ސޯޝަލް މީޑިއާ އަކީ މިހާރު ވަރަށް ވެސް ވަރުގަދަ އެއްޗެކެވެ. ދިވެހިންނަށް ހުރިހާ ވެސް އެއްޗަކީ އެއީ އެވެ. އެންމެ އަވަހަށް ހަބަރުތައް މައުލޫމާތުތައް ލިބޭ ޕްލެޓްފޯމް އަކީ ސޯޝަލް މީޑިއާ ކަމަށް މިހާރު އޮތީ ގަބޫލުކުރެވިފަ އެވެ.

ސޯޝަލް މީޑިއާގައި އެއްޗެއް ފެނުމާއި އެކު އެއަށް ފާޑު ކިޔުމާއި އެއާ ގުޅިގެން ދެކެވެން އޮތްހާ ވާހަކައެއް ދައްކަން ފަށާއިރު ކަމުގެ ދެކޮޅު ބެލުމެއް ނޯވެއެވެ.

މިހާރުވެސް މި އުޅެނީ ހަމަ މިފަދަ މައްސަލައެއް ފެންމަތި ވެގެންނެވެ. ވަރަށް ވެސް ނާޒުކު މައްސަލަ އެކެވެ. މާފުށީ ގައި ބަރަހަނާކަން ބޮޑުކޮށް ރަށުތެރޭގައި އުޅުނު ފަތުރުވެރިއެއްގެ މައްސަލަ އެވެ. އަދި އެމީހާ މަސްތުގެ ހާލަތުގައި ހުރި ކަމުގެ ތުހުމަތު ވެސް ކުރެވުނީ އެވެ.

ފުލުހުން އޭނާ ހައްޔަރު ކޮށްގެން ގެންދިޔަ ގޮތުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވި ހިސާބުން ގިނަ ބައެއްގެ ސަމާލުކަން އެމައްސަލައަށް ހުއްޓުނެވެ. އާންމުންގެ ޝަކުވާތައް ވެސް އިންތިހާއަށް ގިނަވެގެންދިޔަ އެވެ.

ވީޑިއޯ ބަލައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އާންމުން ނެގި މައްސަލަ އަކީ ފިރިހެން ފުލުހަކު އަންހެނެއް ގައިގައި އަތްލާ ހިފާ އޭނާ ހައްޔަރުކުރު މެވެ. ދިފާއުގައި ފުލުހުން ބުނެފައި ވަނީ މާފުށީ ގައި އަންހެން ފުލުހުން ނެތުމުން އެވަގުތު ފިރިހެން ފުލުހުން ހަރަކާތްތެރިވާން ޖެހުނީ ކަމަށެވެ. ރައްޔިތުންގެ ނަޒަރުގައި އެއީ ގޯހަކަށްވީ ނަމަވެސް ކަމުގެ ހަގީގަތް އޮތްގޮތް ބަލާލުން މުހިންމެވެ.

ރާއްޖޭގައި ކޮންމެ އިދާރާއަކީ ވެސް ގާނޫނުތަކާއި ގަވައިދުގެތަކުގެ ދަށުން ހިންގަމުންދާ އިދާރާ އަކަށް ވާއިރު ފުލުހުންނަށް ހާއްސަ ގާނޫނެއް އަދި ފުލުހުންގެ ވަކި ގަވާއިދެއް ރާއްޖޭގައި އޮވެއެވެ.

ފުލުހުންގެ ގާނޫނަށް ބަލާއިރު މާފުށީގައި ހިނގައިދިއަ އެ ހާދިސާގައި ފުލުހުންގެ އަމަލުތައްހުރީ ގޯސްކޮށޭ ނޫނީ ގާނޫނާ ޚިލާފަށޭ ދެންނެވޭކަށް ނެތެވެ. ސަބަބަކީ ފުލުހުންގެ ގާނޫނުގައި ހައްޔަރު ކުރުމަށް ވަކި ޖިންސެއް ނެތުމެވެ.

ފުލުހުންގެ ގާނޫނާއި ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ވާގޮތުން ވެސް، އަންހެނަކު ބަލައި ފާސްކުރުމަށް ފިރިހެން ފުލުހަކަށް ގާތެއް ނުވެވެ އެވެ. މި ދެ ގާނޫނަށް ރިއާޔަތްކޮށް ހަދާފައި އޮތް ފުލުހުންގެ ގަވާއިދުގައި ވެސް އޮތީ ހަމަ މިހެންނެވެ. އެކަމަކު ހައްޔަރު ކުރުމުގައި އިސްތިސްނާއެއް ނެތެވެ. ފިރިހެން ފުލުހަކަށް ވެސް އަންހެނަކު ހައްޔަރު ކުރުމުގެ ބާރު ގާނޫނުން އޮތީ ލިބިދީފަ އެވެ.

