާއި ދެކޮޅަށް އޭރުގެ އިދިކޮޅު ސިޔާސީ ބައެއް ފަރާތްތަކާއި ބައެއް އާންމުން ނިކުމެ ބޭއްވި އެއްވުންތައް ދިގުލައިގެން ގޮސް، ހިނގި ހަމަނުޖެހުންތަކުގައި ބައެއް ސިފައިންނާއި ފުލުހުން ނިކުތުމުން 7 ފެބުރުއަރީ 2012ގައި ރައީސް ނަޝީދު ވަނީ އިސްތިއުފާ ދެއްވާފައި،ވެރިކަން ވައްޓާލި ބަޣާވާތެއްގެ ގޮތުގައި، އެމްޑީޕީން ސިފަކުރަމުންދާ އެ ހާދިސާއަށް، 9 އަހަރު ވެގެންދާއިރު، އެމްޑީޕީގެ ސަޕޯޓަރުންދަނީ އެދވަހު އަނިޔާލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ގޮވާލަމުން ނެވެ.

7 ފެބުރުއަރީ 2012 ގައި، ރައީސް ނަޝީދު އިސްތިއުފާދެއްވުމުގެ ތެރެއިން

އިންތިގާލީ އިންސާފުގެ ބިލްގައި ވަނީ، ނާއިންސާފުން ހިންގާފައިވާ ކަންކަމަށް އިންސާފު ހޯދަދީ، އަދި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރައްޔިތުންނަށް ލިބުނު ގެއްލުންތުކަށް އިންސާފު ހޯދަދިނުމަށް، އިންތިޤާލީ އޮމްބަޑްސްމަންގެ އޮފީހެއް އުފެއްދުމަށްވެސް ހިމަނާފަ އެވެ. އެ އޮފީހުގައި ރައީސުލް ޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާ 3 އޮމްބަޑްސްމަނުން ތިއްބަވާއިރު އެބޭފުޅުން އައްޔަންކުރެއްވުމާއި ވަކިކުރެއްވުމުގެ ބާރު ލިބިދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

އިންތިޤާލީ އޮމްބަޑްސްމަންގެ އޮފީހަށް ލިބިދޭ ބާރުތަކުގެ ތެރޭގައި، އެ އޮފީހަށް ޤާނޫނުން ލިބިދޭ ބާރުގެ އިތުރަށް، ރިޔާސީ ކޮމިޝަންތަކަށް ޤާނޫނުން ލިބިދޭ އެންމެގައި ބާރުތައްވެސް ލިބިދެ އެވެ.