އިލެކްޝަންސް ކޮމިޝަންގެ މެންބަރު، އަދި ރައީސްގެ މަގާމުގައި ހުންނެވި އިރު ވެރިކަމުގައި ހުންނެވި އެއްވެސް ބޭފުޅެއްގެ ނުފޫޒު އެ ކޮމިޝަނަށް ފޯރާފައި ނުވާ ކަމަށާއި، ކޮމިޝަނުގެ ކަންކަމަށް ކިރިޔާވެސް ބަސް ވިދާޅުވީ ރައީސް ޔާމީން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް، އަދި އެ ކޮމިޝަނުގެ މެމްބަރު ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ "ގޮނޑިކޮޅު" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ ގާނޫނު އަސާސީ އަށް ވަރަށް އިހްތިރާމުކުރާ މިނިވަން މުއައްސަސާއެއް ކަމަށެވެ.

އެގޮތުން އެ ކޮމިޝަނުގެ ހުރިހާ މެމްބަރުން ވެސް އަބަދުވެސް ގާނޫނަށް ތަބާވާކަން ފުއާދު ފާހަގަކުރެއްވި އެވެ.

ފުއާދު ވިދާޅުވީ، ކޮމިޝަނުގައި ތިއްބަވާ ބޭފުޅުންގެ ގޮތުން ކޮމިޝަނުގެ މަސައްކަތްތަކަށް ތަފާތުތަކެއް އަތުވެދާނެ ކަމަށެވެ. އަދި ބަޔަކު މަކަރު ހަދައި އޮޅުވާލުންތަކެއް އޮޅުވާނުލާނެ ކަމަށް ނުދަންނަވާނެ ކަމަށެވެ.

އެހެންނަމަވެސް އެންމެ ފުރަތަމަ ރައީސް މައުމޫންގެ ދައުރުގައިވެސް އިލެކްޝަންސް ކޮމިޝަނަކީ މިނިވަން ތަނެއް ކަމަށާއި، އެއްވެސް އެންގެވުމެއް އައިސް އަދި އެންގެވުމަކަށް ތަބާވެފައި ވެސް ނުވާނެ ކަމަށް ފުއާދު ވިދާޅުވި އެވެ. އަދި އޭގެ ފަހުން ރައީސް ނަޝީދުގެ ވެރިކަމާއި، ރައީސް ވަހީދުގެ ވެރިކަމުގައި ވެސް ކަންތައް އޮތީ އެގޮތަށް ކަމަށް ވިދާޅުވި އެވެ.

އެހެންނަމަވެސް ރައީސް ޔާމީންގެ ދައުރުގައި އެމަނިކުފާނު ކަންކަމުގައި މަޝްވަރާތައް ދެއްވި ކަމަށް އިލެކްޝަންގެ ކުރީގެ ރައީސް އަދި މިހާރުގެ މެންބަރު ފުއާދު ވިދާޅުވި އެވެ.

ރައީސް މަުޟުންގެ ވެރިކަމުގެ ތެރޭގައި އެއްގޮތަކަށްވެސް ސަރުކާރުން އަންގަވާ ކަމަކަމަށް އިލެކްޝަންސް ކޮމިޝަނުން ތަބައެއް ނުވޭ، އޭގެ ފަހުން ރައީސް ނަޝީދާއި ރައީސް ވަހީދުގެ ވެރިކަމުގަވެސް އިލެކްޝަންސް ކޮމިޝަން އޮތީ މިނިވަންކޮށް، އެހެންނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އަޅުގަނޑު މަގާމުގައި ހުންނެވިން ހަތަރު ވަރަކަށް މަސް ވަންދެން އޭރު އެމަނިކުފާނު ކޮންމެސް ވަރަކަށް ލަފާ ދެއްވާ އެކަމަކު އަޅުގަނޑު ގާނޫނުގައި އޮތް ގޮތް ދެންނަވާ އެކަމެއް ނުވާނޭ ބުނުމުން އިތުރަށް ދެން އެކަމަށް ބާރެއް ނާޅުއްވާ
ފުއާދު ތައުފީގް

ފުއާދު ވިދާޅުވީ ފުރަތަމަ އެއް އަހަރު ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުންނަވައި، 4 އަހަރާއި ބައި ވަންދެން ރައީސްގެ މަގާމުގައި ހުންނެވި އިރު، ކޮމިޝަނުގެ ހުރިހާ މުވައްޒަފުން ވެސް ތަމްރީންތަކަށް ފޮނުވައި މަސައްކަތަށް ބޭނުންވާ ފުރިހަމަ ތަމްރީން ދީފައިވާނެ ކަމަށެވެ. އަދި ކޮމިޝަނުގެ ޓީމަކީ ގާބިލް، ތެދުވެރި އަމާނާތްތެރި އަދި ޕްރޮފެޝަނަލް ޓީމަކަށް ހަދާފައިވާނެ ކަމަށެވެ.

