މިދިޔަ ޖަނަވަރީ މަސް ނިމުނު އިރު ދައުލަތުގެ ރިޒާވުގައި ހުރީ 685 މިލިއަން ޑޮލަރު ކަމަށް (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަސް ނިމުނުއިރު ދައުލަތުގެ ރިޒާވްގައި ހުރީ 685 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ ޖަަވަރީ މަސް ނިމުނުއިރު ދައުލަތުގެ ރިޒާވްގައި ހުރީ 677 މިލިއަން ޑޮލަރެވެ.

އެމްއެމްއޭ އިން ބުނީ މިހާރު ރިޒާވްގައި ހުރި 685 މިލިއަން ޑޮލަރަކީ، މިދިޔަ 2019 ވަނަ އަހަރުގެ ޖަނަވަރީ މަހު ރިޒާވްގައި ހުރި އަދަދަށް ވުރެ 8 މިލިއަން ޑޮލަރު އިތުރު އަދަދެއް ކަމަށެވެ. އެހެންކަމުން މިއީ މިދިޔަ ޖަނަވަރީ މަހާ އަޅާބަލާއިރު 1.2 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ޔޫޒަބްލް ރިޒާވް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖަނަވަރީ މަހު ޔޫޒަބްލް ރިޒާވް 317.9 މިލިއަން ޑޮލަރަށް އިތުރުވުމަށް ފަހު ފެބްރުއަރީ މަހު ވަނީ 295.3 މިލިއަން ޑޮލަރަށް، މާޗު މަހު 251.8 މިލިއަން ޑޮލަރަށް، އޭޕްރީލް މަހު 250.2 މިލިއަން ޑޮލަރަށް އަދި މޭ މަހު 249.6 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ.

ޖޫން މަހު ޔޫޒަބްލް ރިޒާވް 276 މިލިއަން ޑޮލަރަށް އިތުރުވުމަށް ފަހު، ސެޕްޓެމްބަރު މަސް ނިމުނު އިރު އަނެއްކާ ވެސް ވަނީ 204.2 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. އެހެން ނަމަވެސް، އޮކްޓޯބަރު މަހު ޔޫޒަބްލް ރިޒާވް 225.7 މިލިއަން ޑޮލަރަށް އެރި އެވެ.

ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ދައުލަތުގެ ރިޒާވް އެންމެ ބޮޑަށް އިތުރުވެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެ މަހު ރާއްޖޭގެ ރިޒާވް 938 މިލިއަން ޑޮލަރަށް އިތުރުވި އެވެ.

ދައުލަތުގެ ރިޒާވް ބޮޑު ކުރުމަށްޓަކައި މި ސަރުކާރުން، އިންޑިޔާގެ މަރުކަޒީ ބޭންކުން ކުރިން ހޯދަމުން އައި 200 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް، 400 މިލިއަން ޑޮލަރަށް އިތުރުކޮށްފައިވާ އިރު ކަރެންސީ ސްވޮޕްގެ ތެރެއިން ހޯދާ ފައިސާއަކީ އަނބުރާ ދައްކަން ޖެހޭތީ މިއީ ރިޒާވް ބޮޑުކުރުމަށްޓަކައި ލިބޭނެ ވަގުތީ ހައްލެކެވެ.

ސަރުކާރުން އަންދާޒާކުރާ ގޮތުގައި މިއަހަރު ނިމޭއިރު ދައުލަތުގެ ރިޒާވް 818 މިލިއަން ރުފިޔާއަށް އަރާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަމާޒަކީ ފުރަތަމަ ފަސް އަހަރު ނިމޭއިރު ދައުލަތުގެ ރިޒާވް 1 ބިލިއަން ރުފިޔާއަށް އިތުރުކުރުމެވެ.