މިއަހަރުގެ އައިޓީބީ ފެއާގައި ރާއްޖެއިން 244 މީހުން ބައިވެރިވާނެ ކަން އެމްއެމްޕީއާރުސީން ހާމަކޮށްފި އެވެ.

ޖަރުމަނު ވިލާތުގެ ބާލިންގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އައިޓީބީ ފެއާގައި މިއަހަރު ވެސް ރާއްޖެއިން ބައިވެރިވެފައި ވާއިރު، މިފެއަރ އާއި ގުޅިގެން އެމްއެމްޕީއާރުސީން ބޭއްވި ޕްރީ މިޓިންގައި އެމްއެމްޕީއާރުސީން ބުނީ މިއަހަރުގެ ފެއާގައި ރާއްޖޭގެ 99 ކުންފުންޏަކުން 244 މީހުން ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީން ބުނީ މިއަހަރުގެ ފެއާގައި ވެސް ދިވެހިންގެ ހުނަރު ފެނިގެންދާނެ އަތްތެރި އެތައް މަސައްކަތަކާއި، ތަފާތު ދިވެހި ކެއުންތައް ދައްކާލެވޭނެ ކަމުގައެވެ. އަދި ދިވެހި ސަގާފަތް ފެނިގެންދާ އައިޓަމްތަކެއް ވެސް ފެއާގެ ތެރެއިން ފެނިގެންދާނެ ކަމަށެވެ.

އެމްއެމްޕީއާރުސީން ބުނީ މިއަހަރުގެ ފެއާގައި ރާއްޖެއިން ތައްޔާރުކުރާ ސްޓޭންޑު، ކުރީ އަހަރުތަކަށްވުރެ ފުރިހަމަވެފައި ބޮޑުވާނެ ކަމުގައެވެ. އެގޮތުން މިއަހަރުގެ ސްޓޭންޑުގައި 592 އަކަފޫޓުގެ ޖާގަ ހުންނާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި ކުރީ އަހަރެކޭ ވެސް އެއްގޮތަށް މިފަހަރުގެ ސްޓޭންޑުން ވެސް ރާއްޖޭގެ ރީތިކަން ދައްކުވައިދޭ އެތައް ކަމެއް ފެނިގެންދާނެ ކަމަށެވެ.

ފެއާ އަށް ތައްޔާރުވުމުގެ ގޮތުން ފެއާގެ ޕްރީ މީޓިން ބާއްވާފައި ވާއިރު މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ އެހެން އަހަރުތަކަށްވުރެ ރަނގަޅު އެކްސްޕޯޝާ އެއް ލިބޭނެފަދަ ގޮތަކަށް ކަންކަން ރާވާ އިންތިޒާމުކުރުގައި، ބައިވެރިންގެ ހިޔާލު ހޯދުން ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.

އައިޓީބީ ފެއާ އަކީ ދުނިޔޭގެ ފެންވަރުގައި ބޭއްވޭ ޓްރެވަލް އެންޑް ޓްރޭޑްގެ އެންމެ ބޮޑު ފެއާއެވެ. އެކިއެކި ގައުމުތަކުން ފަތުރުވެރިކަމުގެ ސިނާއަތަށް ނިސްބަތްވާ 10،000 އަށްވުރެ ގިނަ ފަރާތަކުން މި ފެއާގައި ބައިވެރިވާނެއެވެ.

މި ފެއާއަށް ކޮންމެ އަހަރަކުވެސް 160،000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރެއެވެ. މީގެ ތެރޭގައި ރިސޯޓް ހޮޓެލްތަކާއި، ޓުއަރ އޮޕަރޭޓަރުންނާއި، އެއާލައިންތަކުންނާއި، ބްލޮގަރުންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ވެސް ހިމެނެއެވެ.