ވިޔަފާރީގެ ދާއިރާއިން ދޭ "ގޯލްޑް 100"ގެ ގޯލްޑް ޕާޓްނަރަކަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) ހަމަޖައްސައިފި އެވެ.

މި އެއްބަސްވުމުގައި އެމްޓިސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ޝިފާއު އަލީ އެވެ. އޯކާ މީޑިއާގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރު އެވެ.

2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އޯކާ މީޑިއާ އަދި ކޯޕަރޭޓް މޯލްޑިވްސް ގުޅިގެން ދެމުން އަންނަ ގޯލްޑް 100 އެވޯޑަކީ ވިޔަފާރީގެ ދާއިރާގައި ހަރަލާތްތެރިވާ އެންމެ ރަނގަޅު ކުންފުނިތައް ބަލައި އެ ކުންފުނިތަކަށް ދެވޭ އެވޯޑެކެވެ.

އެގޮތުން މި ދާއިރާގައި ހަރަކާތްތެރިވާ އެންމެ ރަނގަޅު 100 ކުންފުނި ބަލައި، އެ ކުންފުނިތަކަށް އެވޯޑް ދެއެވެ. އަދި އޭގެތެރެއިން ދެ ފަރާތަކަށް ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

ކޯޕަރޭޓް މޯލްޑިވްސް އިން ބުނީ މި އެވޯޑަށް ކުންފުނިތައް ނޮމިނޭޓްކުރަނީ އެކުންފުންޏަކީ ރާއްޖޭގެ ކުންފުންޏަކަށް ވެފައި، 2016 ވަނަ އަހަރު ކުންފުންޏަށް ލިބުނު އާމްދަނީ 10 މިލިއަން ރުފިޔާއަށް އަރާފައިވާނަމަ ކަމަށެވެ.

އެހެންކަމުން މި އެވޯޑަށް ނޮމިނޭޓުވެ، އެންމެ ރަނގަޅު 100 ކުންފުނީގެ ތެރޭގައި ހމެނޭ ކުންފުނިތައް އެރޭގެ ހަފްލާގައި ލޯންޗުކުރާ ގޯލްޑް މެގަޒިންގައި ލިސްޓުކުރާނެ ކަމަށް ވެސް ކޯޕޮރޭޓް މޯލްޑިވްސްއިން ބުނެއެވެ.

މި ހަފްލާ ބެއްވުމަށް ހަމަޖައްސާފައި ވަނީ މިމަހުގެ 25ވަނަ ދުވަހުގެރޭ ދަރުބާރުގޭގަ އެވެ.