ވަކި ރަށެއްގެ ރައްޔިތަކަށްވީތީ ވަކި ތަނަކުން އެކަނި ގޯތި ނުވަތަ ބޯހިޔާވަހިކަން ލިބޭ ގޮތަށް އޮންނަ ކަމަށް ބަޔާންކުރާ އެއްވެސް ގާނޫނެއް ނެތްކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މާލޭގައި ބޯހިޔާވަހިކަމާއި ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ގޮވާލައި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސް މަރުހަލާގެ ތެރެއިން ރިޔާސަތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މާލޭގެ 7000 ފްލެޓަށް ހުޅުވާލެވުނު އިރު ހުޅުވާލެވުނީ ހުރިހާ ދިވެހި ރައްޔިތުންނަށް ކަމަށެވެ.

ނަމަވެސް އަތޮޅުތެރޭ ރަށްރަށުގައި އެފަދަ ފުރުސަތުތަކެއް އެ އަތޮޅެއްގެ ކައުންސިލުން ނުދޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މާލޭގައި ބޯހިޔާވަހިކަމަށް ދަތިވެފައިތިބޭ ފަރާތްތަކަށް އެހެން ރަށްރަށުން ފުރުސަތު ލިބޭނަމަ އެ މީހުން އެ ފުރުސަތުގެ ބޭނުން ހިފާނެ ކަމީ ޝައްކު އުފެދޭ ކަމެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވިރު ރާއްޖޭގެ ރަށްރަށުން އެ ރަށުގެ ވަޒަންވެރިން ނޫން އެހެން ފަރާތްތަކަށް ގޯތި އަދި ބޯހިޔާވަހިކަން އެކި ސަރުކާރުތަކުން ދީފައިވާކަން ފާހަގަކުރެވެ އެވެ.

އެގޮތުން ބިން ބޮޑެތި ރަށްރަށުގެ ތެރެއިން ލ. އަތޮޅާއި ހދ. ކުޅުދުއްފުށި އަދި އައްޑޫ ސިޓީ ފަދަ ސިޓީތައް ހިމެނެ އެވެ.

ތަންތަން ކުއްޔަށް ހިފައިގެން އުޅޭ މީހުން ދައްކަންޖެހޭ ކުލީގެ 70 އިންސައްތަ ސަރުކާރުން ދިނުމަށް ލާޒިމް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަނީ މާލޭގައި ކަމަށްވާއިރު، އެ ފަރާތްތަކުގެ އާމްދަނީގެ ބޮޑު ބައެއް ހޭދަ ކުރަން ޖެހެނީ ގޭގެ ކުއްޔަށް ކަމަށެވެ. އަދި އަހަރުން އަހަރަށް ގެތަކުގެ ކުލި ބޮޑު ކުރަމުންދާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ކޮންމެ ސަރުކާރަކުންވެސް ވާ ވައުދެއް. ފަސް އަހަރުގެ ދައުރެއް ފުރިހަމަ ވެގެން ދާއިރު އެ ވައުދު ނުފުއްދޭ. އަދި މި ސަރުކާރުންވެސް ރިޔާސީ ވައުދުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ވައުދުވި. އެ ވައުދު ފުއްދުއްމަށްޓަކައި 2020 ވަނަ އަހަރުގެ ބަޖެޓުގައިވެސް 20،000 ހައުސިންގ ޔުނިޓް އެޅުމަށްޓަކައި ބަޖެޓްކޮށްފައިވީ ހިނދު ދިވެހި ރައްޔިތުންގެ ތެރެއިން މާލޭގައި ދިރިއުޅޭ މާލީ ތަނަވަސްކަން ކުޑަ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ބޯހިޔާވަހިކަން ލިބުމާއި ހަމައަަށް ފާއިތުވެގެންދާ ކުލީގެ ގޮތުގައި އެ ފަރާތްތަކުން ހަރަދު ކުރަން ޖެހިފައިވާ ފައިސާގެ އަދަދު އިންސާފުވެރިކަމާއެކު ބަލައި، އެ އަދަދުގެ 70 އިންސައްތަ ސަރުކާރުން އެ ފަރާތްތަކަށް ލިބިގެން ދާނެ ގޮތުގެ ހަރުދަނާ އިންތިޒާމްތަކެއް މިހާރުން މިހާރަށް ހަމަޖައްސަވައި އެމަގުން އަމަލު ކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމުކުރަން."
މެމްބަރު ޖާބިރު

މި ގަރާރަށް ބަހުސްކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ދިވެހި ރާއްޖޭގެ ކޮންމެ މީހަކީވެސް ބޯހިޔާވަހިކަން ލިބެންޖެހޭނެ މީހެއް ކަމަށެވެ.

ނަމަވެސް މިފަދަ ކޮންމެ ކަމެއް ކުރެވޭނީ ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރެއްގެ މައްޗައް ކަމަށް އޭނާ ވިދާޅުވިއެވެ. ބޯހިޔާވަހިކަމަކީ ކޮންމެ ރައްޔިތެއްގެ މައްޗަށް އޮތް ހައްގެއްކަން ފާހަގަ ކުރައްވާ މެމްބަރު ޝަރީފު ވިދާޅުވީ ކަންކަމުގެ ސިޔާސަތުތައް ކަނޑައަޅަނީ ދައުލަތުން ކަމަށްވުމާއެކު އެ ސިޔާސަތަކީ މަޖިލީހަށް ގަބޫލުކުރެވޭ ސިޔާސަތަކަށް ވާނަމަ އެގްޒެކްޓިވް އޮތޯރިޓީ ތަކުގެ ބާރުތަކުގެ ތެރެއަށް އަތްބޭނުމުގެ ކަންކަމަށް އޭނާ ތާއީދު ނުކުރައްވާނެ ކަމަށެވެ.

އަދި މިކަމަކީ ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މައްޗަށް ލާޒިމްކުރެވެނެ ކަމެއްނޫން."
މެމްބަރު ޝަރީފް

މި ގަރާރުގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ 75 ވަނަ ޖަލްސާގައެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ މި ޤަރާރު ބަލައިގަންނަން ނުފެންނަ ކަމަށް ނިންމައި ބޭރުކޮށްލާފަ އެވެ.