ސްޕެނިޝް ލީގުގެ އެންމެ ވަރުގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާއާއި ރެއާލް މެޑްރިޑް ކުުޅުނު މެޗުތަކުން ފަހަތުން އަރާ މެޗު ކާމިޔާބުކޮށްފިއެވެ.

ބާސެލޯނާ ކުޅުނު މެޗު އެ ޓީމު ކާމިޔާބުކުރީ ރަށުން ބޭރުގައި ރެއާލް ބެޓިސްއާއި ވާދަކޮށް 3-2 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލީޑުނަގާފައިވަނީ ބެޓިސް އެވެ. މެޗުގެ ހަވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ގޯލު ކާމިޔާބުކޮށްދިނީ ކަނާލޭސް އެވެ. ނަމަވެސް މެޗުގެ 9 ވަނަ މިނެޓްގައި ފްރެންކީ ޑި ޔޮންގް ވަނީ ބާސާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުގެ 26 ވަނަ މިނެޓްގައި ފަކީރް ބެޓިސް އަށް އަލުން ލީޑު ނަގައިދިން ނަމަވެސް ފުރަތަމަ ހާފުގެ ފަހުކޮޅުސާޖިއޯ ބުސްކެޓްސް ވަނީ ބާސާ އަށް އަލުން ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުން ބާސެލޯނާ މޮލުވި ގޯލު މެޗުގެ 72 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ލެންގްލެޓް އެވެ. މި މެޗު ފަހު 10 މިނެޓްތެރޭ ބާސާގެ ލެންގްލެޓް އާއި ބެޓިސްގެ ފަކީރް އަށް ރަތްކާޑު ދެއްކުމުން ދެ ޓީމުން ވެސް މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކުއެވެ. ބާސެލޯނާއިން މި މެޗުގައި ކާމިޔާބުކުރި ތިން ގޯލު ޖެހުމުގައި އެންމެ އިސް ދައުރެއް އަދާކުރީ އެ ޓީމުގެ ކެޕްޓަން ލައޮނަލް މެސީ އެވެ. މިއީ އޭނާގެ ތިން އެސިސްޓަކުން ކާމިޔާބުކުރި ތިން ގޯލެވެ.

ގޯލުޖެހުމަށްފަހު ސާޖިއޯ ރާމޯސް އުފާފާޅުކުރަނީ

ރެއާލް މެޑްރިޑް ކުޅުނު މެޗު އެ ޓީމު ކާމިޔާބުކުރީ ރޭ އޮސަސޫނާ އާޢި ބައްދަލުކޮށް 4-1 ގެ ނަތީޖާއަކުންނެވެ.

އޮސަސޫނާގެ ދަނޑުގައި ކުޅުނު މި މެޗުގެ 14 ވަނަ މިނެޓްގައި ގާސިއާ ވަނީ އޮސަސޫނާ އަށް ލީޑު ނަގާދީފައެވެ. މެޗުގެ 33 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފިލްޑަރ އިސްކޯ އެވެ. މި ގޯލު ޖެހިތާ ފަސް މިނެޓުފަހުން ރެއާލުން ވަނީ އަނެއްކާވެސް ލީޑު ނަގައިފައެވެ. މި ލަނޑު ލިބުނު ކޯނަރަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޮސް އެވެ.

މެޗުގެ 84 ވަނަ މިނެޓުގައި ރެއާލް ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. ކަރިމް ބެންޒެމާގެ އެހީތެރިކަމާއިއެކު އެޓީމަށް މި ގޯލު ކާމިޔާބުކޮށްދިނީ ލޫކަސް ވަޒްކުއޭޒް އެވެ. މެޗުން ރެއާލް މޮޅުކޮށްދިން ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ވެސް ކެޕްޓަން ސާޖިއޯ ރާމޮސް އެވެ.

މި ނަތީޖާތަކާއެކު ލީގުގެ އެއްވަނައިގައި ރެއާލް މިހާރު އޮތީ 52 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި ބާސާ އޮތީ 49 ޕޮއިންޓާ އެކުއެވެ. ތިންވަނައިގައި 42 ޕޮއިންޓާ އެކު އޮތީ ގެޓާފޭއެވެ.