އަންނަ މަހުގެތެރޭގައި ބާއްވާ އިންތިހާބުތަކަށް ހަރަދުކުރުމަށް ފިނޭންސް މިނިސްޓްރީން އިލެކްޝަންސް ކޮމިޝަނަށް އިތުރު 21 މިލިއަން ރުފިޔާ ހަމަޖައްސައިދީފި އެވެ.

ވީނިއުސް އަށް މައުލުމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ފިނޭންސް މިނިސްޓްރީން މިދިޔަ ހަފްތާގެ ތެރޭގައި އެ ކޮމިޝަނަށް އިތުރު 21 މިލިއަން ރުފިޔާ ދިފައިވާ ކަމަށެވެ.

އަކްރަމް ވިދާޅުވީ ދައުލަތުން ކައުންސިލް އިންތިހާބަށް ކަނޑައަޅާފައިވާ ބަޖެޓުގެ އިތުރަށް، އިލެކްޝަންސް ކޮމިޝަނަށް ފައިސާ ދޫކޮށްފައި ވަނީ ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކާއި ގުޅިގެން އެ ކޮމިޝަނުން އެދިގެން ކަމަށެވެ.

އަކްރަމް ވިދާޅުވި މި ފައިސާ އަކީ އަންނަމަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ހަރަދުކުރުމަށް ދޫކުރި ފައިސާ ކަމަށެވެ.

ކައުންސިލް އިންތިހާބުތަކަށް ހަރަދުކުރުމަށް ދައުލަތުން ކަނޑައަޅާފައި ވަނީ 56.2 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެންކަމުން ފިނޭންސް މިނިސްޓްރީން އިތުރަށް ދިން 21 މިލިއަން ރުފިޔާ އާއިއެކު، ކައުންސިލްތަކަށް ހަރަދުކުރުމުގެ ބަޖެޓުގައި 77.2 މިލިއަން ރުފިޔާ ހުންނާނެއެވެ.

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ތަސްދީގުކުރެއްވި ލާމަރުކަޒީ ގާނޫނުގެ ބިލަށް މަޖިލީހުން ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވާއިރު، މި ބިލަށް 13 އިސްލާހެއް ހުށައަޅާ މި ބިލް ވަނީ ފާސްކޮށްފަ އެވެ.

އެގޮތުން އަންހެނުންގެ ތަރައްގިއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ލޯކަލް ކައުންސިލް އިންތިހާބުގެ ދަށުން ބާއްވަން ނިންމައި ރައްޔިތުންގެ މަޖިލީހުން ވަނީ މި ބިލަށް ބަދަލު ގެނެސްފަ އެވެ. އަދި ކައުންސިލް އިންތިހާބުތަކުގައި އަންހެނުންނަށް 33 އިންސައްތަ ގޮނޑި ހާއްސަކުރުންވެސް މި އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ފަހަރުގެ އިންތިހާބުގައި 1912 ކެންޑިޑޭޓުން އިންތިހާބު ކުރާނެއެވެ. 982 ކައުންސިލަރުން އެކި ކައުންސިލްތަކަށް އިންތިޚާބުކުރަން ޖެހޭއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 930 މެންބަރުން އިންތިޚާބުކުރުމަށް ވޯޓުލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މިފަހަރުގެ އިންތިޚާބުގައި 545 ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު އޭގެތެރެއިން މާލޭގައި 173 ވޯޓުފޮށްޓެއް، އަދި ރަށްރަށުގައި 322 ވޯޓު ފޮށްޓާއި ރިސޯޓުތަކާއި ސިނާއީ ރަށްރަށުގައި 41 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އަދި ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގައި 8 ވޯޓުފޮށި ބަހައްޓާނެ ކަމަށް އިލެކްޝަނުން މައުލޫމާތުދެ އެވެ.