ކަންމިހެން އޮތްއިރު މާފުށީގައި ފަތުރުވެރިއާ ހުއްޓުވަން ފުލުހުން އަމަލުކުރިގޮތް ފެންނަ ވީޑިއޯ އަށް ބަލައި ފުލުހުންގެ އަމަލު ހުރީ އެންމެ ރަނގަޅަށްތޯ ބައެއް ފަރާތްތަކުން އުފައްދަމުންއެދާ ސުވާލުތަކަށް ޖަވާބެއް އެބަ ބޭނުންވެ އެވެ.

އަނެއްކާވެސް މިކަމަށް ގާނޫނީ ނަޒަރަކުން ބަލާލަމާ ހިނގާށެވެ. ސޯޝަލް މީޑިއާ ގައި އާންމުވި ވީޑިއޯ އިން ފެންނަ ގޮތުގައި، ފުލުހުން އެންމެ ފުރަތަމަ އެމީހާ އަށް ނަސޭހަތްތެރިވީ އެވެ. އޭނާ މަޑުކުރުވާ ވާހަކަދެއްކީ އެވެ. އެހެންނަމަވެސް އެމީހާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާކަން މި މަންޒަރު ފެންނަ ބައެއް އެހެން ވީޑިއޯތަކުން ވަރަށް ވެސް ސާފުކޮށް ފެނިގެންދެ އެވެ.

ބައެއް ވީޑިއޯ ތަކުން ފެންނަ ގޮތުގައި، ފަތުރުވެރިން އެގޮތަށް ރަށުތެރެއަށް ނިކުމެ އުޅޭތީ ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުއްޓެވެ. އެގޮތުން ކުޑަކުދިންނަށް ފެންނާނެހެން ނިވާކަން ކުޑަކޮށް ރަށުގެތެރޭގައި އުޅުމާއި، އެހެން އުޅުމުގެ ތެރޭގައި ގައިގޯޅިވާ މަންޒަރު ކުޑަކުދިންނަށް ފެންނަ ކަމުގެ ޝަކުވާ ރައްޔިތުން ކުރެ އެވެ. އެފަދަ ކަންބޮޑުވުންތައް ރައްޔިތުންގެ ހުރި މިންވަރު، މި މައްސަލަ ފެންމަތިވެ ދައުރުވަމުުންދާ ބައެއް ވީޑިއޯ ތަކުންވެސް އިވިގެންދެ އެވެ.

ފުލުހުންގެ ގާނޫނުގެ 14 ވަނަ މާއްދާގައިވާގޮތުން ފުލުހުންގެ ދައުރު އަދާކުރުމުގައި އެއްވެސް ފުލުހެއް ކުރާ ގާނޫނީ އަމުރަކަށް ނުކިޔަމަންތެރިކަން ނުވަތަ ގަދަފަދަކަން ދައްކައިފި މީހަކާއި މެދު ފުލުހުންނަށް ލިބިދޭ ބާރާއި އިހްތިޔާރުގެ ބޭނުން ހިފުމުގައި އެ ނުކިޔަމަންތެރިކަން ނުވަތަ ގަދަފަދަކަން ދައްކާ މީހަކު ކިޔަމަންތެރި ކުރުވުމަށްޓަކައި، އެ މަގްސަދު ހާސިލުކުރެވޭނެ އެކަށީގެންވާ ބާރު ބޭނުންކުރުމަކީ ހުއްދަ ކަމެކެވެ. އެހެންވީމާ މިފަދަ ހާލަތުގައި ފުލުހުން ކަންކުރީ ގާނޫނީ ގޮތުން ގޯސްކޮށް ކަމަށްބުނެ ސުވާލު އުފެއްދުމުގެ މާބޮޑު ޖާގައެއް ނެތެވެ.

ލީޑަރުންނަށް ގާނޫނުގައި އޮތް ގޮތް އޮޅުނީ ބާ؟

ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ކޮންމެއަކަސް ހިނގައިގެންދިޔަ ހާދިސާ އަކީ އާންމުނަށް މާކަ ބަލައިގަނެވޭ ކަމަކަށް ނުވިއެވެ. މިކަމުގެ ސަބަބުން ފުލުހުންގެ އިދާރާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފެށީ އެވެ. ކާމާއިބެހޭ ފަރާތްތަކުން މި ހާދިސާއަށް ދިން ރެސްޕޮންސް ވަރަށް ވެސް އަވަހެވެ.

އެގޮތުން ހާދިސާ ހިނގި ރޭ ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވަނީ މާފުށީ ގައި ނިވާކަންކުޑަކޮށް ހުރި ފަތުރުވެރިއަކު ހައްޔަރު ކުރަން މަސައްކަތް ކުރީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށްޓަކައި ފަތުރުވެރިޔާގެ ކިބައިންނާއި އާންމުންގެ ކިބައިން ވެސް މާފަށް އެދިވަޑައިގެންނެވި އެވެ.

