ހުސްވި ޖެނުއަރީ މަހުގެ 31 ގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީ ގައި ބާތިލުކުރި ދާއިރާތަކުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

އަލުން ވޯޓުލުން ކުރިއަށް ގެންދަނީ، ވޯޓް ބާތިލު ކުރި ދެ ދާއިރާ ކަމުގައިވާ ގަލޮޅު މެދު ދާއިރާ އާއި ގއ. އަތޮޅުގެ ދާއިރާތަކުގެ ވޯޓުލުމެވެ.

މިއަދު މެންދުރުފަހު 02:30 އިން ފެށިގެން ރޭގަނޑު 07:30 އާއި ހަމައަށް ވޯޓުލުން ކުރިއަށްގެންދާނެކަމަށް އެމްޑީޕީން ބުނެއެވެ. މި ދާއިރާތަކުގެ ވޯޓުލުން މާލޭގަިއ ކުރިއަށްދަނީ، އިސްކަންދަރު ސްކޫލު އަދި އެމްޑީޕީ ހަރުގޭގަ އެވެ.

އިސްކަންދަރު ސްކޫލުގައި ވޯޓުލުމަށް ހަމަޖެހިފައި ވަނީ، ގަލޮޅު މެދު އަދި ގއ އަތޮޅުގެ ރައްޔިތުންގެ ތެރެއިން އެއަތޮޅު ވިލިގިލި ނޫން އެހެން ރަށްތަކަށް ނިސްބަތްވާ ރައްޔިތުންނެވެ. އަދި ގއ. ވިލިގިލި ރައްޔިތުން ވޯޓު ލުމުގެ އިންތިޒާމް ހަމަޖައްސާފައި ވަނީ އެމްޑީޕީ ހަރުގޭގައި ކަމަށް އެޕާޓީން ބުނެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް އެމްޑީޕީގެ ޕްރައިމަރީ، ޖެނުއަރީ 31 ގައި ރާއްޖޭގެ 92 ރަށެއްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދިޔައިރު އަދި ވޯޓު ގުނަމުންދިޔަ ވަގުތު، ބައެއް ސަރަހައްދުތަކުގައި ވަނީ ހަމަނުޖެހުން ހިންގާފަ އެވެ. އަދި ގަލޮޅު މެދު ދާއިރާ އާއި ގއ.އަތޮޅު ދާއިރާގެ ވޯޓުލުން ބާތިލުކޮށް އަލުން ބާއްވަން ނިންމީ ކަމަށް އެމްޑީޕީން ބުނެއެވެ.

ގަލޮޅު މެދު ދާއިރާގެ ވޯޓުލުން ބާތިލު ކުރީ ވޯޓުފޮށްޓަށް ލާފައިވާ ވޯޓުގެ ތެރޭގައި ވޯޓުލުމަށް، ވޯޓުލާ މަރުކަޒަށް ނުދާ މީހުންގެ ނަމުގައި ވޯޓުލާފައި ވާތީ، ވޯޓުގެ ނަތީޖާއަށް އަސަރުކުރާނެ ކަމަށް ނިންމުމަށްފަހުގައެވެ.

މީގެ އިތުރަށް، ގއ.އަތޮޅުގެ ނުވަ ރަށުގެ ޕްރައިމަރީ ބާތިލްކުރީ އެ ދާއިރާގެ ރައްޔިތުން ވޯޓުލީ މަރުކަޒު، ކަލާފާނު ސްކޫލުގައި ހަމަނުޖެހުންތައް ބޮޑުވުމާއި ގުޅިގެންނެވެ. އަދި ރަށްތަކުގައި ވޯޓު ރަނގަޅަށް ކުރިއަށްދިއަ ނަމަވެސް ރަށު ފޮށީގެ ނަތީޖާ އެނގުމުން މާލޭ ފޮށީގެ ނަތީޖާ އަޅާކިޔާއިރު ދިމާވެދާނެ މައްސަލަތަކެއް ފާހަގަކުރެވުނު ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.

އެހެންކަމުން ގއ. އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓުވެސް، އޮބްޒާވަރުންނާއި މަންދޫބުންގެ ކުރިމަތީގައި ނައްތާލުމަށް، ނިންމައި ވޯޓު ކަރުދާސްތައް ވަނީ އަންދާލާފަ އެވެ. އަދި ރަށްރަށުގެ ވޯޓު ފޮށިތައް އެންދީ ކަރުދާސްތައް ނައްތާލުމަށް ޕާޓީން އަންގައިގެން ކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެއްވެސް ބަޔަކާއިއެކު ކޯލިޝަނެއް ނުހަދާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެެވެ.