ޑިމޮކްރަސީއަކީ ވެރިކަން ހިންގުމުގެ ނިޒާމެކެވެ. މި ނިޒާމުގައި ވެރިކަން ހިންގުމުގެ ބާރުވެރި ފަރާތަކީ ރައްޔިތުން ނުވަތަ ރައްޔިތުން އިންސާފުވެރި ކަމާއެކު އިންތިހާބުކުރާ މަންދޫބުންނެވެ. ދިވެހި ރާއްޖޭގައި ފުރިހަމަ ޑިމޮކްރަސީއެއް ގާއިމުކުރުމަށް ސިޔާސީ ޕާޓީތަކުންނާއި ސަރުކާރާއި ޢާއްމު ފަރުދުންތައް އެކި ގޮތްގޮތަށް އެކި ތަންތާގައި ވާހަކަ ދައްކަމުން ދެއެވެ. މި ފަހަކަށްއައިސް އެންމެ ގަދަޔަށް އިވޭ އެންމެ އަޖައިބު ކުރަނިވި އެއް ވާހަކައަކީ ޕާޓީތަކުން އެކި ދާއިރާތަކުގައި ވާދަކުރައްވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލިސް މެމްބަރުކަމަށް ވާދަކުރައްވާ ފަރާތްތަކަށް ޕާޓީގެ ޓިކެޓް ދިނުމަށް ގެންގުޅޭ ޑިމޮކްރަސީއާ ޚިލާފު އާދައިގެ ވާހަކައެވެ.

ބައެއް ސިޔާސީ ޕާޓީތަކުން ޑިމޮކްރަސީގެ ރޫހާއި އެއްގޮތަށް އެޕާޓީއަކުން ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު ޕާޓީއެއްގެ ހުރިހާ މެމްބަރުންނަށް ހުޅުވާލައެވެ. އަދި އެއްފަރާތައް ވުރެ ގިނަފަރާތުން ވާދަކުރަން ބޭނުންވެއްޖެނަމަ އިންސާފްވެރި ޕްރައިމަރީއަކަށްފަހު ޕްރަމަރީން ކާމިޔާބުވާ ފަރާތަކަށް ޕާޓީގެ ޓިކެޓް ދެއެވެ. ކޮންމެ ޕާޓީއަކުންވެސް ކޮންމެ އިންތިހާބަކާއި ދިމާކޮށް ފޯރިގަދަ ކެމްޕެއިންތަކެއް ކުރެއެވެ. ޕާޓީގެ ރޫހާއި ޚލާފު ނުވާގޮތަށް ކެންޕެއިން ކުރުމަށް ކޮންމެ ޕާޓީއަކުންވެސް އިސްކަންދެއެވެ.

ފޯރިގަދަ ކެމްޕެއިނަށްފަހު ޕްރައިމަރީގެ ވޯޓުލުމަށްފަހު ދެން ފެނިގެންދަނީ ވަރަށްވެސް ބަލައިނުގަނެވޭ ފަދަ އަމަލުތަކެކެވެ. ތަސައްރަފު ފުދިފަތިބޭ ބޮޑެތި މީހުންގެ ފުށުން ފެނިގެންދާ ދެރަވަރު ކަންކަމުން ބައެއްމީހުން ސިޔާސީ ހަޔާތްވެސް ނިންމާލާތަންވެސް އާދެއެވެ.

