ޗައިނާގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ނޮވެލް ކޮރޯނާވައިރަސް އަތުވެދާނެ ކަމަށް ތައްޔާރުވެ ތިބުމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯއިން ދުނިޔޭގެ ގައުމުތަކަށް ގޮވާލައިފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން މިކަމަށް ގޮވާލީ، ޗައިނާއަށް ދަތުރުކޮށްފައި ނުވާ މީހުންގެ މެދުގައިވެސް ވައިރަސް ފެތުރެމުންދާ ކަމުގެ ރިޕޯޓްތައް އާންމުވުމާ ގުޅިގެންނެވެ.

ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ޣެބްރޭސަސް ވަނީ، އެއްވެސް އިރެއްގައި ޗައިނާއަށް ދަތުރުކުރުމުގެ ރެކޯޑެއްނެތް މީހުންގެ މެދުގައިވެސް ވައިރަސް ފެތުރެމުންދާ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"ޗައިނާއަށް ދަތުރުކުރުމުގެ ރެކޯޑެއްނެތް މަދުބައެއްގެ ގައިން މިވައިރަސް ފެނުމަކީ އެހެން ގައުމުތަކުގައިވެސް މިވައިރަސް ބާރުމިނުގައި ފެތުރިގެން ހިނގައިދާނެކަމުގެ ނިޝާނެއް. ކުރުގޮތަކަށް ބުނާނަމަ އަޅުގަނޑުމެންނަށް މިފެންނަނީ ގަނޑުފެންގަނޑެއްގެ ކުޑަ އެތިކޮޅަކަށްވެސް ވެދާނެ" ޓެޑްރޯސް

އެހެންކަމުން، ވައިރައިސް އަތުވެދާނެކަމަށް ދުނިޔޭގެ ގައުމުތައް ތައްޔާރީ ހާލަތުގައި ތިބުމަށް ޓެޑްރޯސްވަނީ ގައުމުތަކަށް ގޮވާލައްވާފައެވެ.

އެހެންނަމަވެސް، ޕެނިކްނުވުމަށާއި، މަޑުމައިތިރިކަމާ އެކުގައި ތިބުމަށް އޭނާވަނީ ގޮވާލައްވާފައެވެ.

ހަމަ އެއާއެކު، ވައިރަސްއާ ގުޅުންހުރި މައުލޫމާތުތައް ޑަބްލިޔޫއެޗްއޯއާ ވަގުތުން ވަގުތަށް ހިއްސާކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ގައުމުތަކަށް ގޮވާލައްވާފައި ވެއެވެ.

ނޮވެލް ކޮރޯނާވައިރަސްގައި އިއްޔެގެ ނިޔަލަށް 910 މީހުން މަރުވެފައި ވާއިރު، މެއިންލެންޑް ޗައިނާއިން ބޭރުން މަރުވެފައިވަނީ ދެމީހުންނެވެ. އެއީ، ހޮންގްކޮންގުން މަރުވި މީހަކާއި ފިލިޕީންސުން މަރުވި މީހެކެވެ.

ޗައިނާގެ އިތުރުން، ދުނިޔޭގެ އިތުރު 25 ގައުމަކުން މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައި ވެއެވެ.

ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ސާޅީސް ހާހަށްވުރެ މައްޗަށް ގޮސްފައި ވާއިރު، ޖަޕާނުގެ ޑައިމަންޑް ޕްރިންސަސް ނަމަކަށްކިޔާ ކްރޫޒް ޝިޕުން އިތުރު 60 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ޖަޕާނުން މިއަދު ހާމަކޮށްފައި ވެއެވެ. މިއާއެކު، ކްރޫޒް ޝިޕުން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 130 އަށް އަރާފައެވެ.

ޖަޕާނުގެ ކުރޫޒް ލައިނަރ ޔޮކޮހާމާގެ ބަނދަރަށް ވަދެފައިވަނީ ފެބްރުއަރީ 3 ވަނަދުވަހުއެވެ. އޭގެފަހުން ދެ ހަފްތާއަށް އެ ކްރޫޒްލައިނަރ ވަނީ ކަރަންޓީނުވެސް ކޮށްފައެވެ.

ޗައިނާގެ ވުހާއިން ފެތުރޭންފެށި ނުރައްކާތެރި ވައިރަސްގެ މައްސަލަ ތަހްގީގުކުރުމަށް ޑަބްލިޔޫއެޗްއޯގެ ޚާއްސަ ތަޖުރިބާކާރުންގެ ޓީމެއް ޗައިނާއަށް މިހާރު ދަތުރު ފަށައިފައިވާއިރު، ވައިރަސްއާ ދެކޮޅު ބޭހެއް ނުވަތަ ވެކްސިނެއް ހޯދުމުގެ މަސައްކަތާ ގުޅޭ މަޝްވަރާތަކަށް ސައިންސްވެރިންގެ ދެދުވަހުގެ ބައްދަލުވުމެއް މާދަމާ ޖެނީވާގައި ފެށޭނެއެވެ.

އަނެއްކޮޅުން، ވައިރަސްއާ ދެކޮޅަށް މަސައްކަތް ކުރުމާއި، ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުންނަށް ފަރުވާދިނުމާއި، ރައްކާތެރި ފިޔަވަޅު އެޅުމުގެ މަސައްކަތްތަކަށް ޗައިނާ ސަރުކާރުން މިހާރުވަނީ 71.85 ބިލިއަން ޔުއާން (10 ބިލިއަން އެމެރިކާ ޑޮލަރު) ކަނޑައަޅައި އެކަން އިޢްލާން ކޮށްފައެވެ.