ކ. ކުޑަވިލިނގިލީގައި ތަރައްގީކޮށްފައިވާ "ދަ ޗެޑީ ކުޑަވިލިނގިލި" ރިސޯޓް މިއަހަރު ތެރޭގައި ހުޅުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ފަށައިފިއެވެ.

ހޮޓެލް އަދި ރިސޯޓުތަކުގެ ދައިރާގެ މައުލުމާތު ގެނެސްދޭ ހޮޓެލް ނިއުސް ރިސޯސްގައި ވާގޮތުން ޗެޑީ ކުޑަވިލިނގިލި ރިސޯޓަކީ ސިންގަޕޫރުގެ ޖީއެޗްއެމް ހޮޓެލްސްއިން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރައިގެން 25 މިނެޓުުން ދެވޭ މި ރިސޯޓު ތަރައްގީކޮށްފައިވަނި މުޅިއެކު 99 ވިލާ ހިމެނޭ ގޮތަށެވެ. މި ވިލާތަކުގެ ތެރޭގައި 36 މޫދު ވިލާ ހިމެނެއެވެ. އަދި މި ރިސޯޓުގައި 150 މީޓަރު ދިގު ސުވިމިން ޕޫލެއްވެސް އޮވެއެވެ. މި ސުވިމިން ޕޫލް ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ބިނާކުރެވިފައިވާ އެންމެ ބޮޑު ސުވިމިން ޕޫލަށެވެ. ޕޫލްގެ އިތުރުން ޓްރީޓްމެންޓް ހިމެނޭ މޫދު ސްޕާތަކެއްވެސް މި ރިސޯޓުގައި ހުންނާނެއެވެ.

ޖީއެޗްއެމް ކުންފުނިން ބުނެފައިވާގޮތުގައި މި ރިސޯޓުން ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަން ވަރަށް ބޮޑަށް ފެނިގެންދާނެއެވެ. އަދި ޖީއެޗްއެމްގެ ކޮންމެ ހޮޓަލެއްގައިވެސް ހިމެނޭ މައިގަނޑު ސިފަތައް ކަމަށްވާ ލަގްޒަރީ ޑިޒައިންތަކާއި ފެންވަރު ރަނގަޅު ހިދުމަތްތައް ރިސޯޓުން ލިބެން ހުންނާނެ ކަމަށް ޖީއެޗްއެމް ކުންފުނިން ބުނެފައި ވެއެވެ.

ޖީއެޗްއެމް އިން ހިންގާ މި ރިސޯޓް ތަރައްގީކުރަން ހަވާލުކޮށްފައިވަނީ އިންޑިއާގެ އެމްފާ ގްރޫޕާއެވެ. އެމްފާއިން ވަނީ 2013 ވަނަ އަހަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އަތުން ކުޑަވިލިނގިލި ގަނެފައެވެ.