ރާއްޖޭގައި ސިޔާސީ ދަފްތަރުގައި އެންމެ ގިނަ މެމްބަރުން ތިބޭ ޕާޓީއަކީ އެމްޑީޕީއެވެ. ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއަކީ ޕީޕީއެމެވެ. މި ދެ ސިޔާސީ ޕާޓީތެރެއިންވެސް ކޮންމެ އިންތިހާބަކަށްފަހު ފެންނަ ހިތްހަމަނުޖެހުންތައް ގިނައެވެ. އެމްޑީޕީން ޕާޓީގެ އެތެރޭގެ އިންތިހާބު ކޮންމެ ފަހަރަކުވެސް ބާއްވަނީ ފޯރިގަދަ ޕްރައިމަރީއަކަށް ފަހުއެވެ. އޭގެ ސަބަބުން ޕާޓީ މެމްބަރުންނަށް އެ މެމްބަރުން ބޭނުންވާ ފަރާތެއް ވޯޓުދީގެން ހޮވުމުގެ ފުރުސަތު ލިބެއެވެ. ހަމަ މިގޮތަށް ފޯރިގަދަކޮށް ދެން ފެންނަނީ ޕީޕީއެމުން ބާއްވާ އިންތިހާބުތަކެވެ. އަދި މިނޫނަސް ސިޔާސީ އެހެން ޕާޓީތަށްވެސް އޮތީ މިދެންނެވި ގޮތަށެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށްޓަކައި ޕާޓީތަކުން ގިނަ ތައްޔާރީތަކެއް ވަމުންދާއިރު އެމްޑީޕީ އަދި ޕީޕީއެމުން ވަނީ ޕްރައިމަރީ ބާއްވާފައެވެ. ޕްރައިމަރީތަކުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފައިވާއިރު ސިޔާސީ މަޝްރަހުން ފެނިގެންދަނީ ޕްރައިމަރީގައި ވާދަކުރެއްވި ބައެއް ފަރާތްތަކުން ނަތީޖާ ގަބޫލުނުކޮށް އިންތިހާބު ބާތިލްކުރަން ނިންމާފައިވާ ވާހަކަތަކެވެ. ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމުން ސަޕޯޓަރުން ނިކުމެ އެރަށުގައި ގާއިމްކޮށްފައި ތިބޭ ޖަގަހައިގައި ކުލަ ބަދަލުކުރި ވާހަކަތަކެވެ. އެހެންނޫނީ ކުރިން ސަޕޯޓުކުރި ޕާޓީނޫން އެހެން ޕާޓީގެ ކެންޑިޑޭޓަށް ތާއިދުކުރަން ނިންމާ ކެމްޕެއިންފެށި ވާހަކަތަކެވެ. އަދި ވޯޓުލުމުގައި އޮޅުވާލުންތަކެއް ހުރިކަމުގެ ތުހުމަތުތަކެވެ. މިއީ ހައްތަހާވެސް ކޮންމެ ޕްރައިމަރީއަކަށް ނުވަތަ އިންތިހާބަކަށްވިޔަސް ފެންމަތިވެގެން އަންނަ ވާހަކަތަކެވެ.

ފުރާ ފުރިހަމަވެފައިތިބޭ މީހުންގެ ފުށުން ފެނިގެންނުވާނެ ވަރަށް ގިނަ އަމަލުތަކެއް ކޮންމެ އިންތިހާބަކުން ފެނިގެންދާކަމީ ސިޔާސީ ކަންކަމުގައި ތަސައްރަފު ނުފުދޭކަމުގެ ހެއްކެކެވެ. ސިޔާސީ ކަންކަމުގެ ތެރޭގައި އުޅެންވާނީ އިންތިހާބުތަކުން ބަލިވެސް ވެދާނެކަން އެނގިގެންނެވެ. އަދި ބަލި ގަބޫލު ކުރުމުގެ ހިތްވަރާ ގާބިލްކަންވެސް ހުރެގެންނެވެ. ޑިމޮކްރަސީގެ ރީތި ހަމަތަކާއި ރިވެތި އުސޫލުތައް ދަމަހައްޓަން ހުރިހާ ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރާއިރު ރައްޔިތުންނަށް އެ އިތުބާރު ޕާޓީއާއި ދޭތެރޭ ނުކުރެވޭ ވާހަކަތަކަށް ނިމުން ގެނައުމުގެ މަސައްކަތް ކުރުމަކީ ޕާޓީތަކުގެ އިސްވެރިންގެ ކަމެކެވެ.

