ކްލެމެންސީ ބޯޑަށް އިލްތިމާސް ފޯމް ލިބޭތާ 3 މަސް ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭންޖެހޭ ގޮތަށް އައު އުސޫލު ފާސްކޮށްފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ކްލެމެންސީ ބޯޑުގެ މައްސަކަތްތައް ހަލުވި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކުރުމަށްފަހު ކްލެމެންސީ ބޯޑަށް އިލްތިމާސް ފޯމް ލިބޭތާ 3 މަސް ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭންޖެހޭ ގޮތަށް އައު އުސޫލު ފާސްކޮށްފައިވާ ކަމަށެވެ. އަދި މިގޮތަށް ފާސްކުރީ އާދީއްތަ ދުވަހު ބޭއްވި އެ ބޯޑު ބައްދަލުވުމުގައި ކަމަށް އޭޖީން ބުނެއެވެ. ކްލެމެންސީ ބޯޑަކީ މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ބޯޑެކެވެ. އެ ގާނޫނުގެ ދަށުން، ބޯޑުގެ ރައީސަކީ އެޓާނީ ޖެނެރަލެވެ. އަދި ކްލެމެންސީ ބޯޑުގެ މަސައްކަތްތަކަށް ބޭނުންވާ އިދާރީ އެންމެހައި އެހީތެރިކަމެއް ފޯރުކޮށްދެނީ އެޓާނީ ޖެނެރަލް އޮފީހުގެ އެޑްމިނިސްޓްރޭޝަން ޑިވިޝަނުންނެވެ.

އާންމު އުސޫލެއްގެ ގޮތުން ކްލެމެންސީ އާއި ގުޅުންހުރި ކަންކަމުގައި މައުލޫމާތު ފޯރުކޮށްދޭނީ ހަމައެކަނި އެ މައުލޫމާތެއް ހޯދުމަށް އެދި ލިޔުމުން ހުށަހަޅާ ހުށަހެޅުންތަކަށެވެ. ޖުމްލަ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ކްލެމެންސީ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުން މަޖިލީހުގެ މެމްބަރަކާއި، ގާނޫނީ ދާއިރާގެ ބޭފުޅަކާއި ތައުލީމީ ދާއިރާގެ ބޭފުޅަކާއި އިޖްތިމާއީ ދާއިރާގެ ބޭފުޅަކާއި ސިއްހީ ދާއިރާގެ ބޭފުޅެއްގެ އިތުރުން ދީނީ އިލްމުވެރިއެކެވެ. މީގެއިތުރުން މަދަނީ ޖަމްޢިއްޔާގެ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ބޭފުޅަކާއި ޝަރުއީ ދާއިރާގެ ބޭފުޅެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރައްވާ މެމްބަރެއް އެ ބޯޑުގައި ހިމެނިވަޑައިގަންނަވައެވެ.