ރާއްޖެއިން ހިމަބިހި ނައްތާލާފައިވާކަން އިއުލާންކޮށް އެކަން ފާހަގަކޮށް އެވޯޑު ދިނީ 2017 ވަނަ އަހަރުއެވެ.

ހިމަބިހިން ދިވެހިން ރައްކާތެރިކުރުމަށް އަމާޒުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަމުގައެވެ. މިބަލި ޖެހިފައިވާ މީހަކު އެންމެ ފުރަތަމަ ރާއްޖެއިން ފެނިފައިވަނީ 2009 އަހަރު ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ހިމަބިހި ނުވަތަ މީސްލްސް ފެތުުރުން ކޮންޓްރޯލް ކުރުމަށްޓަކައި 2005 އިން 2007 އަށް އަދި 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހާއި މާޗު މަހު ވެސް ޚާއްސަ ކެމްޕޭނެތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހިމަބިހި ނައްތާލާފައިވާ ގައުމެއް ކަމަށް ކަނޑައަޅައި އެކަމުގެ އެވޯޑު ރާއްޖެއިން ހާސިލުކުރިތާ ދެއަހަރު ފަހުން މީސްލްސްގެ ކޭސްތަކެއް ރާއްޖެއިން ފެންނަން ފެށީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ހިމަބިއްސަށް ޝައްކުވާ މީހަކު ފެނިއްޖެ ކަމަށް އެޗްޕީއޭއިން އެންމެ ފުރަތަމަ ހާމަކުރީ ޖެނުއަރީ މަހުގެ ނުވަވަނަ ދުވަހުއެވެ. އަދި އެއީ ތިން އަހަރުގެ ކުއްޖެއް ކަމާއި އެކުއްޖާ ހިމަބިއްސަށް ޖަހަން ޖެހޭ ވެކްސިންގެ އެއް ޑޯޒު ފުރިހަމަކޮށްފައިނުވާ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ގައުމެއްކަމަށް ކަނޑައަޅައި އެވޯޑު ހަވާލުކުރަނީ

އެއާއެކު އެކިފަހަރުމަތިން މިހާތަނަށް 8 މީހަކަށް މިބަލި ޖެހިގެން ވަނީ ރިޕޯޓްކޮށްފައި ވެއެވެ. އެންމެ ފަހުން ހިމަބިއްސަށް މީހަކު ޕޮޒިޓިވްވި ކަމަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

އޭގެ ފަހުން ކޭސްއެއް ރިޕޯޓު ނުކުރާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ހިމަބިއްސާ ދޭތެރޭ ރައްޔިތުންގެ އޮތް ކަންބޮޑުވުމާއި އެވާހަކަ ދެކެވޭ މިންވަރު ކުޑަވާން ފެށީ ނޮވެލް ކޮރޯނާ ވައިރަހުގެ ބިރާއެކީގައެވެ.

އިންޑިޔާއިން ރާއްޖެއަށް ވެކްސިން ހަދިޔާކުރަނީ

ހިމަބިހީގެ ކޭސްއެއް ރިޕޯޓު ނުކުރާތާ ހަފްތާއެއް ވުމުން، އެބަލީގެ އަސަރު އަނެއްކާވެސް ރާއްޖެއިން ފިލީތޯ ސުވާލުކުރުމުން އެޗްޕީއޭއިން ބުނީ ބަލީގެ ކޭސްއެއް ރިޕޯޓު ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ސީނިއަރ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ އާއިޝަތު ސަފާ ވިދާޅުވީ މީސްލްސް ކޭސްއެއް ފެނުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ.

އިންކުބޭޝަން ޕީރިއަޑް އަކީ 23 ދުވަސް. އެހެންވީމަ އަދިވެސް މީގެ ކޭހެއް ފެނުމުގެ ފުރުސަތު އެބައޮތް. ބަލި ޖެހުމަށްފަހު އަލާމާތްތައް ނުފެނި 23 ވަރަކަށް ދުވަސް ހުރެދާނެ. އެހެންވީމަ ބަލި އެއްކޮށް ކޮންޓްރޯލް ވެއްޖެޔޭ ނުބުނެވޭނެ
ސީނިއަރ ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ އާއިޝަތު ސަފާ

ސަފާ ވިދާޅުވީ ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ ވެކްސިން ދިނުމުގެ ޕްރޮގްރާމް ނިންމާލި ކަމުގައިވިޔަސް، އަދިވެސް ދަމަނަވެށިންނާއި ހޮސްޕިޓަލްތަކުން ވެކްސިން ދިނުމުގެ ޚިދުމަތް ކުރިއަށް ދާނެ ކަމަށެވެ.

މީގެ އިތުރަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޮޑު ކެމްޕެއިނެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވިއެވެ.

40 އަހަރުން ދަށުގެ މީހުން ހިމެނޭ ގޮތަށް ވެކްސިން ޖެހުމުގެ ބޮޑު ކެމްޕެއިނެއް ފެށުމަށް ތަައްޔާރުވަމުން މިދަނީ. ފެބްރުއަރީ މަހު އިރާދަކުރެއްވިއްޔާ މިކެމްޕެއިން ފެށިގެންދާނެ.
ސީނިއަރ ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ އާއިޝަތު ސަފާ

މިހާތަނަށް 161 މީހަކު ބައްޔަށް ޓެސްޓް ކޮށްފައިވާ ކަމަށާއި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 8 މީހުން ކަމަށް ސަފާ ވިދާޅުވިއެވެ. އަދި މިފަހަރު ހިމަބިހި ފެތުރެން ފެށުމާ ގުޅިގެން ޖުމްލަ 5000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާނެ ކަަމަށް ސަފާ ވިދާޅުވިއެވެ.

ރާއްޖެއިން ހިމަބިހި އަނެއްކާވެސް ފެނުމާ ގުޅިގެން ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދިޔައިރު، ރާއްޖެއިން ބޭރުގެ ގައުމުތަކުންނާއި ޖަމްއިއްޔާތަކުން ރާއްޖެއަށް ވަނީ ވެކްސިން ފޯރުކޮށްދީފައެވެ. އެގޮތުން އިންޑިޔާ ސަރުކާރުން 30،000 ވެކްސިން ފޯރުކޮށްދީފައިވާއިރު ޔުނިސެފުންވެސް ވަނީ ދެލައްކަ ވެކްސިން ފޯރުކޮށްދީފައެެވެ.