މިދުވަސްވަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ގެ ސަބަބުން، ރާއްޖެ އަންނަން ބުކިން ހައްދާ ފަތުރުވެރިންގެ ބުކިން ކެންސަލް ނުކޮށް، އެހެން ތާރީހަކަށް ފަސްކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މިދުވަސްވަރު ރާއްޖެ އައުމަށް ފަތުރުވެރިން ހައްދާ ބުކިން، އިތުރު ފީއަކާއި ނުލައި ފަސްކޮށްދެމުންދާކަމަށެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އެއާލައިން ތަކުންނާއި، ރިސޯޓް ތަކުންވެސް އެއްވެސް އިތުރު އަގަކާ ނުލައި، ފަތުރުވެރިންނަށް އެމީހުންގެ ބުކިންގެ ތާރީހު ބަދަލު ކޮށްދެމުންދާ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ލިބިދާނެ ގެއްލުމަކުން އަރައިގަންނަން މަސައްކަތްކުރާއިރު، ބުކިން ފަސްކޮށްދިނުމުން އެ ސިނާއަތަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ.

އަޅުގަނޑަށް ޔަގީންކަމާއެކު ދަންނަވަން ކެރިދާނެ މިދުވަސްވަރު ރާއްޖޭގައި ބުކިން ހައްދާފައިތިބި ފަތުރުވެރިންނަށް އަޅުގަންޑުމެންގެ އިންޑަސްޓްރީގެ ރިސޯޓްތަކުންވެސް އަދި އެއާލައިންތަކުން އެމީހުންނަށް އެ ބުކިން އިން އިތުރަށް ޗާޖު ނުކޮށް އެހެން ޑޭޓަކަށް މޫވް ކޮށްދިނުމުގެ މަސައްކަތްތައްވެސް މިދަނީ ކޮށްދެމުން. އަޅުގަނޑުމެން ދެކޭ ގޮތުގައި އެއީ ގައުމެއްގެ ގޮތުގައި އަދި ޑެސްޓިނޭޝަނެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މުޅި އިންޑަސްޓްރީން ގުޅިގެން ކުރެވޭ ވަރަށް ރަނގަޅު ކަމަކަށް ވެގެންދާނެ.
އަލީ ވަހީދު

މިދިޔަ އަހަރުގެ ފަހު ކޮޅު ޗައިނާ އިން ފެނުނު ކޮރޯނާ ވައިރަސް ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުން ނެވެ.

މި ވައިރަސް ފެތުރުނަ ނުދިނުމަށް އެއް ގައުމުން އަނެއް ގައުމަށް ކުރާ ދަތުރުތައް މަޑުޖައްސާލަމުންދާއިރު، މި ވައިރަސް ދިވެހިރާއްޖެ އާއި ހަމައަށް އަޔަނުދިނުމަށް ދިވެހި ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅާފަ އެވެ.

އެގޮތުން މި ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާއިން ރާއްޖެއަށް އަންނަ ޑައިރެކްޓް ފްލައިޓްތައް ކެންސަލްކޮށް، އަދި ޗައިނާގެ މެއިންލޭންޑުން އެއްވެސް މީހަކަށް ރާއްޖެ އެތެރެ ނުވެވޭގޮތަށް ނިންމައި ސަރުކާރުން ވަނީ ޓްރެވަލް އެޑްވައިޒަރީ އެއް ނެރެފައެވެ.

މީގެ އިތުރަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެ އައުމަށް ބުކިން ހެއްދުމަށް ފަހު ގިނަ ފަތުރުވެރިންތަކެއް ވަނީ ބުކިން ކެންސަލް ކޮށްފައެވެ. ސަރުކާރުން ބުނާގޮތުގައި މިހާތަނަށް 13،000 އަށްވުރެ ގިނަ ބުކިން ވަނީ ކެންސަލްކޮށްފަ އެވެ.

އޭގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށް ބެލެވޭއިރު، އިގުތިސޯދީ ވަޅުގަނޑުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެޅި އެެއް ފިޔަވަޅަކީ ބުކިން ކެންސަލް ނުކޮށް، އެހެން ތާރީހަކަށް ފަސްކޮށްދިނުމުގެ މަސައްކަތް ކަން ފާހަގަކޮށްލެވެ އެވެ