ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިތާ 8 އަހަރުވުމާ ދިމާކޮށް، އެމަނިކުފާނުގެ ވެރިކަން ބަދަލުވި ގޮތުގެ ހަނދާތައް އައު ކުރައްވައި އެމްޑީޕީގެ އަޒުމު ނުގުޑާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަދަލުވެފައި ވަނިކޮށް ފެބްރުއަރީ 8، 2012 ގައި އެމްޑީޕީގެ ސަޕޯޓަރުންނާއެކު ރައީސް ނަޝީދު ވަނީ މަގުމައްޗަށް ނުކުންނަވާ ބޮޑު މުޒާހަރާއެއް ކުރައްވާފައެވެ. އަދި އެމްޑީޕީގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ބުނެ ސަރުކާރާ ދެކޮޅަށް ވަރުގަދަ އިހުތިޖާޖެއް މުޅި ރާއްޖޭގައި ކުރިއަށްގެންދިޔައެވެ.

މި އިހުތިޖާޖުގެ ތެރެއިން އެމްޑީޕީގެ ސަޕޯޓަރުންނާއި، ޕާޓީގެ އިސް ބޭފުޅުންނަށް ބޮޑެތި އަނިޔާތައް ލިބިފައި ވެއެވެ.

އެދުވަހު ކަން ހިނގައިދިޔަ ގޮތުގެ ހަނދާންތައް އާކުރައްވައި ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފެބްރުއަރީ 8، 2012 ގައި އެމްޑީޕީގެ ގައުމީ މަޖިލިސް އެއްވެ ނިންމީ އެމްޑީޕީގެ ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމާއި އަލުން އަނބުރާ ވެރިކަން ހޯދުމަށް ކަމަށެވެ. ހަވީރުވީއިރު އެމްޑީޕީގެ އެތައް ބަޔަކަށް ނުހައްގު އަނިޔާކުރި ކަމަށާއި އެހެންނަމަވެސް އޭރުވެސް ބުނަމުން އައީ އެމްޑީޕީ ފަހަތަކަށް ނުޖެއްސޭނެ ކަމަށާއި ފިކުރެއް ވެސް ނުފޮހެވޭނެ، ކަމަށާއި އަޒުމު ވެސް ނުގުޑާނެ ކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީތާ އިއްޔެއަށް އަށް އަހަރު ފުރިފައިވާއިރު އެމްޑީޕީން ވަނީ ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކަކާ އެކު 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ވެރިކަމަށް އައިސްފައެވެ. މި އިންތިހާބު ކާމިޔާބުކުރުމަށް އެމްޑީޕީން މަސައްކަތް ކުރީ 2012 ވަނަ އަހަރު އެ ޕާޓީގެ ވެރިކަން ބަދަލުކުރަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންނާ އެކުގައެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް އެމްޑީޕީގެ ސަޕޯޓަރުން ބުނަމުންދިޔަ ނަމަވެސް، ރައީސް ނަޝީދު އިސްތިއުފާ ދެއްވައި އެމަނިކުފާނުގެ ނާއިބަކަށް ހުންނެވި ޑރ.މުހައްމަދު ވަހީދު ހަސަން މަނިކަށް ވެރިކަން ލިބިވަޑައިގެން ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އެކުލަވާލި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓުގައި ބުނެފައިވަނީ ވެރިކަން ބަދަލުވީ ގާނޫނާ އެއްގޮތަށް ކަމަށެވެ.