ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު އެތައް ތަނުން އިތުރުވެ، ވައިރަސްގައި މަރުވި މީހުންގެ އަދަދު 800 އަށްވުރެ މައްޗަށް ހިނގައްޖެއެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން މިއަދު ބުނެފައިވަނީ، ކޮރޯނާވައިރަސްގައި މިއަދުގެ ނިޔަލަށް ޗައިނާއިން މަރުވި މީހުންގެ އަދަދު 811 އަށް އަރާފައިވާ ކަމަށެވެ. އެއީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ 89 މީހުން މަރުވުމާ ގުޅިގެންނެވެ.

ޗައިނާއިން ބޭރު، ހޮންގްކޮންގާއި، ފިލިޕީންސުން މަރުވި މީހުންނާއެކު ވައިރަސްގައި މިހާތަނަށް މަރުވި ކަމަށް ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު މިވަނީ 813 އަށް އަރާފައެވެ.

ޗައިނާއިން މަރުވި 811 މީހުންގެ ތެރޭގައި ފުރަތަމަ ފަހަރަށް ވަނީ ބޭރު ގައުމުތަކުގެ މީހުން ހިމެނިފައެވެ. އެގޮތުން، ކޮރޯނާވައިރަސްގެ ސަބަބުން ޖަޕާނުގެ ރައްޔިތަކާއި އެމެރިކާގެ ރައްޔިތަކު މަރުވެއްޖެކަން ޗައިނާއިން އިއްޔެގައި ވަނީ އިޢްލާން ކޮށްފައެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިއަދު ބުނެފައިވަނީ، މިހާތަނަށް 37،198 މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ކޮރޯނާވައިރަސްގައި ޗައިނާއިން މަރުވި މީހުންގެ އަދަދު މިހާރު މިވަނީ، 2002-2003 އަށް ދުނިޔޭގައި ފެތުރުނު ސާރސް ރޯގާގައި މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދަށްވުރެ އިތުރުވެގެން ގޮސްފައެވެ.

ވައިރަސްއާ ގުޅިގެން ޗައިނާއަށް ދަތުރުކުރުން ދުނިޔޭގެ ބޮޑެތި އެއަރލައިންތަކުން ހުއްޓާލާފައި ވާއިރު، ވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ވުހާން ސިޓީއާއި، ހޫބޭ ޕްރޮވިންސްގައި ތިބި ބޭރު އެތައް ގައުމެއްގެ ރައްޔިތުން އެގައުމުތަކުން މިހާރުވަނީ އަނބުރާ ގެންގޮސްފައެވެ.

ވައިރަސް ފެތުރުން ހުއްޓުވައި ކޮންޓްރޯލް ކުރުމަށް ޗައިނާ ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން ގެންދާއިރު، މި ވައިރަސް އެތެރެވިޔަ ނުދިނުމަށް ދުނިޔޭގެ ގައުމުތަކުންވެސް ގެންދަނީ ފިޔަވަޅު އަޅަމުންނެވެ. އަދި ވައިރަސްއާ ދެކޮޅު ބޭހެއް ނުވަތަ ވެކްސިނެއް ހޯދުމުގެ މަސައްކަތް ފެށުމަށް ދުނިޔޭގެ ސިއްޔަތު ޖަމްޢިއްޔާއިންވެސް މިހާރުދަނީ ތައްޔާރުވަމުންނެވެ.