ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ޕީޕީއެމްގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކަމަށް މަޖިލީހުން އިއުލާން ކުރުމާއި އެކު އިދިކޮޅު ލީޑަރަކީ ކޮބައިކަން ސާފުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި، މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްްޔާ އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބުދެއްވާނެ ފަރާތެއް އެނގިގެންދާނީ މަޖިލީހުގެ މައިނޯރިޓީ ނުވަތަ އިދިކޮޅު ލީޑަރަކީ ކޮބައިކަން އެނގުނުހާ އަވަހަކަށެވެ.

ސިޔާސީ ޕާޓީތަކަށް އައި ބަދަލު މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރެއްވުމާއި އެކު މިކަން ވަަނީ ސާފުވެގެން ގޮސްފަ އެވެ.

މަޖިލީހުގެ ރިޔާސަތުން ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ 37ވަނަ މާއްދާއަށް ރިއާޔަތްކުަރައްވައި، މައިނޯރިޓީ ލީޑަރަކީ ޕީޕީއެމްގެ ޕާލިމެންތްރީ ގުރޫޕުގެ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކަމަށެވެ.

މަޖިލީހުގެ ގަވއިދު ބުނާގޮތުންނަމަ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ތަމްސީލުކުރާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ ގޮނޑި ތަންސީލުކުރާ ޕާޓީގެ ޕީޖީ ލީޑަރަކީ މަޖިލީހުގެ މައިނޯރިޓީ ލީޑަރެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އާއި އެކު މަޖިލިހުގެ މެޖޯރިޓީ ލީޑަރަކީ، އެމްޑީޕީގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.

މަޖލީހުގައި މެންބަރުން މިހާރު ތިއްބެވި ގޮތަށް ބަލާއިރު، އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންވާ ތިއްބެވީ 65 މެންބަރުން ނެވެ. އަދި (ޕީޕީއެމް) ގައި 6 މެންބަރުން އަދި ޖުމްހޫރީ ޕާޓީގައި 5 މެންބަަރުން ނެވެ.

މީގެ އިތުރަށް ޕީއެންސީގައި 3 މެންބަރުންނާއި އެމްޑީއޭގެ 2 މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައި ނުގަންނަވާ 6 މެންބަރުން ނެވެ.

މަޖިލީހުގެ ރިޔާސަތުން ވަނީ، މައިނޯރިޓީ ލީޑަރަށް ޕީޕީއެމްގެ ޕީޖީ ވެވަޑައިގެންނެވީ ވަކި ޕާޓީ އަކަށް ނިސްބަތްވެވަޑައި ނުގަންނަވާ މެންބަރެއްގެ ގޮތުގައި ހުންނެވި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ޕީޕީއެމަށް ސޮއިކުރެއްވުމާއި ގުޅިގެންކަން ފާހަގަކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ އަހަރަކު މަޖިލިސް ހުޅުމަށް ބާއްވާ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވާނީ މައިނޯރިޓީ ނުވަތަ އިދިކޮޅު ލީޑަރެވެ.

އެހެންކަމުން ރިޔާސީ ބަޔާނަށް 14 ދުވަހުގެ ތެރޭގައި ޖަވާބުދެއްވަން ޖެހިވަޑައިގަންނަވާނީ އިދިކޮޅު ލީޑަރެއްގެ ހައިސިއްޔަތުން، އޭދަފުސީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެވެ.