ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސާ މަރިޔަމް ވަހީދާ އަންނަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ބުދަ ދުވަހު ބާއްވާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމަށް މަރީ ހާޒިރުކުރަން ނިންމީ ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ސަރުކާރުގެ ހަފުލާއެއް ހުށަހެޅުއްވި މައްސަލާގައެވެ.

މަރީ ހުށަހަޅުއްވާފައި ވަނީ މި ސަރުކާރުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ހާސިލުކުރެވުނު ކަންކަން ފާހަގަކުރުމަށާއި ޓޫރިޒަމްގެ ބޭނުމަށް ދޫކުރާނެ އާ ރަށްތައް އިއުލާންކުރަން ދަރުބާރުގޭގައި ބޭއްވި "ބުރަބި" ހަފުލާއެވެ. އެ ހަފުލާގައި މަރީ ވަނީ ސަރުކާރަށް ތައުރީފުކޮށް ވާހަކަ ދައްކަވާފައެވެ.

މަރީ ޖަވާބުދާރީކުރުވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބާއްވަން ނިންމާފައި އޮތީ އަންނަ ބުދަ ދުވަހެވެ. އެ ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މައްސަލަ ބަލަން ނިންމީ މަރީ ކުރެއްވީ އެންމެ ރަނގަޅު ކަމެއް ކަމަށް ކޮމިޓީގެ ބައެއް މެމްބަރުން ގަބޫލު ނުކުރައްވާތީ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ މިނިވަން މުއައްސަސާތައް ނުފޫޒުން އެއްކިބާވެ ހިންގުމަށް އެ ކޮމިޓީން އަދާކުރަން ޖެހޭ ޒިންމާ އަދާކޮށް، ރައްޔިތުންގެ އިތުބާރު މުއައްސަސާތަކަށް ހޯދަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.

ހަފުލާ ހުށަހެޅުއްވި މައްސަލާގައި މަރީއާއި ޓުއަރިޒަމް މިނިސްޓްރީއަށް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެގޮތުން ކޮންމެ ސަރުކާރެއް އަޔަސް މިނިވަން މުއައްސަސާތައް މިނިވަންކަންމަތީ ނޯންނާނެ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.

މި މައްސަލާގައި މަރީ އެއްޗެއް ވިދާޅުވެފައި ނުވި ނަމަވެސް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ މަރީގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވަނީ ސަރުކާރުން ބާއްވާ ހަފުލާތަކުގައި ބައިވެރިވުމަކީ ބްރޯޑްކޮމްގެ މެންބަރެއްގެ އުސޫލީ މިންގަނޑާ ޚިލާފު ކަމެއް ނޫން ކަމަށާއި އެއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށެވެ.