ރާއްޖޭގައި އިންޝުއަރެންސް ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުން މިދިޔަ އަަހަރު ބަދަލުގެ ގޮތުގައި 275 މިލިއަން ރުފިޔާ ދޫކުރިކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އިންޝުއަރެންސް ވިޔަފާރިއާބެހޭ ތަފާސްހިސާބު ތަކުގައިވާގޮތުން އިންޝުއަރެންސް ކުންފުނިތަކުން ބަދަލުގެ ގޮތުގައި ދޫކުރި ޖުމްލަ އަދަދު މިދިޔަ އަހަރު ވަނީ މައްޗަށް ގޮސްފައެވެ.

އެގޮތުން 249.5 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދޫކުރިއިރު، 2016 ގައި 273.7 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. 2017 ވަނަ އަހަރު 239.7 މިލިއަން ރުފިޔާ ދޫކުރިއިރު، 2018 ގައި ދޫކުރީ 238.2 މިލިއަން ރުފިޔާއެވެ. އަދި ފާއިތުވެދިޔަ 2019 ގައި 275 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

އެމްއެމްއޭއިން ބުނީ، ބަދަލުގެ ގޮތުގައި އެންމެ ބޮޑެތި އަދަދުތަކެއް މިދިޔަ އަހަރު ދޫކޮށްފައި ވަނީ އަލިފާނުގެ ހާދިސާތަކުން ސަލާމަތްވުމަށް ނަގާ އިންޝުއަރެންސް ޕޮލިސީ، މެރިން ހަލް ޕޮލިސީ އަދި ބޭސްފަރުވާގެ އިންޝުއަރެންސް ޕޮލިސީ ނަގާފައިވާ ފަރާތްތަކަށް ކަމަށެވެ. މެރިން ހަލް ނަގާފައިވާ ފަރާތްތަކަށް ބަދަލުގެ ގޮތުގައި 58 މިލިއަން ރުފިޔާ މިދިޔަ އަހަރު ދޫކޮށްފައިވެއެވެ.

އަލިފާނުގެ ހާދިސާތަކުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 76.3 މިލިއަން ރުފިޔާ ދޫކޮށްފައި ވާއިރު، ބޭސްފަރުވާއަށް 99.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

މިދިޔަ އަހަރު ބަދަލުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދޫކޮށްފައި ވަނީ އެންމެ ފަހު ކުއާޓަރުގައެވެ. އެގޮތުން، ފުރަތަމަ ކުއާޓަރުގައި 64.4 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

ދެވަނަ ކުއާޓަރުގައި 46.2 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ތިންވަނަ ކުއާޓަރުގައި 67.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި ހަތަރުވަނަ ކުއާޓަރުގައި 96.9 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދޫކުރިއެވެ.

ރާއްޖޭގައި ފަސް އިންޝުއަރެންސް ކުންފުންޏަކުން ހިދުމަތް ދެ އެވެ.