ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު އިމްތިޔާޒް އަލީގެ ކުރިއަށް އޮތް ފިލްމުންވެސް އެކްޓަރު ކާރްތިކް އާރްޔާން ފެނުން ގާތްކަމަށް މީޑިއާގައި ރިޕޯޓުކޮށްފިއެވެ.

ބޮލީވުޑް ހަންގާމާއިން އިމްތިޔާޒްގެ އިތުރު ޕްރޮޖެކްޓެއްގައި ކާރްތިކް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތޯ ކާރްތިކްއާ ސުވާލު ކުރުމުން އޭނާ ބުނީ އެސުވާލުގެ ޖަވާބު ދިނުން އެންމެ ރަނގަޅުވާނީ އިމްތިޔާޒް ކަމަށެވެ. އަދި މިވަގުތު ކުރިއަށްދަނީ "ލަވް އާޖް ކަލް" ގެ ޕްރޮމޯޝަން މަސައްކަތްތައް ކަމަށާއި ފިލްމުން ހޯދާ ކާމިޔާބީއަކަށްފަހު އެ ސުވާލުގެ ޖަވާބު ލިބިދާނެކަމަށް ކާރްތިކް ބުންޏެވެ.

އިމްތިޔާޒްގެ އިތުރު ފިލްމެއްގައި މަސައްކަތް ކުރުމުގެ ވާހަކަތައް ކާރްތިކް ދޮގުކޮށްފައި ނުވާއިރު، ކާރްތިކް ބުނީ އިމްތިޔާޒްއާއެކު އިތުރު މަސައްކަތްތަކެއް ކުރުމަށް ވަރަށް އުއްމީދު ކުރާކަމަށެވެ.

ސާރާ އަލީ ޚާން އާއެކު ލީޑް ރޯލުން ކާރްތިކް ފެނިގެންދާ އިމްތިޔާޒްގެ "ލަވް އާޖް ކަލް" ސިނަމާތަކުގައި އަޅުވާނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މިއީ ސާރާއާ ކާރްތިކް އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

ކާރްތިކްގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު ދާދި ފަހުން ސިނަމާގައި އެޅުވި ކާމިޔާބު ފިލްމު "ތަނާޖީ: ދަ އަންސަންގް ވޯރިއޯ" ގެ ޑައިރެކްޓަރު އޯމް ރައުތުގެ އެކްޝަން ފިލްމެއް ހިމެނެއެވެ. މީގެ އިތުރުން "ބޫލު ބުލައްޔާ 2" އިންވެސް ކާރްތިކް ފެނިގެންދާނެއެވެ. ދަރްމާ ޕްރޮޑަކްޝަންގެ "ދޯސްތާނާ 2" ގައިވެސް ލީޑް ރޯލު ކުޅޭނީ ކާރްތިކްއެވެ.

2011 ވަނަ އަހަރު ބޮލީވުޑަށް ނިކުތް ކާރްތިކްއަކީ މިހާރު އިންޑިޔާގައި ހުރި އެންމެ ފޭން ބޭސް ބޮޑު އެއް އެކްޓަރެވެ. އޭނާއަށް މިހާރު ދަނީ މަޝްހޫރު ޑައިރެކްޓަރުންނާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބެމުންނެވެ.