ކުޑަކުދިން، އަންހެނުން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މައްސަލަތަކުގައި ޝިދާތާ ޝަރީފު އެޅުއްވީ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށް ޖެންޑާ އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރު ކަމަށް ވަޑައިގެންނެވި ޝިދާތާ ޖެންޑާ މިނިސްޓަރުކަމުން މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފައިވަނިކޮށެވެ.

އަދާލަތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝިދާތާ އިސްތިއުފާދެއްވި ދެއްވުން އެޕާޓީން ބަލައިގަންނަނީ ވަރަށް ހިތްވަރުގަދަ އަމަލެއްގެ ގޮތުގައި ކަމަށެވެ. އަދި ޝިދާތާ އިސްތިއުފާދެއްވި ސަބަބު ކަމަށްވާ ޖެންޑާ މިނިސްޓްރީގެ އިތުބާރު ދަމަހައްޓަން ފުރުސަތު ދެއްވި ދެއްވުން އުފަލާއެކު ބަލައިގަންނަ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދާލަތުން ބުނީ ޝިދާތާ އަކީ މިނިސްޓަރުކަމަށް ވަޑައިގެންނެވުމުގެ ކުރިންނާއި މިނިސްޓަރުކަމުގައި ހުންނަވައިގެން ވެސް ރައްޔިތުންގެ ހާލު ބައްލަވައި، އެހީތެރިކަން ފޯރުކޮށްދެއްވުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. މީގެ އިތުރުން އަންހެނުންނާއި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މައްސަލަތައް ހައްލުކުރަން އޭނާ ބުރަކޮށް މަސަައްކަތްކުރައްވަައި، އެޅުއްވި ފިޔަވަަޅުތައް ކާމިޔާބު ކަމަށް ވެސް އަދާލަތުގެ ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ، މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް ޕާޓީއެކު މަސައްކަތް ކުރުމަށް ދެމިހުންނަވާނެ ކަމަށް ޝިދާތާ ނިންމަވާފައިވާތީ އެއީ ޕާޓީއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށާ އެކަމުގައި ވެދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ.

އިސްތިއުފާ ދެއްވުމަށް ފަހު ނެރުއްވި ބަޔާނެއްގައި ޝިދާތާ ވިދާޅުވީ ޖެންޑާ މިނިސްޓްރީ އާއި ސަރުކާރަށް ރައްޔިތުންގެ އިތުރުބާރު ކުޑަވިޔަ ނުދޭން މިވަގުތު އެންމެ މަސްލަހަތު ހުރި ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށް ވިޔަސް މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި އިހުމާލުވެފައި ނުވާނެ ކަމަށެވެ.

ޝިދާތާގެ އިސްތިއުފާ އާއިއެކު އޭނާގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރައްވަން ނިންމެވީ އިންޑިއާގެ ސަފީރުގެ މަގާމުގައި މިހާތަނަށް ހުންނެވި އައިޝަތު މުހައްމަދު ދީދީ އެވެ.