އެކަމަކު ފުލުހުންގެ އެންމެހާ ކަންކަމާ ހަވާލުވެ ހުންނަ ބެލެނެވެރި އިދާރާ އަކީ ހޯމް މިނިސްޓްރީ ކަމަށް ވާއިރު، މިކަމާ ގުޅިގެން ހޯމް މިނިސްޓަރ އިމްރާންގެ ރައުޔު ތަފާތެެވެ.

އެ ހާދިސާއާ އަށް އިޝާރާތްކުރައްވައި ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، އެކަމުގައި ފުލުހުން އަމަލުކޮށްފައި ވަނީ ގޯސް ކޮށޭ ދެންނެވެން ނެތް ކަމަށެވެ. ފަތުރުވެރިޔާ އާއި މެދު އަމަލު ކުރި ގޮތުން ފާޑުކިޔުން އަމާޒުވި ނަމަވެސް އެ ސީން އަށް އެޓެންޑް ނުވެ ދޫކޮށްލި ނަމަވެސް ފާޑުކިޔުން އަމާޒުވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ސެކިއުރިޓީ ޕްރޮސްޕެކްޓިވްއަކުން ބަލައިފިއްޔާ އަޅުގަނޑުމެންނަކަށް ނެތޭ ބުނެވޭކަށް އެ ސިޓްވޭޝަން ކޮންޓްރޯލް ކުރިއަކީ ވަރަށް ގޯސްކޮށެކޭ އެއް،
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

އެހެންނަމަވެސް ސީޕީ ހަމީދު އާއި މިނިސްޓަރ އިމްރާން އަށްވެސް އެއްބަސްވެވުނު އެއް ކަމެއް އޮތެވެ. އެއީ އެއަށް ވުރެ ރަނގަޅަށް އެ ހާލަތު ފުލުހުންނަށް ކޮންޓްރޯލް ކުރެވިދާނެ ކަމެވެ.

ދެން އޮތީ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ ވާހަކަފުޅެވެ. ރައީސް ނަޝީދު ވަނީ ފުލުހުންގެ މި އަމަލު ވަރަށް ވެސް ބޮޑަށް ކުށްވެރި ކުރައްވާފަ އެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުމާއި އަންހެނަކު ހައްޔަރު ކުރަން ފިރިހެން ފުލުހުން ހަރަކާތްތެރި ވުމަކީ ރާއްޖޭގެ ރީތި ނަން ހަރާބުވާނެ ކަމެއް ކަމަށެވެ. އަންހެން ޓްއަރިސްޓް ހައްޔަރުކުރަން ފިރިހެން ފުލުހުން ހަރަކާތްތެރިވި ހަރަކާތްތެރިވުން އެމަނިކުފާނު ސިފަކުރެއްވީ ގަޔަށް ބޮލަށް އެރުން ކަމަށެވެ.

ކޮންމެއަކަސް މި މައްސަލަ މިއޮތީ ވަރަށް ވެސް ނާޒުކު ކަމެއްގެ ގޮތުގައި ފެންމަތިވެފަ އެވެ. ސޯޝަލް އެސްޕެކްޓަކުން ބަލާއިރު އަންހެނެއް ގައިގައި ފިރިހެނަކު އަތްލުން ގޯހަކަށްވެއެވެ. އެކަމަކު ގާނޫނީ ނަޒަރަކުން ބަލާއިރު އެކަން ގޯހެކޭ ބުނެވޭކަށް ނެތެވެ. އަނެއްކޮޅުން ރާއްޖޭގައި ހާއްސަކޮށް މީހުން ދިރިއުޅޭ ރަށެއްގައި އެފަދަ ގޮތަކަށް ނުވާކަން ކުޑަކޮށް މީހަކު ހަރަކާތްތެރިވާނަމަ، އަންހެނުން ފުލުހަކު ނެތްހާލަތެއްގައި ފިރިހެން ފުލުހަކު ނުވަތަ ފުލުހުންތަކެއްވެސް އެމީހަކު ހުއްޓުވުމަކީ ޤާނޫނީގޮތުން ބަލާއިރު ކުރެވޭނެ ކަމެއް ކަމަށް ޤާނޫނީ ބޭފުޅުން ވިދާޅުވެ އެވެ. އަދި ބުއްދީގެ ހަމައިން ވިސްނާއިރު ވެސް އެއީ މުޅިއަކުން ގޯސްކޮށް ކުރިކަމެކޭ ދެންނެވެން އެބައޮތްތޯ އެވެ.