ވިލާ ފައުންޑޭޝަންގެ "ފިއުޗަރ މޯލްޑިވްސް އިނީޝިއޭޓިވް" އިފްތިތާހުކޮށްފިއެވެ.

"ފިއުޗަރ މޯލްޑިވްސް އިނީޝިއޭޓިވް" މިޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ވިލާ ފައުންޑޭޝަނަށް ވިހި އަހަރު ފުރުމާ ގުޅިގެން ބޭއްވި ޚާއްސަ ހަފްލާއެއްގައި ވިލާ ފައުންޑޭޝަންގެ ފައުންޑަރ ގާސިމް އިބްރާހިމެވެ.

މިޕްރޮގްރާމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ އަލީ ނަޖީބު ވިދާޅުވީ މިއީ ކޮންމެ ތިން މަހަކު އެއްފަހަރު ކުރިއަށްދާނެ ޕެނަލް ޑިސްކަޝަނެއް ކަމަށެވެ.

މިޕްރޮގްރާމް ނުވަތަ ޕެނަލް ޑިސްކަޝަންގެ އަމާޒަކީ ގައުމުގައި ހުރި އެކި ކަހަލަ މައްސަލަތަކަށް ޕްރެކްޓިކަލް އަދި އިލްމީ ނަޒަރަކުން ވިސްނައި މިކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރުން ކަމަށް ވިދާޅުވިއެވެ ވައިސް ރެކްޓަރ ވިދާޅުވިއެވެ.

އެގޮތުން ގައުމަށް މުހިންމުވާ ބޮޑެތި އިޖްތިމާއީ އިގްތިސާދީ މައްސަލަތަކާ މެދު ވާހަކަދައްކާ ބަހުސްކުރެވި އެކަންކަމަށް ހައްލު ހޯދޭނެ ގޮތްތަކާ މެދު މިޕެނަލް ޑިސްކަޝަން ތަކުގެ ތެރެއިން ވާހަކަދެއްކޭނެކަމަށް ވިދާޅުވިއެވެ. މިއީ ކަމާ ގުޅުން ހުރި ފަރާތްތަކުގެ އިތުރަށް މުޅި މުޖުތަމައުއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޑިސްކަޝަންތަކެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކިޔަވާ ކުދިންނަށް ވިލާ ފައުންޑޭޝަންގެ އެލުމްނައި ނެޓްވޯކް އަދި އާންމު ރައްޔިތުންގެ އިތުރަށް ވާހަކަ ދެއްކުމަށް ކަނޑައަޅާފައިވާ މައްސަލައަކާ ގުޅޭ ތަޖުރިބާކާރުންނާ އެކު މިޕެނަލް ޑިސްކަޝަންތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށްވެސް ވައިސް ރެކްޓަރ ވިދާޅުވިއެވެ.

ވިލާ ކޮލެޖުގެ އަމާޒަގެ އެންމެ މުހިންމު އެއް އަސާސަކީ އިލްމީ ހޯދުންތައް ހޯދައި އުފައްދައި، އެހޯދުންތައް އަންގަން ޖެހޭ ފަރާތްތަކަށް އަންގައި އެއިލްމު ފެތުރުންކަން ފާހަގަކުރައްވައި ޑރ އަލީ ނަޖީބު ވިދާޅުވީ ވިލާ ގްރޫޕުގެ މި ތިން ޕާޓްނަރުން އެކު އެކީގައި މިކަން ވަރަށް ރަނގަޅަށް ކުރިއަށްދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ވިލާ ފައުންޑޭޝަން، ވިލާ ކޮލެޖް އަދި ވިލާ ފައުންޑޭޝަންގެ އެލުމްނައި ގްރޫޕަކީ ވަރަށް ރަނގަޅު ތިން ޕާޓްނަރުން. މިތިން ޕާޓްނަރުން އެކީގައި ވަރަށް ރަނގަޅަށް މިކަން ކުރިއަށްދާނެކަމަށް އުންމީދު މިކުރަނީ
ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ އަލީ ނަޖީބު

ވިލާ ފައުންޑޭޝަންގެ އެލުމްނާއި އެސޯސިއޭޝަންގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އަހުމަދު އައްފާލު ވިދާޅުވީ ރޭވިގެންވާ ގޮތެއްގައި ގައުމުގެ ކަންކަމުގައި ހިއްސާވުމަކީ އެލުމްނައި އެސޯސިއޭޝަންގެ އެއް އަމާޒުކަމަށެވެ.

އެހެންނަމަވެސް، އެމީހަކު ކިޔެވި ދާއިރާއަކުން އެމީހަކު ގައުމަށް ޚިދުމަތް ކުރަން ފެށުމާ ގުޅިގެން އެއަމާޒަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައި ކަން ފާހަގަކުރެއްވިއެވެ.

ވިލާ ގްރޫޕަށް 20 އަހަރު ފުރުމަށް ބޭއްވި ޚާއްސަ ހަފްލާގައި ވިލާ ފައުންޑޭޝަންގެ ސަކްސެސް ސްޓޯރީގެ ނަމުގައި ޚާއްސަ ޕްރެޒެންޓޭޝަނެއްވެސް ވަނީ ދައްކާލާފައެވެ. އެޕްރެޒެންޓޭޝަންގައި ވިލާ ސްކޮލަރޝިޕްގެ ދަށުން ތައުލީމު ޙާސިލްކުރެއްވި ބޭފުޅުންގެ ބައެއް ވާހަކަތައްވެސް ވަނީ ގެނެސްދީފައެވެ.