މެރިޓައިމް ދާއިރާ ކުރިއެރުވުމާއި އެ ދާއިރާއަށް ޒުވާނުން ހޭލުންތެރިކުރުމުގެ ގޮތުން، އެސޯސިއޭޝަން އޮފް މޯލްޑިވްސް މެރިޓައިމް އިންޑަސްޓްރީ އިން ހާއްސަ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި އެވެ.

ސެންޓަރ ފޯ ހަޔަރ ސެކެންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) ގައި އެއް ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދިޔަ މި ޕްރޮގްރާމުގައި އެސުކޫލުގެ 40 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެ އެވެ.

މި ޕްރޮގްރާމުގެ މަގްސަދަކީ އިންޓަނޭޝަނަލް ޝިޕިން އިންޑަސްޓްރީއާ ގުޅޭގޮތުން މައުލޫމާތުދިނުމާއި، މިދާއިރާގައި ހުރި ވަޒީފާތަކައި ގުޅޭގޮތުން މައުލޫމާތުދިނުން ކަމަށް އެސޯސިއޭޝަން އޮފް މޯލްޑިވްސް މެރިޓައިމް އިންޑަސްޓްރީއިން ބުނެއެވެ.

މި ޕްރޮގްރާމުގައި، މެރިޓައިމް ދާއިރާއިން ލިބޭނެ ވަޒީފާ ތަކާއި އެ ވަޒީފާތަކާއިގުޅޭ ގޮތުންވެސް ޕްްރޮގްރާމުގެ ބައުިވެރިންނަށް މައުލޫމާތު ހިއްސާކޮށްފައިވާނެކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މިޕްރޮގްރާމުގައި ރާއްޖެ ހިމެނޭހެން ގްލޯބަލް ޝިޕިން އާއި ގުޅޭ ތައާރަފެއް ބައިވެރިންނާއި ވަނީ ހިއްސާކޮށްފަ އެވެ.

ވީނިއުސް އަށް މައުލޫމާތުދެއްވަމުން އެސޯސިއޭޝަން އޮފް މޯލްޑިވްސް މެރިޓައިމް އިންޑަސްޓްރީގެ ރައީސް މުހައްމަދު ޒައިދް ވިދާޅުވީ ކުރިއަށްއޮތްތަނުގައި ވެސް އޭލެވެލް ކިޔަވާ ކުދިންނަށް ހާއްސަކޮށްގެން މިފަދަ ޕްރޮގްރާމްތައް ކުރިޔަށްގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ވިލާ ކޮލެޖުގައި ވެސް މިފަަދަ ޕްރޮގްރާމެއް ކުރިޔަށްގެންދިޔުމަށް މަޝްވަރާކުރަމުންދާކަމަށް ވިދާޅުވިއެެވެ.

ޒައިދް ވިދާޅުވީ މި ޕްރޮގްރާމުގައި މެރިޓައިމް އިންޑަސްޓްރީ އަކީ ކޮބައިކަން ވަރަށް ރަނގަޅަށް ދައިރަރުންނަށް ކިޔަދީފައިވާނެ ކަމަށެވެ.

އެސޯސިއޭޝަން އޮފް މޯލްޑިވްސް މެރިޓައިމް އިންޑަސްޓްރީ އިން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި މައުލޫމަތު ދީފައި ވަނީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

އޭގެތެރޭގައި ކެޕްޓަން އަބްދުލް މަޖީދް އަބްދުލް ކަރީމް، ކެޕްޓަން މުހައްމަދު ޒައިދް، އަދި ކެޕްޓަން މުހައްމަދު ނާޒިމްގެ އިތުރަށް މެރިން އިންޖިނިއަރިން އޮފިސަރ އިބްރާހީމް ގާލިބް ހިމެނިވަޑައިގަންނަވައެވެ.