ގައުމީ އެއާލައިން، މޯލްޑިވިއަންއިން އެކުންފުނީގެ މޯބައިލް އެޕްލިކޭޝަން ތާރަފްކޮށްފި އެވެ.

މޯލްޑިވިއަންގެ އެޕް އިފްތިތާހުކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ. މި އެޕްލިކޭޝަން ގޫގުލް ޕްލޭ އާއި އެޕަލް ސްޓޯރުން މިހާރު ޑައުންލޯޑް ކުރެވޭނެކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

މި މޯބައިލް އެޕް މެދުވެރިކޮށް ދަތުރު ޕްލޭން ކޮށްލުމާއި ކުރިން ދަތުރުކޮށްފައިވާ ގޮތުގެ ހިސްޓްރީ ވެސް ބަލައިލެވޭނެ އެވެ. އަދި މި އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ބުކް ކުރުމުގެ އިތުރުން، ޓިކެޓް ނަގަން ފައިސާ ވެސް ދެއްކޭނެކަމަށްވެސް މޯލްޑިވިއަންއިން ބުނެއެވެ.

މީގެ އިތުރުން މޯލްޑިވިއަނުން އެކި މަންޒިލްތަކަށް ތައާރަފުކުރާ ފެއާތަކުގެ އަގުތައް ވެސް އެޕުން ފެންނާނެ އެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރިޒްވީ ވިދާޅުވީ މި އެޕްލިކޭޝަންގެ އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މިހާރު ހުރި ހިދުމަތްތަކުގެ ތެރެއަށް އާ ހިދުމަތްތައް އަޕްޑޭޓް ކުރަމުން ގެންދާނެ ކަމަށެެވެ.

އަދި ކުންފުނީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސަން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކުރި ސަބަބަކީ ވެސް އެއީ ކަމަށް އޭނަ ވިދާޅުވިއެވެ.

މޮބައިލް އެޕެއް ތައާރަފު ކުރި ނަމަވެސް މޯލްޑިވިއަންގެ ކޯލް ސެންޓަރަށް ގުޅައިގެން އަދި ވައިބާ މެދުވެރިކޮށް ވެސް ޓިކެޓު ނެގޭނެއެވެ.