ސްކޮޑުން ބާކީކުރި ކަމަށް ބެލެވުނު ނަމަވެސް އެންމެ ފަހުވަގުތު ޤައުމީ ފުޓުބޯޅަ ޓީމުގެ ސްކޮޑުގައި ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ މުހައްމަދު އުމެއިރު އާއި އިިސްމާއީލް އީސާ (މެސީ) ގެ އިތުރުން އިޝާން އިބްރާހިމް ހިމަނައިފިއެވެ.

މި ތިން ކުޅުންތެރިންނަކީ މިހާރު ކުރިޔަށްދާ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައިވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިންނެވެ. ނަމަވެސް އެފްއޭއެމުން އެންމެ ފުރަތަމަ ރިލީޒް ހޯދުމަށް ކުލަބުތަކުގައި އެދުނު ކުޅުންތެރިންގެ ލިސްޓުން މި ތިން ކުޅުންތެރިން ނުހިމެނުމުން ފާޑުކިޔުން އަމާޒުވިއެވެ.

ނަމަވެސް އެ ފާޑުކިޔުންތަކަށް ޖަވާބުދީފައިވަނީ ދާދިފަހުން ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހަމަޖެއްސި އަލީ ސުޒެއިނެވެ. ސުޒެއިން ބުނީ ސްކޮޑާއި ގުޅޭގޮތުން ކުރަންޖެހޭ ކަންކަމާއި ގެންނަންޖެހޭ ބަދަލުތަކުގެ ވާހަކަ ކޯޗާއި މަޝްވަރާކުރާނެކަމަށެވެ.

ޤައުމީ ފުޓުބޯޅަ ޓީމުގެ އާ ކޯޗަކީ ނެދަލޭންޑްސްގެ މާޓިން ކޫޕްމަން އެވެ. އަދި އެސިސްޓަންޓް ކޯޗުންނަކީ މަޝްހޫރު ކޯޗު ގޫސް ހިޑިންކްގެ ކޮއްކޮ ރެނޭ ހިޑިންކް އެވެ. އަދި ޓީމުގެ ދެވަނަ އެސިސްޓަންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ ކޯޗު ސުޒެއިނެވެ. އަދި ގޯލްކީޕަރު ޓްރެއިނަރ އަސްލަމް އަބްދުލް ރަހީމްގެ ފަހަތުން އެސިސްޓަންޓެއްގެ ރޯލު އަދާކުރާނީ ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދެވެ.

ސައްޓު ވަނީ މި ސީޒަނުގައި ޓީސީއަށް މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މިހާތަނަށް ކުޅުނު މެޗުތަކުގައި އޭނާ ވަނީ ޓީސީއަށް 13 ގޯލު ޖަހާދީފައެވެ. އަދި ގިނަ ގޯލުތަކެއް ޖެހުމަށް އޭނާ އެހީތެރިވެދިނެވެ. މިއީ ޤައުމީ ފުޓުބޯޅަ ޓީމުން ސައްޓުއަށް ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ. މި ސީޒަނުގައި އެންމެ ރަނގަޅު ފޯމެއްގައި ހުރި އެއް ކުޅުންތެރިއަކީ ޓީސީގެ އިސްމާއީލް އީސާ އެވެ. އޭޏާ ވަނީ މި ސީޒަނުގައި ޓީސީއަށް 12 ގޯލުޖަހާދީފައެވެ. އަދި 10 ގޯލުޖެހުމަށް އޭނާ ވަނީ އެހީތެރިވެދީފައެވެ.

އީސާ ވަނީ މީގެކުރިންވެސް ޤައުމީ ސްކޮޑުގައި ހިމެނިފައެވެ. އެގޮތުން އޭނާ ސްކޮޑުން ވަކިވީ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާ ދެކޮޅަށް ކުޅެން އޮތް މެޗަށް ޓީމު ފަރިތަކުރަމުންދަނިކޮށް އަނިޔާވިކަމަށް ބުނެއެވެ. ނަމަވެސް ފަހުން އޭނާ ބުނެފައިވަނީ ވަކިވީ އަމިއްލަ ސަބަބުތަކެއް ހުރުމުންކަމަށެވެ. ނަމަވެސް އޭނާ އަލުން ސްކޮޑުގައި ހިމަނާފައިވަނީ އޭނާ ކުރި ކަންކަމަށް މައާފަށް އެދުމުންނެވެ.

މީގެއިތުރުން މިޑްފީލްޑަރު މުހައްމަދު އުމެއިރުވެސް ވަނީ ގައުމީ ޓީމުގެ ސްކޮޑުގައި ހިމަނާފައެވެ. ގަވާއިދުން މެދުކެނޑުމެއްނެތި ގައުމީ ޓީމަށް ކުޅެމުން އައި މުހައްމަދު އުމެއިރަށް ގައުމީ ޓީމުން ޖާގަ ގެއްލުނީ 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕަށް ކޯޗު ސެގާޓް ސްކޮޑު ފައިނަލް ކުރި ހިސާބުންނެވެ. އުމެއިރު އަނިޔާގައި ހުރި ކަމަށް ބުނެ އޭރު ޓީމުން ބާކީކުރުމަށް ފަހު، ފަހުން ސްކޮޑުން އެއްގޮތަކަށް ވެސް ފުރުސަތު ނުލިބެއެވެ.

ގައުމީ ޓީމުން ތައްޔާރުވަމުން އަންނަނީ އަންނަނީ ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި އަންނަ މަހު 26 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށާއި 31 ވަނަ ދުވަހު މާލޭގައި ސީރިއާއާ ބައްދަލުކުރާ މެޗަށެވެ.