މިދިޔަ ޖެނުއަރީ 31 ވަނަ ދުވަހު އެމްޑީޕީގެ ޕްރައިމަރީ ބާއްވާފައި ވާއިރު މި ޕްރައިމަރީ ފާހަގަކުރެވެނީ ހަމަނުޖެހުންތައް ބޮޑު ޕްރައިމަރީއެއްގެ ގޮތުގައެވެ. އެގޮތުން ވޯޓުލާ ބައެއް މަރުކަޒުތަކުގައި ހަމަނުޖެހުންތައް ހިންގައި ވޯޓުކަރުދާސްތަކެއްވެސް އަންދާލިއެވެ. އަދި ވޯޓުފޮށި ޖަހައިގަނެ މަގުމައްޗަށް ވޯޓު ކަރުދާސްތައް އުކާލި މައްސަލައެއްވެސް ފެންމަތިވިއެވެ. އަދި ބައެއް ކެންޑިޑޭޓުންގެ ކެންޑިޑެސީވެސް ވަނީ ބާތިލް ކޮށްފައެވެ.

ޕީޕީއެމުން ޕްރައިމަރީ ބޭއްވީ މިމަހުގެ 7 ވަނަ ދުވަހުގައެވެ. ވަގުތީ ނަތީޖާއާއެކު ފުވައްމުލަކު މޭޔަރުގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް، އެ މަގާމު ނާކާމިޔާބުވެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ފަޒާދު ވަނީ ވިދާޅުވެފައެވެ. ޕްރައިމަރީގައި ކެމްޕެއިން ހަރަކާތްތައް ހިންގި ޓީމުތަކުން ހދ.ހަނިމާދޫއަށް ގޮސްފައިނުވާތީ ކަމަށް ބުނެ ޕީޕީއެމް ސަޕޯޓަރުން ވޯޓުލާން ނިކުމެފައި ނުވާކަމުގެ އަޑުތަކެއްވެސް ވަނީ ފެންމަތިވެފައެވެ.

ރާއްޖޭގައި ބޭއްވޭ ކޮންމެ އިންތިހާބެއްގައިވެސް ބަލިވާ ބައެއް ފަރާތްތަކުން ކޮންމެވެސް ބަހަނާތަކެއް ދެއްކުމަށްފަހު އަލުން އިންތިހާބު ބާއްވަން މަސައްކަތްތަކެއް ކޮށްފައިވެއެވެ.

ގަބޫލުކުރަންޖެހޭ ހަގީގަތަކީ ރައްޔިތުން ކެތްމަދުވެފައިވާ އެއް ކަމަކީ ފުރިހަމަ ޑިމޮކްރަސީއެއްގެ ފޮނިމީރުކަން ލިބިގަތުމަށް ބޭނުންވެފައިވާ މިންވަރެވެ. ދެދޭ ރައްޔިތުންގެ ދޭތެރޭގައި ހަމަހަމަކަން ގާއިމްވެ ގާނޫނުން ކޮންމެ ފަރުދަކަށްވެސް ލިބެންޖެހޭ ހައްގުތައް ކަށަވަރުކުރުވުމަށް ބޭނުންވަފައިވާ ކަމެވެ. ޕާޓީގެ ޓިކެޓަކީ ވަކި އުޞޫލެއްނެތި ހަމަ ހިތައް އެރިގޮތަކަށް ދެވޭ އެއްޗަކަށް ވާކަށް ނުޖެހެއެވެ. ހުރިހާ ޕާޓީތަކުންވެސް ޑިމޮކްރަސީގެ ރީތި އުސޫލު އިސްކުރަންޖެހެއެވެ. މެމްބަރުންގެ މެދުގައި ޕާޓީތަކުގެ ގަވާއިދުގެ ދަށުންނާއި ޕާޓީގެ އަސާސީގަވާއިދުގެ ދަށުން ހަމަހަމަ ކަމާއި އިންސާފުވެރިކަން ދަމަހައްޓަން ޖެހެއެވެ. އޭރުން ރައްޔިތުން އެދޭ ކުރިއެރުމާއި ތަރައްގީ ޑިމޮކްރަސީގެ ތެރެއިން ލިބިގެން ދާނެއެވެ.