މި ހިނގާ ފެބްރުއަރީ މަސް ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ އަދަދު ނުވަތަ މިނިމަމް ވޭޖު އިއުލާންކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައިވަނީ މިނިމަމް ވޭޖް ކަނޑައެޅުމުގެ ބާރު އިކޮނޮމިކް މިނިސްޓަރަށް ދޭގޮތަށް ސަރުކާރުގެ ފަރާތުން ވަޒީފާއާއި ބެހޭ ޤާނޫނަށް އިސްލާޙު ހިމަނައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖާ ގުޅޭގޮތުން ލިބިފައިވާ ލަފާއާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާނެ އަދަދަކާ އެކު މިމަސް ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ލިބޭނެ އަދަދު އިއުލާންކުރައްވާނެ ކަމަށެވެ. ނަމަވެސް އެއީ ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ކުރާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

މިނިމަމް ވޭޖެއް ކަނޑައަޅައި، މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމުގެ މަސައްކަތަކީ ރައިސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވައުދެކެވެ. މިމަސައްކަތް އަވަސްކުރުމުގެ ގޮތުން ރައީސް ވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭގޮތުން ލަފާދޭނެ ބޯޑެއް މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެކުލަވާލާފަ އެވެ.

ވަޒީފާ އަދާ ކުރާ މީހަކަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ އަދަދު ކަނޑައެޅުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް މިހާރު ވަނީ އިސްލާހު ވެސް ހުށަހަޅާފަ އެވެ.

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ މަޖިލީހަށް ހުށަހަޅުއްވާފައިވާ މި އިސްލާހުގައިވާ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު ނެރޭ އަމުރުގައި، މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށް ޖެހޭވަރާއި، މަސައްކަތުގެ ބަޔަކަށް ޖެހޭ ޢަދަދާއި، އިތުރުގަޑީގައި ލިބޭނެ މިންވަރު ކަނޑައެޅިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި ރާއްޖޭގައި ހިންގާ ހަތް ސިނާއަތަކަށް ވަކިވަކިން ރިޔާއަތްކޮށް، އެއިން ކޮންމެ ސިނާއަތެއްގައި މަސައްކަތް ކުރާ މީހުނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭނެ އެންމެ ކުޑަ އުޖޫރައިގެ އަދަދާ މެދު ބޯޑުން ލަފާ ދޭން ޖެހޭނެ އެވެ.

އެންމެ ކުޑަ އުޖޫރަ ދޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ އިމާރާތްކުރުމުގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާ، ޓޫރިޒަމްގެ ދާއިރާ، ތައުލީމީ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާއެވެ.