ޤައުމީ ފުޓުބޯޅަ ޓީމުގެ އިސް މަގާމުތަކަކަށް ތަޖުރިބާކާރު ދިވެހި ކޯޗު އަލީ ސުޒެއިން އާއި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ގޯލުކީޕަރު އިމްރާން މުހައްމަދު ހަމަޖައްސައިފިއެވެ.

ކުލަބް ގްރީންސްޓްރީޓްސްގެ ކޯޗުކަމުން ސުޒެއިން މީގެ ދެ ދުވަސްކުރިން ވަކިވުމަށްފަހު ގުޅިފައިވަނީ ޤައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށެވެ. އަދި ގޯލްކީޕަރު އިމްރާން ގުޅިފައިވަނީ ކީޕަރު ޓްރެއިނަރަކަށެވެ.

އެފްއޭއެމްގެ އިންތިހާބު ބޯމަތިވެފައިވާއިރު އަލަށް އައްޔަނުކުރި ދެ މީހުންނަކީ މީގެކުރިން އެފްއޭއެމުގެ ކަންކަމަށް ފާޅުކަންބޮޑު ގޮތެއްގައި އެންމެބޮޑަށް ފާޑުކީ މީހުންނެވެ. ނަމަވެސް މި ވާހަކަތައް އެފްއޭއެމްގެ ރައީސް އާއި ކޯޗު ސުޒެއިން ވަނީ ދެކޮޅުހަދާފައެވެ. އަދި މި މަގާމުތަކާއި ހަވާލުވީ ހެޔޮހިތުން ކަމަށް ބުންޏެވެ.

އަލަށް އައްޔަނުކުރި ގޯލްކީޕަރު ޓްރޭނަރުގެ މަގާމާއެކު ކީޕަރު އިމްރާން ހަރަކާތްތެރިވާނީ މިހާރުވެސް ޤައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރު ކަމަށްވާ އަސްލަމް އަބްދުލްރަހީމް އާއެކުގައެވެ. އަދި ކޯޗު ސުޒެއިން ހަރަކާތްތެރިވާނީ ގައުމީ ޓީމުގެ ކޯޗަކަށް ދާދިފަހުން ހަމަޖެއްސި ނެދަލެންޑްސްގެ ކޯޗު މާޓިން ކޫޕްމަންއާއި އެސިސްޓަންޓް ކޯޗަކަށް ހަމަޖެއްސި ކޯޗު ގޫސް ހިޑިންކްގެ ކޮއްކޮ ރެނޭ ހިޑިންކް އާއެކުގައެވެ.

އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ސުޒެއިން އާއި އިމްރާން ޤަައުމީ ޓީމާއި ގުޅުމަކީ ރާއްޖޭގެ ފުޓުބޯޅައަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށާއި މި ދެ ބޭފުޅުންގެ ތަޖުރިބާއާއެކު ރާއްޖެއިން ކަނޑައެޅި ޓާގެޓުތަކަށް ވާސިލުވުމަށް ބޮޑު އެހީއަކަށް ވާނެކަމަށެވެ. އާ ކޯޗަށް އެފްއޭއެމުން ހަވާލުކޮށްފައިވަނީ މިއަހަރުގެ ފަހުކޮޅު އޮންނަ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރުމާއި އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައިކޮށްދިނުމެވެ.

ޤައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރަކަށް އިމްރާން ހަމަޖެއްްސުން -- ފޮޓޯ: އެފްއޭއެމް

ރާއްޖޭގެ ފުޓުބޯޅަ ކުރިޔަށްދާ ގޮތާއި ގުޅޭގޮތުން އެންމެ ބޮޑު ފާޑުކިޔާފައިވާ ކޯޗު ސުޒެއިން ބުނީ އޭރުވެސް އަދި މިހާރުވެސް ގޯސްކޮށް ކަމެއް ދާކަމުގައިވާނަމަ އެ ވާހަކަ ދައްކާނެކަމަށެވެ. އަދި އޭރު އެ ވާހަކަތައް ދެއްކީ ކަންކަން ރަނގަޅުކުރުމުގެ އަޒުމުގައި ކަމަށާއި އެފްއޭއެމުގެ ޓީމާއި ގުޅުމުން ކުރިޔަށްއޮތްތާންގައި ކަންކަން އިސްލާހުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ.

ކީޕަރު އިމްރާން ބުނީ އޭނާއަށް މި މަގާމު ލިބުނީ ފުޓުބޯޅައިން ރިޓަޔާކުރުމަށްފަހު ކީޕަރުން ތަމްރީނުކުރުމަށް ފުރުސަތު ހޯދަމުން އަންނަނިކޮށް ކަމަށެވެ. އޭނާ ވަނީ ދާދިފަހުން އެފްއޭއެމުން ބޭއްވި ގޯލްކީޕަރުންނާއި ގުޅޭ އެކި ޕްރޮގްރާމްތައް ފުރިހަމަކޮށްފައެވެ. ޤައުމީ ޓީމަށް 17 އަހަރު ކުޅުމަށްފަހު ރިޓަޔާކުރި ކީޕަރު އަލުން ޤައުމީ ޓީމާއި ގުޅުން ވެގެންގޮސްފައިވަނީ ފާހަގަކޮށްލެވޭ ބޮޑު ބަދަލަކަށެވެ.

ކޯޗު ސުޒެއިން ވަނީ 2005 ވަނަ އަހަރުވެސް ޤައުމީ ފުޓުބޯޅަ ޓީމާއެކު މަސައްކަތްކޮށްފައެވެ. އެގޮތުން އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގަައި އޭނާ ވަނީ އެސިސްޓަންޓް ކޯޗެެއްގެ ގޮތުގައި މަސައްކަތްތަކެއް ކޮށްފައެވެ. އަދި 23 އަހަރުންދަށުގެ ޤައުމީ ކޯޗުކަން 2007 ވަނަ އަހަރު އަދާކުރިއެވެ.