ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެމަޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ އޯލްޓަނޭޓިވް ގޮތެއްގައި ބޭނުން ކުރާނެ އެއާޕޯޓެއްގެ ގޮތުގައި މާމިގިލީ އެއާޕޯޓު ތަރައްގީ ކުރަމުންދާ ކަމަށް ވިލާ ފައުންޑޭޝަންގެ ފައުންޑަރ އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވިލާ ފައުންޑޭޝަނަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ މާމިގިލީ އެއާޕޯޓު އޯލްޓަނޭޓިވް އެއްގެ ގޮތުގައި ބޭނުން ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިވަގުތު ބާރަށް ކުރިއަށްދާ ކަމަށެވެ. އެއްވެސް ހާލަތެއް ދިމާވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުލައިޓު ނުޖެއްސިއްޖެ ހާލަތެއްގައި އެންމެ ކައިރިން ފްލައިޓް ލޭންޑިން އަށް އިރުން ހުޅަނގަށް އޮތް އެންމެ ރައްކާތެރި ބަނދަރަކަށް ވެގެންދާނީ މާމިގިލި އެއާޕޯޓު ކަމަށް ގާސިމް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ އިގްތިސާދަށް ބެލިކަމުގައިވީ ނަމަވެސް މި މަސައްކަތަކީ ވަރަށް މުހިންމެ ކަމެއްކަން ފާހަގަ ކުރައްވާ ގާސިމް ވިދާޅުވީ މި މަސައްކަތަކީ އިންސާނިއްޔަތައްޓަކާވެސް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. މި މަސައްކަތް ކުރުމުގެ ހުއްދަ ރައީސް ޔާމީންގެ ސަރުކާރުންވެސް ލިބުނު ކަމަށާއި ނަމަވެސް ދިމާވި ތަފާތު އެކިއެކި މައްސަލަތަކާ ހެދި އެ މަސައްކަތް އޭރު ނުކުރެވެނު ކަމަށް ގާސިމް ވިދާޅުވިއެވެ. އެގޮތުން ކުރީ ސަރުކާރުން އެމަނިކުފާނަށް އެކިގޮތް ގޮތުން އަނިޔާ ކުރިކަން ފާހަގަ ކުރައްވާ ގާސިމް ވިދާޅުވީ ކުރީ ސަރުކާރުން ތަފާތު އެކިއެކި ކަންކަން އެމަނިކުފާނަށް ނިކަމެތިކަން ދިނުމަށްޓަކައި ކޮށްފައިވާ ކަމަށެވެ. އެގޮތުން މާމިގިލީ އެއާޕޯޓަށް ދީފައި އޮތް އިންޓަނޭޝަނަލް އެއާޕޯޓް ލައިސެންސްގެ އިތުރުން އެއާޕޯޓު އިތުރަށް ފުޅާ ކުރުމަށް ދީފަ އޮތް ލައިސެންސް ވެސް ހުއްޓުވިކަން ގާސިމް ފާހަގަކުރެއްވިއެވެ.

ނަމަވެސް މި ސަރުކާރުގެ ޕްލޭނިންގ މިނިސްޓްރީއަށް ހުށަހެޅީމާ މިނިސްޓަރު ވިދާޅުވީ ވަރަށް މުހިންމު ކަމެއް ކަމަށް. ކޮންމެހެންވެސް ތި މަސައްކަތް ކުރަން އަޅުގަނޑުވެސް ބޭނުމޭ. ބޮޑު މީޓިންއެއް ބާއްވާފަ ވިދާޅުވީ މާލެ އެއާޕޯޓަށް އެއްވެސް ހާލަތެއް ދިމާވެއްޖެ ނަމަ އޯލްޓަނޭޓިވް އެއްގެ ގޮތުގައި އެއާޕޯޓެއް އޮތުން މުހިންމުކަން އަޅުގަނޑަށްވެސް ފެންނާތީ ތިކަން ކުރަން ނިންމީ ކަމަށް ޕްލޭނިނގް މިނިސްޓަރު ވިދާޅުވި. ދެން ވިދާޅުވީ ކަމާ ގުޅުން ހުރި އެހެނިހެން މިނިސްޓްރީތަކުންވެސް ހުއްދަ ހޯދާށޭ. ބޮޑު ސިއްކަ ޖައްސަވާފަ ހުއްދަ ދެއްވީމައި ޓްރާންސްޕޯޓު މިނިސްޓްރީއަށް ހުށަހެޅިމައި މިހާރު އޮތީ ހުއްދަދީފަ."
ގާސިމް

ވިލާ ފައުންޑޭޝަންގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ބޭނުންވާ ކޮންމެ ކަމެއްގައި ހައްލު ކޮންމެ ދާއިރާއަކުންވެސް ހޯދުމަށް ވިލާ ފައުންޑޭޝަނުން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން އިންސާނުންނަށް ބޭނުންވާ ހުރިހާ ދާއިރާތަކަކުން މީހުނަށް ތައުލީމް ފޯރުކޮށްދިނުމުގެ ފުރުސަތު ވިލާ ފައުންޑޭޝަނުން ފަހިކޮށްދީފައިވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

އެއީ ލޯން ސްކީމްގެ ދަށުން ކަމަށްވީ ނަމަވެސް އަދި އެއްވެސް ކުއްޖަކު ކޯސްފީ ނުދައްކައިގެންވެސް ރާއްޖޭގެ އެއްވެސް ކޯޓަކަށް މިހާތަނަށް ގޮސްފައިނުވާނެ ކަމަށާއި އެފަދަ ދުވަހެއް ނާންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި މިހާތަނަށް އެކި ހާލަތްތައް މެދުވެރިވެގެން ކިޔަވަމުން އައި 7000 ދަރިވަރުންނަށް ޑިގްރީ ފެންވަރުގެ ސެޓްފިކެޓް ހޯދުމުގެ ފުރުސަތު މިހާތަނަށް އެމަނިކުފާނު އެކި ފަންތިތަކުގައި ކޮށްދީފައިވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އަދި އިންސާނިއްޔަތަށްޓަކައި ކުރި ހޭދަ އެމަނިކުފާނުގެ ވިޔަފާރިއަށް ނުކުރައްވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.