ދިވެހިރާއްޖޭގެ މިޔުޒިކް ދާއިރާގައި މަސައްކަތް ކުރާ ފަންނާނުންނަށް ޚާއްސަކޮށްގެން ބައިސްކޯފުން ލައިވް މިޔުޒިކް ޝޯވއެއް ލޯންޗުކޮށްފިއެވެ.

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ ސްޓްރީމިން ޕްލެޓްފޯމް، ބައިސްކޯފުން ރޭ ލޯންޗުކޮށްފައިވަނީ "ބައިސްކޯފު ލައިވް ރޫމް" ގެ ނަމުގައި ލައިވް މިޔުޒިކާއި ލައިވް ވީޑިއޯއާއެކު އެ އެޕުން ވަގުތުން ސްޓްރީމް ކުރާ ޝޯވއެކެވެ.

ބައިސްކޯފު ސްޓޫޑިއޯގައި އޮތް މި ލޯންޗިންގް އިވެންޓަށްފަހު ފުރަތަމް ޝޯވވެސް ވަނީ ލައިވްކޮށްފައެވެ. އެގޮތުން ރޭ މިޔުޒިކް ހުށަހަޅާދީފައިވަނީ ރާއްޖޭގެ މަޝްހޫރު ބޭންޑެއްކަމަށްވާ "އަޗޭޝިއާ" އެވެ.

"ބައިސްކޯފު ލައިވް ރޫމް" ގެ ޝޯވތައް ވަގުތުން ސްޓްރީމް ކުރުމަށްފަހު ބައިސްކޯފު އެޕުން ފަހުންވެސް ބަލާލެވޭނެއެވެ.

https://www.facebook.com/baiskoafu/videos/492038171351220/

ބައިސްކޯފުން ބުނީ މި ޝޯވއަކީ ރާއްޖޭގެ މިޔުޒިކް ބޭންޑުތަކުން އުފައްދާ އަމިއްލަ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށާއި، ފަންނާނުންނަށް އިސްކަންދީ އެމީހުންގެ ފަންނުވެރިކަން ކުރިއެރުވުމަށް ފެށި ޝޯވއެއްކަމަށެވެ. މިޝޯވގައި މިޔުޒިކް ހުށަހަޅައިދޭ ބޭންޑުތަކުގެ މަޢުލޫމާތު ބައިސްކޯފު އެޕުން ބަލާލެވޭނެއެވެ.

މިޝޯވގައި ރާއްޖޭގެ މަޝްހޫރު ގިނަ ބޭންޑުތަކެއްގެ އަމިއްލަ އުފެއްދުންތައް ހުށަހަޅައިދޭނެކަމަށާއި، ރީތި ލަވަތަކެއް ޝޯވގައި އިވިގެންދާނެކަމަށް ބައިސްކޯފުން ބުނެއެވެ.

ބައިސްކޯފުން މީގެ ކުރިންވެސް ވަނީ މިޔުޒިކީ ފަންނާނުންނަށް އެކި ޕްލެޓްފޯމުތައް ޤާއިމްކޮށްދީފައެވެ. އެގޮތުން ނިމިދިޔަ އަހަރުގެ ތެރޭގައި އޮލިމްޕަސްގައި ބޭއްވި ކާމިޔާބު ޝޯވ "ޗަނާޗާ" ފާހަގަކޮށްލެވެއެވެ.

މިޔުޒިކްގެ އިތުރުން ބައިސްކޯފުން އަންނަނީ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.