ސިނަމާގައި ބަތަލާއެއްގެ ރޯލު އަދާކޮށް "ހީރޯއިން" އަކަށް ވުމަށް ތައްޔާރުވަމުންދާކަމަށް "މިސްވޯލްޑް 2017" ގެ ޓައިޓަލް އުފުލާލި މަނޫޝީ ޗިއްލާރް ބުނެފި އެވެ.

ބޮލީވުޑްގައި ފުރަތަމަ ފިލްމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ 22 އަހަރުގެ ޒުވާން މޮޑެލް ބުނީ ފުރަތަމަ ފިލްމުގައި ކުރަންޖެހިފައި ވަނީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށެވެ. ގިނަ ކަންކަން މިހާރު ދަނީ ދަސްކުރަމުން ކަމަށާއި ޝޫޓިން "އެންޖޯއި" ކުރަމުން ދާކަމަށް މަނޫޝީ ބުނެއެވެ.

މަނޫޝީގެ ޑެބިއު ފިލްމަށް ވެގެންދާނީ ޔެޝް ރާޖް ފިލްމްސްއިން އުފައްދާ ބޮޑު ބަޖެޓުގެ ފިލްމު "ޕްރިތްވިރާޖް" އެވެ. ފިލްމުގައި އޭނާ ފެންނާނީ އަކްޝޭ ކުމާރާއެކުއެވެ. އަކްޝޭ ޕްރިތްވިރާޖުގެ ރޯލުން ފެންނައިރު މަނޫޝީ ފެންނާނީ އަންހެނުން ސަންޔޯގީތާގެ ރޯލުންނެވެ.

މަނޫޝީ އޭނާގެ ފުރަތަމަ ފިލްމު

ފިލްމުގެ ގިނަ މަންޒަރުތަކެއް މިހާރު ނަގާ ނިމިފައިވާއިރު ދާދިފަހުން ވަނީ މަނޫޝީގެ އެންމެ ފުރަތަމަ ލަވައިގެ މަންޒަރުތަކެއް ނަގާފައެވެ. "ޕްރިތްވިރާޖް" ގައި ހިމެނޭ މިލަވައާ ގުޅޭގޮތުން މަނޫޝީ ބުނީ ފުރަތަމަ ތަޖުރިބާ ވަރަށް ޚާއްސަ ކަމަށާއި އެލަވައިގެ މަތިން ދުވަހަކުވެސް ހަނދާން ނުނެތޭނެކަމަށެވެ.

އުމުރުން އެންމެ 19 އަހަރުގައި މިސްވޯލްޑުގެ ޓައިޓަލް މަނޫޝީ އުފުލާލީ 17 އަހަރަށްފަހު އިންޑިޔާއަށް އެ ފަޚުރު ހޯދައިދެމުންނެވެ. އޭރު އޭނާ ދިޔައީ މެޑިކަލް ޑޮކްޓަރުކަން ކިޔަވަމުންނެވެ.

ޓައިޓަލް ލިބުމާއެކު ބޮލީވުޑް ގިނަ ފިލްމުތަކެއްގެ ހުށަހެޅުން އޭނާއަށް ލިބެމުން ދިޔަނަމަވެސް ކިޔެވުން ނިންމުމަށްފަހު ނޫނީ އެހެންކަމެއް ކުރުމަށް ނުވިސްނާނެ ކަމަށް މަނޫޝީ ބުންޏެވެ. އަދި ބަތަލާއެއްގެ ގޮތުގައި އަމިއްލަ ނަފްސު ސިފަ ނުކުރެވޭކަމަށާއި އެކަމަށް އުއްމީދުވެސް ނުކުރާކަމަށް މަނޫޝީ ބުނެއެވެ.

ކިޔެވުން ނިންމާލުމަށްފަހު މަނޫޝީ ބޮލީވުޑްގެ މަސައްކަތްތަކަށް ނިކުތްއިރު، ޗަންދްރަޕްރަކާޝް ވީވެދީ ޑައިރެކްޓުކުރާ މަނޫޝީގެ ޑެބިއު ފިލްމު ސިނަމާތަކުގައި އަޅުވާނެކަމަށް ބެލެވެނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.