ނުރައްކާތެރި ކޮރޯނާވައިރަސްގައި ޗައިނާއިން އިއްޔެ އެކަނިވެސް 97 މީހުން މަރުވެއްޖެއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިއަދު އާންމުކުރި، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކުގައި ހިމެނޭ 97 މީހުންގެ މަރަކީ މިހާތަނަށް ކޮރޯނާވައިރަސްގައި އެއް ދުވަހެއްގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ފުރަތަމަ ފަހަރެވެ.

97 މީހުން އިއްޔެ މަރުވި ކަމަށް ރިކޯޑްކުރެވުނު އިރު، މި ވައިރަސްގައި ހަމައެކަނި ޗައިނާއިން މަރުވި މީހުންގެ އަދަދު މިހާރުވަނީ 908 އަށް އަރާފައެވެ.

އަދި ހަމަ އެއާއެކު، ހޮންގްކޮންގާއި ފިލިޕީންސުން މަރުވި ދެމީހުންނާއެކު ކޮރޯނާވައިރަސްގައި މަރުވި މީހުންގެ އަދަދުވަނީ 910 އަށް އަރާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ވައިރަސްއަށް އިތުރު އެތައްބަޔަކު ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓްކޮށްފައި ވާއިރު، ޗައިނާއިން އިއްޔެގެ ނިޔަލަށްވަނީ 40،171 އަށް އަރާފައެވެ.

ޗައިނާގެ ވުހާއިން ފެތުރޭންފެށި ނުރައްކާތެރި ވައިރަސްގެ މައްސަލަ ތަހްގީގުކުރުމަށް ޚާއްސަ ތަޖުރިބާކާރުންގެ ޓީމެއް ޗައިނާއަށް މިހާރު ދަތުރު ފަށައިފިކަން ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ވަނީ އިޢްލާންވެސް ކޮށްފައެވެ.

މިއާއެކު، އެއްވެސް އިރެއްގައި ޗައިނާއަށް ދަތުރުކޮށްފައި ނުވާ މީހުންގެ މެދުގައިވެސް ކޮރޯނާވައިރަސް ފެތުރެން ފަށާފައިވާކަމުގެ ބިރުވެސް މިހާރު އުފެދިފައި ވެއެވެ.