ރަށްރަށަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތަކަކީ ސަރުކާރަށް އާދޭސް ދަންނަވައިގެން ކޮށްދޭންޖެހޭ ކަންކަން ނޫން ކަމަށް އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ، އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ކޮންމެ ބުރާސްފަތި ދުވަހެއްގެރޭ ވީޓީވީއިން ގެނެސްދޭ "ސިޔާސީ ސައްލާ އިމާދު" އާއިއެކު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރު ވިދާޅުވީ، ރާއްޖޭގައި އަދިވެސް އޮތީ ސެންޓްރަލައިޒް ކުރުމުގެ ސިޔާސަތު ކަމަށެވެ.

މިކަމަށް ނިމުމެއް ގެންނަންޖެހޭ ކަމަށާއި އަސާސީ ޚިދުމަތްތަކަކީ ކޮންމެހެން ސަރުކާރުގެ ރިޔާސީ ވައުދަކަށް ވާން ނުޖެހޭ ކަމަަށްވެސް ނިޒާރު ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެކަންކަމަކީ ރަށަށް ލިބޭ އާމްދަނީއަކުން ކުރެވޭނެ ކަންކަންކަަމަށް ވެސް ވިދާޅުވިއެވެ.

އަލީ ނިޒާރު ވިދާޅުވީ އަތޮޅުތަކުގައި ތަރައްގީ ކޮށްފައިވާ ރިޒޯޓުތަކުން ލިބޭ އާމްދަނީ ވާންޖެހޭނީ އަތޮޅުގެ ރަށްތަކަށް ޚަރަދުކުރަންޖެހޭ އެއްޗަކަށް ކަމަށެވެ. އޭގެ ބަދަލުގައި އެ ރިޒޯޓުތަކުން ލިބޭ އާމްދަނީ އިން ހަމައެކަނި މާލޭ އާއި މާލެ ކައިރި ސަރަހައްދު ތަރައްގީ ކުރުމުން އެއީ އިންސާފުން ކުރެވޭ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

އެރަށަކަށް ނިސްބަތްވާ ރިޒޯޓުތަކުގެ އާމްދަނީއެއް ހިއްސާއެއް ދޭށޭ އެރަށެއްގެ ކައުންސިލްތަކަށް. އެދީގެން ނަހަމަ ގޮޮތުގައި ބޭނުންކޮށްފިއްޔާ ދެންތާ އިތުރު ގޮތެއް ހޯދަން ޖެހޭނީ! ނަހަމަ ގޮތުގައި ބޭނުްނކުރިޔަސް ސަރުކާރުން އެކަމާ އުޅެކަށް ނުޖެހޭނެ. އޭޖީ އޮފީސް އޮންނާނެ! އޭސީސީ އޮންނާނެ!
އަލީ ނިޒާރު

އަތޮޅުތަކަށް ތަރައްގީ ނުގެނެވޭ ސަބަބުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އަލީ ނިޒާރު ވިދާޅުވީ ހުޅުދޫ-މީދޫ އަދި ހިތަދޫ ބުރިޖަކުން ގުޅައިނުލެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

އެހެންނަމަވެސް އެކަމަށް ބޭނުންވާ ފައިސާ ނުވަތަ އެކަން ކުރެވޭނެކަމުގެ ތަނަވަސްކަން ޔަގީންވާން ޖެހޭކަމަށް ވިދާޅުވިއެވެ. އަދި އެކަން ކުރަން ކޮންމެހެން، ރިޔާސީ ވައުދުގެ ތެރޭގައި ހިމަނަން ނުޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

އައްޑޫ ސިޓީ އަކީ އާބާދީގެ ގޮތުން ބަލައިފިނަމަ ދެވަނަ އަށް އާބާދީ އެންމެ ބޮޑު ދާއިރާ ކަމަށާއި، އަދި ސިޔާސީ ވަރުގަދަ ބާރެއްގެ ގޮތުގައި އަބަދުވެސް އައްޑޫ ފާހަގަކުރެވޭ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވަނީ، އައްޑޫ ސިޓީ ޚާއްސަކޮށް ހުޅުދޫ-މީދޫ އޮތީ ގުދުރަތީ ގޮތުންނާއި އިދާރީ ގޮތުންވެސް އެކަހެރިކުރެވިފައިކަން ފާހަގަކުރައްވާފަ އެވެ.

ހުޅުދޫ-މީދޫ އާއި ހިތަދޫ ގުޅާލާ ވާހަކަ މިދައްކަނީ ބުރިޖަކުން. އަޅުގަނޑުމެންނަަށް އެކަން ކުރެވޭނެ ނީނބްތޯ އެކމުަގެއ ތަނަވަސްކަން ޔަގީނވާ ކަމުގައި ވާނަމަ. ކޮންމެހެން ނުޖެހޭނޫންތޯ އެކަން ރިޠާސީ ވައުދެއް ގޮތަށް ގެންނާކަަށް! އެކަން އަންނަންވާނީ އައްޑޫ ސިޓީ ކައުންސިލްގެ އައްޑުޫ ސިޓީ މޭޔަރުގެ ވައުދެއް ގޮތަށް ނޫންތޯ!
އަލީ ނިޒާރު

އައްޑޫ ސިޓީ އޮތީ މިހާތަނަށް އެއްވެސް ވަރަކަށް ތަރައްގީ ނުކޮށް ކަމަށާއި އައްޑޫ ސިޓީއަށް ކޮށްދީފައި ހުރި ކަމެއް ކޮށްފައި ވަނީ އެތަނުގައި މީހުން އުޅެމުންދާތީ ކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ. އޭގެ އިތުރަށް އެއްވެސް ތަރައްގީ އައިސްފައިނުވާ ކަންވެސް އަލީ ނިޒާރު ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރައްގީގެ ޕްލޭންތަކަށް އިތުބާރު ކުރައްވާ ކަމަށާއި އެހެންނަމަވެސް ކަންކަން ނުވާކަން ފާހަގަކުރެވިއްޖެ ހާލަތުގައި އެވާހަކަ ދައްކަަން ފަސްޖެހިވަޑައިނުގަންނަވާނެކަމަށް ވެސް އަލީ ނިޒާރު ވަނީ ވިދާޅުވެފަ އެވެ.