މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް ޖެހިގެން، ފުރަތަމަ ފަހަރަށް އެމެރިކާ މީހަކު މަރުވެއްޖެ އެވެ.

އެމީހާ އަކީ ޗައިނާގައި ދިރިއުޅެމުންދާ އެމެރިކާ ރައްޔިތެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެމީހާ އަކީ އުމުރުން 60 އަހަރުގެ މީހެއްކަމަށާއި އޭނާ މަރުވިއިރު އައީ ވުހާން ސިޓީގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން މަރުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން ނެވެ.

އެގޮތުން މީހަތަނަށް 724 މީހުން މަރުވެފައިވާ ކަމަށާއި، ޗައިނާއިން އެކަނިވެސް އަލަށް 86 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖަޕާނުން ވަނީ އެގައުމުގެ ރައްޔިތަކުވެސް މަރުވެފައިވާކަން ހާމަކޮށްފަ އެވެ. އެމީހާ މަރުވުމުގެ ކުރިން ކޮރޯނާ ވައިރަހުގެ އަލާމާތްތައް ފެނިފައިވާކަމަށް އެގައުމުން ވަނީ ބުނެފައެވެ. އަދި އޭނާ މަރުވިއިރު އައީ ނިޔުމޯނިޔާ އަށް ފަރުވާ ހޯދަމުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިވައިރަހުގެ އަސަރު ޖުމްލަ 35،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ކޮށްފައެވެ. މިވައިރަސް ފުރަތަމަ ޗައިނާއިން އުފަންވެގެން އައި ކަމުގައިވިޔަސް، މިހާރު ގާތްގަނޑަަކަށް 30 ގައުމަށް ވަނީ މިވައިރަސް ފެތުރިފަ އެވެ.

އެގޮތުން ހޮނގް ކޮނގ އަށް ބަލާލާ އިރު، ކޮރޯނާވައިރަހުގެ 25 ކޭސް ފެނިފައި ވާއިރު އެގައުމުން ވެސް އެކަކު ވަނީ މަރުވެފަ އެވެ. އަދި އޭގެ ކުރިން ފިލިޕީންސް އިން ވެސް ވަނީ އެކަކު މަރުވެފަ އެވެ.

މިވައިރަސް ފެތުރެމުންދާތީ ގިނަ ގައުމުތަކުން ވަނީ ޗައިނާ އަށް ކުރާ ސީދާ ދަތުރުތައް ވެސް ހުއްޓާލާފަ އެވެ. އަދި އާންމު ރައްޔިތުން ޗައިނާ އަށް ދިޔުން ވެސް ގައުމުތަކުން ވަނީ މަނާކޮށްފަ އެވެ.