ތައިލެންޑް ސިފައިންގެ މީހަކު ބަޑިޖަހައި 20 މީހުން މަރާލައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ ތައިލެންޑްގެ އުތުރުއިރުމަތީ ސިޓީއެއް ކަމަށްވާ ނަޚޯން ރެޓްޝަސިމާގައެވެ.

އޭނާ ބަޑިޖެހުމުގެ ސަބަބުން 20 މީހުން މަރުވެފައިވާ ކަމަށް ތައިލެންޑް ސިފައިންގެ ތަރުޖަމާނު ކަށަވަރު ކޮށްދެއްވާފައި ވެއެވެ. އަދި އިތުރު 31 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އާންމުންގެ ގަޔަށް ބަޑިޖަހާފައިވަނީ ސިފައިންގެ ސާޖެންޓް މޭޖަރެއް ކަމަށްވާ ޖެކްރަޕަންޓް ތޮމާ ނަކަށްކިޔާ މީހެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އާންމުންގެ ގަޔަށް ބަޑިޖެހުމަށްފަހު އޭނާވަނީ ފިލާފައެވެ. އަދި އޭނާ ފިލާހުރި ކަމަށް ބެލެވޭ ޝޮޕިންގ މޯލެއް ހިސާރުކުރުމަށްފަހު ފުލުހުން އެތަނުގެ ތެރެ މިހާރު ފާސްކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބަޑިޖެހިމީހާ ޝޮޕިންގ މޯލް ތެރޭގައި ބަޔަކު ރަހީނުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. ނަމަވެސް، އޭނާ ރަހީނުކޮށްފައިވަނީ ކިތައް މީހުންކަމެއް އަދި ސާފު ނުވާކަމަށް ބުނެފައި ވެއެވެ.

އާންމުންގެ ގަޔަށް ބަޑިޖެހިމީހާ އެކަން ކޮށްފައިވަނީ ސިފައިންގެ ވެހިކަލެއް ވަގަށް ނަގައިގެން ރަށުތެރެއަށް ނުކުމެ ކަމަށް ވެއެވެ. އެގޮތުން، އޭނާވަނީ ރަށުތެރޭގެ އެކި ތަންތަނަށް ވެހިކަލްގައި ގޮސް މީހުންގެ ގަޔަށް ބަޑިޖަހާފައެވެ.

ސިފައިންގެމީހާވަނީ ފުރިހަމަ ހަތިޔާރާއެކު އޭނާ ހުންނަ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ޝާއިއުކޮށްފައެވެ.

އާންމުންގެ ގަޔަށް ބަޑިޖެހިމީހާވަނީ ހަމަލާ ދިނުމުގެ އެތައް ގަޑިއިރެއް ކުރިން އޭނާގެ ފޭސްބުކް ޕޭޖްގައި މެސެޖަކާއި، ފޮޓޯއެއް ޝާއިއުކޮށްފައެވެ. މެސެޖްގައި އޭނާ ލިޔެފައިވަނީ "ހުރިހާ އެންމެނަށްވެސް މަރާ ކުރިމަތިލާންޖެހޭ" މިހެންނެވެ. އަދި ބަޑިއެއް ހިފަހައްޓައިގެން ހުރި އަތެއްގެ ފޮޓޯވެސް ފޭސްބުކަށް ލާފައި ވެއެވެ.

މަގުމައްޗަށް ނުކުމެ އާންމުންގެ ގަޔަށް ބަޑިޖަހަމުންދިޔަ ވަގުތުވެސް އޭނާ ފޭސްބުކްގައި މެސެޖެއް ލިޔެފައި ވެއެވެ. އޭގައި ލިޔެފައިވަނީ "އަހަރެން އަމާންދޭންވީތަ" މިހެންނެވެ. ނަމަވެސް އޭގެފަހުން އެ އެކައުންޓަށް ނުވަދެވޭ ކަމަށް މީޑިއާއިން ބުނެފައި ވެއެވެ.

ތައިލެންޑް ދިފާއީ ވުޒާރާއިން ބުނެފައިވަނީ، ސިފައިންގެ މީހާ އާންމުންގެ ގަޔަށް ބަޑިޖެހީ ކޮން ކަމަކާހެދި ކަމެއް އަދި ބުނަން ނޭނގޭ ކަމަށެވެ.