އެހެންނަމަވެސް މިހާރު ކޮމިޝަނުގައި އެ މުވައްޒަފުންގެ ތެރެއިން ދިހަ ވަރަށް މީހުންވެސް ނެތް ކަމަށާއި، ނަމަވެސް އައު މުވައްޒަފުންގެ ތެރޭގައި ވެސް ގާބިލް ބޭފުޅުން އެބަ ތިއްބެވިކަން ފުއާދު ފާހަގަކުރެއްވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ބައްދަލުވުމެއްގައި:

ފުއާދު ވިދާޅުވީ މިދޭތެރެއިން އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަން ވަރަށްބޮޑަށް ގެއްލިގެން ދިޔަ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަން ވެފައި އޮތީ އޭރު ތިބި ވެރިން ބުނާ ކަމެއް ބުނާ ގޮތަކަށް ކުރާ ތަނަކަށް ކަމަށާއި، ތިބި މުވައްޒަފުންނަށް ދަސްވެފައި ވެސް އޮތީ އެގޮތް ކަމަށެވެ.

އެހެންނަމަވެސް މިފަހުން އެކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށާއި، މިނިވަންކަމާއި އެކު މަސައްކަތް ކުރެވޭތޯ އެންމެންވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިދޭތެރެއިން ދިޔަ މުއްދަތެއްގެ ތެރޭގައި އޮތީ ހަމަ އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަން ވަރަށް ބޮޑަށް ގެއްލިފަ، އޭރު ހަމަ ވެރިކަމުގެ ފަރާތުން އަންގާ އެންގުންތައް ތަންފީޒުކުރާ ބައެއްގެ ގޮތުގަ އޮތީ، އެގޮތް ދަސްވެފަ އޮީ އެގޮތަށް އަމަލުވެސް ކުރީ، އެކަމަކު މިހާރު ވަރަށް ބޮޑަށް ރަނގަޅުވެއްޖެ، މިނިވަންކަންމަތީ މަސައްކަތް ކުރަން ހުރިހާ ބޭފުޅުންވެސް މަސައްކަތް ކުރޭ،
ފުއާދު ތައުފީގު

ފުއާދު ވިދާޅުވީ، ވޯޓަށް ނުފޫޒު ފޯރުވައި މަކަރު ހަދާ ކަމުގެ ވާހަކަ އަކީ ކޮންމެ އިންތިހާބަކަށްފަހުވެސް އިވޭ ވާހަކަތައް ކަމަށެވެ. ތާއިދު އޮތް މިންވަރަށް ވޯޓު ނުލިބޭ ވާހަކަ އާއި، ވޯޓަށް ނުފޫޒު ފޯރުވާ އަދި ވަކިން ހާއްސަކޮށް އިލެކްޝަންސް ކޮމިޝަނުން ވޯޓުގައި މަކަރު ހެދީ ކަމަށް ބުނެ ގިނަ ވާހަކަތައް ފެންމަތި ކުރާ ކަމަށެވެ.

އެކަމަކު ހަގީގަތަކީ އެއީ ނޫން ކަމަށާއި އަސްލު މަންޒަރު ފެންނަނީ ވޯޓުން ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ވޯޓާއި މެދު ޝައްކު އުފެދެނީ ޕާޓީ ކުލައިގެން ހެދުން ލައިގެން ބަނދަރު މައްޗަށް މަރުހަބާ ކިޔަން ނިކުންނަ މީހުންގެ އަދަދުން ތާއިދު ގުނާތީ ކަމަށެވެ. އެއީ ކަން އޮތްގޮތް ނޫން ކަން ސިޔާސީ ލީޑަރުންނަށް ބުނެދޭން މަސައްކަތް ކުރިޔަސް އެބޭފުޅުންނަށް އެ މަންޒަރު ގަބޫލު ނުކުރެއްވޭ ކަމަށް ފުއާދު ވިދާޅުވިއެވެ.

އަޅުގނަޑު ކައިރީގަ ހަމަ ބައެއް ބޭބޭފުޅުން ވިދާޅުވެފަ އެބަހުރި، ރައީސް މައުމޫން ވަޑައިގަންނަވާއިރު ހުރިހާ އެންމެން ދާނޭ (އޭރުގެ ކުލަ) ނޫ ކުލައިގެ ހެދުން ލައިގެން، ނަޝީދު ވަޑައިގަންނަވާއިރު ދނޭ ރީނދޫ ކުލަ ލައިގެން، ގާސިމް ވަޑައިގަންނަވާއިރު ހަމަ އެމީހުން ދާނޭ ރަތް ކުލަ ލައިގެން ކޮންމެ ލީޑަރަކަށްވެސް މި ފެނިވަޑައިގަންނަވަނީ އެއް ބައެއްގެ ތާއދު ހެދުން ލައިގެން ބަނދަރުމަތިން، އެކަމަކު ކޮންމެ މީހަކަށްވެސް ލެވެން އޮންނަނީ އެންމެ ވޯޓެއް
ފުއާދު ތައުފީގް

ފުއާދުވީ އެލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި އިރު އެތައް ދަތި ތަކަކާ ކުރިލައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ.

އެގޮތުން އިންތިހާބުތަކާއި ދިމާވާއިރު ބައެއް މީހުންގެ ދެތިން އައިޑީކާޑު އޮންނަކަން ހާމަވެގެންދިޔަ ކަމަށާއި، އެފަދަ ހުރިހާ ރަޖިސްޓްރީއެއް ހޯދައި ޑިޕާޓްމަންޓް އޮފް ނެޝެނަލް ރަޖިސްޓްރޭޝަންއާއި ގުޅިގެން ސައްހަ ރަޖިސްޓްރިއެއް ހޯދަން ޖެހުނު ފަހަރުވެސް އައި ކަމަށް ފުއާދު ވިދާޅުވިއެވެ.