އަވިން ކަރަންޓު އުފެއްދުމުގެ ނިޒާމު ބޭނުންކޮށްގެން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ނިންމައި ސްޓެލްކޯގެ މުވައްޒަފުންނަށް ސޮލާ ޕެނަލް އިންސްޓޯލްމަންޓަށް ނެގުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީއެވެ.

މި ހިދުމަތް ތައާރަފުކުރުމަށްފަހު ހިދުމަތާ ގުޅޭ މައުލޫމާތު ސްޓެލްކޯގެ މުވައްޒަފުންނާއި ވަނީ ހިއްސާކޮށްފަ އެވެ. އަދި ސްޓެލްކޯގެ މުވައްޒަފުންނަށް މި ޕެނަލް އިންސްޓޯލްމެންޓަށް ނެގުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވާލާފަ އެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ސްޓެލްކޯގެ އެމްޑީ މުޣުނީ ވިދާޅުވީ މި މަސައްކަތަކީ ރިނިއުވަބަލް އެނަރޖީ މުޅި ރާއްޖެގައި ބެނުންކުރާ މިންވަރު އިތުރުކުރުމަށް ސަަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން ސްޓެލްކޯގެ "ގްރީން ލައިފް" އިނިޝިއޭޓިވްއިން ކުރާ މަސައްކަތެއް ކަމަށެވެ.

އެގޮތުން މި ހިދުމަތް މިމަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު އާންމުންނަށް ހުޅުވާލެވޭނެ ކަމަށް ވެސް މުޣުނީ ވިދާޅުވި އެވެ. އެގޮތުން މި ހިދުމަތް އެންމެ ފުރަތަމަ ދޭން ނިންމާފައި ވަނީ ގްރޭޓާ މާލޭ ސަރަހައްދަށް ކަމަށް މުޣުނީ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި ހިދުމަތް އިތުރަށް ފުޅާކުރެވި، އަތޮޅުތަކަށް ވެސް މި ހިދުމަތް ފޯރުކޮށްދެމުންދާނެ ކަމަށް މުޣުނީ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ ކަރަންޓު ފޯރުކޮށްދިނުމަށް ހަރުކުރާ ޕެނަލް ތަކަކީ އަމިއްލަ ކުރެވޭނެ އެއްޗިހި ކަމަށެވެ. އަދި ސްޓެލްކޯއިން މި ހިދުމަތް ދިނުމުގައި ކުރަންޖެހޭ މަސައްކަތްތައް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރާ ކަމަށް ވެސް މުޣުނީ ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ 5000 ރުފިޔާގެ ޑައުންޕޭމަންޓެއް ދައްކާލަން ޖެހެނީ. އޭގެ ފަހުން ކުރަންޖެހޭ ހުރިހާ ކަމެއް ސްޓެލްކޯއިން މި ކުރަނީ. ގޮއްސަ އެބޭފުޅުން އެސެސްމަންޓެއް ހައްދަވާނެ ފުރާޅުގަ އެ ޖެހިދާނެތޯ. ނުވަތަ އެވަރުގެ ސްޓްރެންތެއް އެބަހުރިތޯ. އިތުރަށް ކިތައް ޕެނަލްތޯ މި ބެނުންވަނީ. އަޅުގަނޑުމެންގެ ޓާގެޓަކީ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި މި ހިދުމަތް ދެވޭ ވަރު ކޮށްލުން. މިނިސްޓްރިން ނަގަންޖެހޭ ހުއްދަތައް ނަގައި އެ ހަރުކުރުމުގެ މަސައްކަތްތައް ސްޓެލްކޯއިން ކުރަމުންގެންދާނީ. ސްޓެލްކޯގެ އެއްޗެއް ނޫން އެއީ. ކަސްޓަމަރގެ އެއްޗެއް އެއީ. ޕޭމަންޓް ދައްކާ ހަލާސްކުރީމަ އެއޮތީ ކަސްޓަމަރގެ އެއްޗަކަށް ވެފަ.
މުޣުނީ ވިދާޅުވިއެވެ

މުޣުނީ ވިދާޅުވީ މި ޕެނަލް ހަރުކުރެވުމާއި އެކު ރައްޔިތުންގެ ޖީބުން ދާ މިންވަރުވެސް މަދުވެގެންދާނެ ކަމުގައެވެ.

އެގޮތުން 2000 ރުފިޔާ ކަރަންޓު ބިލުގެ ގޮތުގައި ދައްކަންޖެހޭ ގޭގެއިން މަހެއްގެ މައްޗަށް ދައްކަންޖެހޭ މިންވަރު ކުރިން ދެއްކި އަގަށްވުރެ ކުޑަވާނެ ކަމަށާއި ރައްޔިތުންނަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.

އެހެންކަމުން މި ހިދުމަތުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ ކަމަށް މުޣުނީ ވިދާޅުވި އެވެ. މި ޕެނަލްގެ އަގަކީ 25،000 ރުފިޔާ އެވެ. މި އަދަދު އެއްބަސްވެވޭ މުއްދަތެއްގެ ތެރޭގައި ސްޓެލްކޯ އަށް ދައްކާ ހަލާސްކުރުމުން ސޯލާ ޕެނަލް އަމިއްލަ ކުރެވޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.